އިހަވަންދުއަށް އުދައެރި ހާދިސާ
ހާދިސާ ރިކައުންޓު
2021 މޭ 14ވަނަ ދުވަހުގެ މެންދުރެއްހާ އިރު، ހއ. އިހަވަންދޫ ހުޅަނގު ފަރާތުން އަލަށް ގޯތި ދޫކުރި ސަރަހައްދަށް އުދަ އަރައި ބޮޑެތި ގެންލުންތަކެއްވިއެވެ.
ރައްޔިތުންގެ އެހީތެރިކަމަށް ގޮވާލުމާ އެކު އަންހެނުންގެ ޓީމުތައް އިސްވެ ގޭގެއިން ހުސް ގޯނި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ފިރިހެނުންގެ ޓީމުތަކުން ގޯންޏަށް ވެލި އެޅުމާއި މަގުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ. ފުލުންހުންގެ އެހީތެރިކަމާ އެކު ޕެޓްރޯލް ޕަންޕުތައް ބޭނުންކޮށް ލޮނުގަނޑު ރަށުން ބޭރުކުރުމުގެ މަސައްކަތް ފެށިއެވެ.
އުދައަރަމުން ދިޔައީ ރަށުގެ ހުޅަނގުފަރާތުގެ އެކި ދިމަދިމާއިން ކަމަށްވެފައި މެދު ކެނޑުމެއްނެތި އުދަ އަރަމުންދާތީ ޕަންޕު ޖަހައިގެން ލޮނުގަނޑު ބޭރުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. ދެން މަސައްކަތްކުރީ ވެލި ބަސްތާތައް ޖަހައިގެންނާއި މަގުތަކަށް ވެލި ފުނިތައް ޖަހައިގެން، މީހުން ދިރިއުޅޭ ސަރަހައްދަށް ލޮނުގަނޑު ފެތުރުން ހުއްޓުވުމަށެވެ. 2 ޖެހި އިރު ވެސް އުދައަރާ ވަރަށް އުދައަރަމުން ދިޔައެވެ. އޭރު، ރަށުގެ ހުޅަނގު ފަރާތުގެ ބޮޑުބައި އޮތީ ލޮނު އަޑީގައެވެ. ލޮނުގަނޑުގެ އުސްމިން ބައެއް ހިސާބުތަކުގައި އާދައިގެ މީހެއްގެ އުނަގަނޑާ ހަމައަށް ހުއްޓެވެ. އަނެއްބައި ހިސާބުގައި ކަކޫތާފެނަށް ލޮނު ހުއްޓެވެ. މިކަމުގެ ސަބަބުން ނަރުދަމާ، ޖަންކުޝަންތަކުން ނަޖިސް ބޭރުވެ ރަށުތެރެއަށް ފެތުރިދާނެތީ ފެނަކައިގެ މުވައްޒަފުންނާ ގުޅިގެން ރައްޔިތުން ކުރި މަސައްކަތުން ޖަންކުޝަން ވަޅުތައް ސަލާމަތްކުރެވުނެވެ.
4 ޖަހަންވީ އިރު، ދިޔަވަރު ހިކެން ކައިރިވުމުން އުދައެރުން ކޮންމެ ވެސް ވަރަކަށް ހައްލެއް ލިބުނެވެ. ނަމަވެސް ލޮނުގަނޑު ރަށުން ބޭރުކުރެވޭނެ ގޮތެއް ނެތުމުން މަޝްވަރާތަކަށް ފަހު ނިންމީ ރަށުން، ކޯރު ކޮނެގެން ލޮނުގަނޑު ބޭރުކުރެވޭނެ ގޮތެއް ހެދުމަށެވެ. މިގޮތުން، ފަޅު ކޮނުމުގެ މަސައްކަތުގައި ބޭނުންކުރި އެކުސްކަވޭޓަރ ބޭނުންކޮށްގެން ރަށުގެ ހުޅަނގު އުތުރު ކަނުން ކޯރެއް ކަނޑައިލައި ލޮނުގަނޑު ބޭރުކުރުމުގެ މަސައްކަތް ފެށުނެވެ. އޭރު ހަވީރު 5 ޖަހަނީއެވެ. އެއް ކޯރުން ލޮނުގަނޑު ބޭރުވާ މިންވަރު މަދުވުމުން އެހެން ދިމާއަކުން އިތުރު ކޯރެއް ކޮނެ ލޮނުގަނޑު ބޭރުކުރުމުގެ މަސައްކަތް ކުރާން ނިންމިއެވެ. ދެވަނަ ކޯރު ކޮނެ ލޮނުގަނޑު ބޭރުކުރާން ފެށުނީ ގާތްގަނޑަކަށް އިރުއޮއްސި 7:30ވާން ކައިރިވެފައި ވަނިކޮށްނެވެ. ދެ ކޯރުން ލޮނުގަނޑު ބޭރުކުރާން ފެށުމުން ރަށުތެރޭގައި އުފެދިފައިވާ ލޮނުގަނޑު އަޑިވާންފެށިއެވެ. އުދައިގެ ސަބަބުން ރަށުގެ ހުޅަނގު ފަރާތަށް އެރި ލޮނުގަނޑު އެއްކޮށް ނުހިދުނު ނަމަވެސް ގާތްގަނޑަކަށް 8 ޖަހަންވީއިރަށް އާއްމު ހާލަތަށް ބަދަލުވިއެވެ.
އެ ދުވަހުގެ ހާދިސާގައި އިހަވަންދޫގެ ހަތަރު ބައިކުޅަ އެއްބަޔަށް ލޮނުގެ އަސަރުކުރިއެވެ. މިކަމުގެ ސަބަބުން، ހުޅަނގު ފަރާތުގައި ހަދައިފައިވާ ވަށަމަގު(ރިންގު ރޯޑު) ގިރައިލައި އެ މަގު އެއްކޮށް ހަލާކުވިއެވެ. އަދި ރަށުގެ އާއްމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިގޮތުން، ދަނޑުބިންތައް އެއްކޮށް ސުންނާފަތިވެ ގޭބިސީތަކަށް އެކިވަރުގެ ގެއްލުން ލިބުނެވެ.
މިއީ، ފަހުގެ ތާރީޚުގައި އުދަ އެރުމުގެ ސަބަބުން އިހަވަންދުއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އެއް ހާދިސާއެވެ. މި ހާދިސާގައި އިހަވަންދޫގެ ކުދިބޮޑު އެންމެންގެ ފަރާތުން އާދަޔާ ޚިލާފު އެއްބައިވަންތަކަމެއް ފެނިގެން ދިޔައެވެ.
****
ނޯޓު: މިއީ ސާނަވީ ގުރޭޑުތަކުގެ މަންހަޖުގައި ހިމެނޭ ހަގީގީ ރިކައުންޓް ކިޔަވައިދިނުމަށް ބޭނުންކުރުމަށް ލިޔެފައިވާ ހަގީގީ ރިކައުންޓެކެވެ. މި ރިކައުންޓް ބިނާކޮށްފައިވާނީ 2021 މޭ 14ވަނަ ދުވަހު އިހަވަންދުއަށް އުދައެރި ހާދިސާއަށެވެ.
ޚިޔާލުތައް ( 0)
ޚިޔާލު ހުށަހަޅާ
ހުރިހާ ޚިޔާލެއް ފެންނާނީ ބެލެހެއްޓުންތެރިޔާ ޤަބޫލުކުރުމަށްފަހުއެވެ.