އެސް އެސް ސީ

ކިޔަވާ ކުދީންގެ ކިބައިގައި ދަރުމައަށް މަސައްކަތްކުރުމުގެ ރޫޙު އުފެއްދުމަށް ސުކޫލުތަކަށް ޢަމަލު ކުރެވިދާނެ ގޮތް

އިރުޝާދުދޭ ލިޔުން

ކިޔުމުގެ އަކުރު
   ދަރުމައަށް މަސައްކަތްކުރުމަކީ ތިމާ ކުރާ ކަންކަމުން ތިމާއަށް މަންފާއެއް ނުލިބޭނެކަން އެނގި ހުރެ، މުޖުތަމައަށް ޓަކައި މަސައްކަތްކުރުމެވެ. ނުވަތަ އަމިއްލަ އެދުމެއް ނެތި މުޖުތަމައުގެ ލާބަޔާ މަންފާއަށް މަސައްކަތްކުރުމެވެ. އިހުތިބީންގެ ކިބައިން މި ސިފަ ފެނުނު ނަމަވެސް އަދުގެ ކިޔަވާ ކުދީންގެ ކިބައިން މި ރޫޙު ފެންނަ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުންނެވެ. އެހެންކަމުން، ކިޔަވާ ކުދީންގެ ކިބައިގައި ދަރުމައަށް މަސައްކަތްކުރުމުގެ ރޫޙު އުފެއްދުމަށް ސުކޫލުތަކަށް ޢަމަލުކުރެވިދާނެ ގޮތުގެ މުހިންމު ބައެއް އިރުޝާދު ހިއްސާކުރަމެވެ.
    ކިޔަވާ ކުދީންގެ ކިބައިގައި ހިލޭސާބަހަށް މަސައްކަތްކުރުމުގެ ރޫޙު އަށަގެންނެވުމަށް އެ ކަމުގެ މުހިންމުކަމާ ގުޅޭ ގޮތުން، ސުކޫލު ފެންވަރުގައި ދަރިވަރުން ހޭލުންތެރިކުރުވާށެވެ. މިކަން ސުކޫލުގެ އަހަރީ ކަލަންޑަރުގައި ހިމަނައި، ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާށެވެ. މިގޮތުން، ދަރުމައަށް މަސައްކަތްކުރުމުން ލިބޭނެ ސަވާބާއި ދަރުމައާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ޚާއްޞަ ދަރުހެއް ބާއްވާށެވެ. މީގެއިތުރުން، ދަރުމައަށް މަސައްކަތްކުރުމުން އިޖުތިމާއީ ގޮތުންނާއި ނަފުސާނީ ގޮތުން ލިބޭ ފައިދާ ހިއްސާކުރުމަށް ދަރުމަވެރީން ލައްވާ މައުލޫމާތުދިނުމުގެ ޚާއްޞަ ދަންފަޅިތައް ކުރިއަށް ގެންދާށެވެ. އޭރުން، ދަރުމައަށް މަސައްކަތްކުރެވޭނެ ގޮތްތަކާ އޭގެ ސަބަބުން ލިބޭ މަންފާތައް ދަރިވަރުންނަށް އެނގޭނެއެވެ.
    ހިލޭސާބަހަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު، ސުކޫލުތަކުން އިސްނަގައިގެން ދަރިވަރުންނަށް ހޯދައިދޭށެވެ. މިގޮތުން، މުޖުތަމައުގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުމަށް ތަމުރީނުކުރުމަށް ހިންގާ ޔުނީފޯމު ހަރަކާތްތައް ކަމަށްވާ ސްކައުޓް، ގައިޑު އަދި ކެޑޭޓު ފަދަ ހަރަކާތްތައް ސުކޫލުތަކުގައި ކުރިއަށްގެންދާށެވެ. އެފަދަ ހަރަކާތްތައް ސްކޫލުގައި ފަށައިފައިނުވާ ނަމަ އެ ފަދަ ހަރަކާތްތައް ފަށާށެވެ. މިހާރު ވެސް ހަރަކާތްތައް ހިންގާ ނަމަ، އެ ހަރަކާތްތައް ރަނގަޅަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭށެވެ. މީގެއިތުރުން، ރަށުގައި ކުރިއަށް ގެންދާ ދީނީ އަދި އިޖުތިމާއީ ހަރަކާތްތަކުގައި ދަރިވަރުންނަށް ބައިވެރިވެވޭނެ އިންތިޒާމުތައް ސުކޫލުގެ ފަރާތުން ހަމަޖައްސާދޭށެވެ. މިގޮތަށް ކަންކުރުމުން، މަދަރުސީ ދައުރުގައި ވެސް ދަރުމަވެރި ހަރަކާތްތަކުގައި ޢަމަލީ ގޮތުން ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
      ކިޔަވާ ކުދީންގެ ކިބައިގައި ދަރުމަވެރި ރޫޙު އުފެއްދުމަށް، އެ ފަދަ ހަރަކާތްތަކުން ފާހަގަކޮށްލެވޭ ދަރިވަރުންގެ އަގުވަޒަންކުރުމަށް ތަފާތު ހަރަކާތްތައް ސުކޫލު ފެންވަރުގައި ރާވާ ހިންގާށެވެ. މިގޮތުން، ރަށާއި އަތޮޅާއި ޤައުމީ ފެންވަރުގެ އިތުރުން ސުކޫލުތަކުގައި ހިންގާ ދަރުމަވެރި ހަރަކާތްތަކުން ފާހަގަވާ ދަރިވަރުންގެ އަގުވަޒަންކުރުމަށް، އަހަރަކު އެއް ފަހަރު ޚާއްޞަ ހަފުލާއެއް ބާއްވާށެވެ. އެ ހަފުލާގައި ދަރިވަރުންގެ ފަރާތުން މުޖުތަމައަށް ފޯރުކޮށްދެވުނު ޚިދުމަތްތައް ފާހަގަކުރާށެވެ. އަދި އެ ކަންކަމުގައި ޝާމިލުވި ދަރިވަރުންގެ އަގުވަޒަންކޮށް އިނާމާއި ހަނދާނީލިޔުން ދޭށެވެ. ހަމައެހެންމެ، ޔުނީފޯމު ހަރަކާތްތަކުން ފާހަގަވާ ދަރުމަވެރީންގެ އަގުވަޒަންކުރުން ވެސް އެ ހަފުލާގައި ކުރިއަށްގެންދާށެވެ. އޭރުން، ދަރުމަވެރި ހަރަކާތްތަކުގައި އުޅޭ ދަރިވަރުންނަށް އިތުރު ހިތްވަރެއް ލިބުމާ އެކު އެކަމަށް ޝައުޤުވެރިވާ ދަރިވަރުންގެ އަދަދު އިތުރުވާނެއެވެ.
     ކިޔަވާ ކުދީންގެ ކިބައިގައި ދަރުމަވެރިކަމުގެ ރޫޙު އާލާކުރުމަށް ސްކޫލުތަކުގައި ތަފާތު ހަރަކާތްތައް ރާވާ ހިންގާށެވެ. މިގޮތުން، ދަރުމަވެރިކަމާ ގުޅޭ ގޮތުން ދަރިވަރުން ހޭލުންތެރިކުރުވާށެވެ. ހަމައެހެންމެ، ދަރިވަރުންނަށް ދަރުމަވެރިކަމުގެ ހަރަކާތްތަކުގައި ބައިވެރިވެ އުޅެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރާށެވެ. މީގެއިތުރުން، ދަރުމަވެރި ދަރިވަރުންގެ އަގުވަޒަންކުރުމުގެ ހަރަކާތްތެއް ކޮންމެ އަހަރަކު ވެސް ސުކޫލު ފެންވަރުގައި ކުރިއަށް ގެންދާށެވެ. މި އިރުޝާދުތަކާ އެއްގޮތަށް ސުކޫލުތަކުން ހަރަކާތްތައް ރާވާ ހިންގުމަށް ސަމާލުކަންދޭށެވެ. އޭރުން، ކިޔަވާ ކުދީންގެ ކިބައިގައި ދަރުމައަށް މަސައްކަތްކުރުމުގެ ރޫޙޫ އާލާވެގެންދާނެއެވެ.   

0

ޚިޔާލުތައް ( 0)

ޚިޔާލު ހުށަހަޅާ

ހުރިހާ ޚިޔާލެއް ފެންނާނީ ބެލެހެއްޓުންތެރިޔާ ޤަބޫލުކުރުމަށްފަހުއެވެ.

ކިޔަން ރުހޭނެ ފޮތްތައް