އެޗް އެސް ސީ

ފިލާވަޅުތަކުން ފުރިހަމަވި ފިލާދޫ ދަތުރު

ދަތުރުނާމާ

ކިޔުމުގެ އަކުރު
2026 މާރިޗު 4ވީ ހޮނިހިރު ދުވަހު ހެނދުގެ 6:30ގައި، ހއ. ހަނިދޫން ފުރައިގެން ހއ. ފިލާދުއަށް، އަޅުގަނޑު (މުޙައްމަދު ޔަނާލް، މެންދަމުގެ، ހއ. ހަނިދޫ) ދަތުރެއްކުރީމެވެ. މިއީ، ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި އަޅުގަނޑުމެންގެ ސްކޫލުން ބައިވެރިވާ ޓީމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ބޭނުމުގައި އެ ދުވަހު ކުރި ދަތުރުގެ ދަތުރުނާމާއެވެ. "އަހުން" ދޯނީގައި ކުރި މި ދަތުރުގައި ބައިވެރިވީ އެ މުބާރާތުގައި ސްކޫލުން ބައިވެރިވާ މަތީ ސާނަވީ ޓީމުގައި ހިމެނޭ 5 ދަރިވަރުންގެ އިތުރުން ސްކޫލުގެ 3 ދިވެހި މުދައްރިސުންނާއި ޕްރިންސިޕަލެވެ.
ދުވަހަކީ އިރުވައި މޫސުމުގެ ހިތްފަހި ދުވަހަކެވެ. ކަނޑިންމައިން ނުކުމެގެން ހަނިދުއާއި ނަސްފަރާ ދެމެދުން ދިމާ މުރިނގަށް މިސްރާބު ޖަހައިފާ ދޯންޏާ ހަނގާކުރަމުން ދިޔައީ ފަތިހުގެ ތެތްފިނިކަމެވެ. ލޯތައް ތަރަތަރަ ޖަހުވަމުން ދިޔައީ އިރުގެ ތެވެލިތަކުން މޫދަށް އެޅިފައިވާ ރަންރީނދޫ އަލިންނެވެ. ފެންނަމުން ދިޔަ މަންޒަރުތައް ފޯނުގައި ރައްކާކުރުމުގައި އަޅުގަނޑުގެ އިތުރު އެހެން ބައިވެރިން ވެސް އުޅުނެވެ. ނިޔާމަ ދަތުރަކަށް ފަހު، ފިލާދުއަށް ބަނދަރުކުރެވުނީ ހެނދުނު 7 ޖަހަނިކޮށްނެވެ.
އަޅުގަނޑުމެންގެ އިސްތިގުބާލުގައި، އެ ރަށު ސްކޫލުގެ ސްކޫލުގެ އިސްވާރުން ބަނދަރުގައި ތިއްބެވެ. ރެސްވެތިބި އެންމެންނާ ސަލާންގަލާން ކުރުމަށް ފަހު، ލިބުނު ދޮންދަނބުރުކުގެ ކުރުނބާއިން އަރުތެންމާލުމަށް ފަހު، އަވަސްވެގަތީ އެއްގަމާ ދިމާއަށް ދިޔުމަށެވެ.
މި ދަތުރުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ އަޅުގަނޑުމެން ސްކޫލުން ބޭނުންވި ގޮތަށް ފިލާދޫ ސްކޫލުގެ އެހީތެރިކަމާ އެކުގައެވެ. ހެނދުނުގެ ނާސްތާ ހަމަޖައްސާފައިވަނީ ފިލާދޫ ސްކޫލުން ކަމަށްވާތީ މިސްރާބު ޖެހީ ސީދާ ސްކޫލާ ދިމާއަށެވެ. ފަސްވަރަކަށް މިނެޓަށް ފަހު ސްކޫލަށް ވަދެވުނެވެ. ހުދާއި ފިޔާތޮށިކުލައިގެ ބޯގަންވިލާ މާތަކާއި ދޮރާށި މައްޗަށް ގުދުވެ އޮތް ކަނީރުގަހުގެ ވައި އޮފިތަކުގައި ރަސްކަންކުރަމުން ދިޔަ މާތައް ތުއިދައްކަމުން އަޅުގަނޑުމެންނަށް ކުރުނީސް ކުރަމުން މަރުހަބާއެއް ކިޔެވެ. އެއީ އަޅުގަނޑުމެންގެ ސްކޫލާ އަޅައިބަލާ އިރު، ފެހިކަންގަދަ ރީތި ސްކޫލެކެވެ. ނާސްތާއަށް ފަހު ތިބުމަށް ހަމަޖެހިފައިވާ ގެއަށް ގޮސް ތާޒާވުމަށް ފަހު، ރަސްމީ މަސައްކަތަށް ފައި ހިއްލައިލެވުނު އިރު ގަޑިން 8:30ވަނީއެވެ.
އެންމެ ފުރަތަމަ އޮތީ އެ ރަށުގައި ހުރި "ބޮޑުތުންމަނިކުފާނުގެ ޒިޔާރަތާ" ގުޅޭ މައުލޫމާތު އެއްކުރުމެވެ. ޒިޔާރަތް ހުންނަނީ ސްކޫލު ކައިރީގައެވެ. އެ ތަނަށް ދެވުނު އިރު، މައުލޫމާތު ހިއްސާކުރުމަށް އެ ރަށުގެ އިސްރަށްވެއްސެއް ކަމަށްވާ ފީރޯޒުގެ، މުޙައްމަދު މޫސާ ހުއްޓެެވެ. އެ ޒިޔާރަތާ ގުޅޭ ފުރިހަމަ ތަސްވީރެއް އޭނާގެ ވާހަކަތަކުން ސިކުނޑީގެ މަކާނުގައި ކުރަހައިލެވުނެވެ. މައުލޫމާތު ހިއްސާކޮށް ނިމުމުން އެ ހަރަކާތުގައި ބައިވެރިވި އެންމެން ހިމެނޭ ގުރޫޕު ފޮޓޯއެއް ނެގީމެވެ. އޭރު، ގަޑިން 10:10ވަނީއެވެ.
ދަތުރުގެ ކަމާކެމީގައި ކުރިއަށް އޮތް ނަންބަރަށް ވަގުތު ހޯދުމުގެ ގޮތުން، ރަށު ކައުންސިލުގެ ބަގީގައި އަޅުގަނޑުމެން މިސްރާބު ޖެހީ އެ ރަށު އާސާރީ މިސްކިތާ ދިމާއަށެވެ. އެއީ އެ ރަށު އާސާރީ މިސްކިތާ ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތެވެ. ކުލަކުލައިގެ ބޯގަންވިލާ ގަސްތަކުން ޒީނަތްތެރިވެފައިވާ މަގުތައް ފަސްދެމުން، ރަތްދަކައަވީގައި ރަށުގެ ހުޅަނގުން ދެކުނަށް ގާތްގަނޑަކަށް ވިއްސަކަށް މިނެޓުގެ ދިގު ދަތުރެއް ކުރާން ޖެހުނެވެ. އާސާރީ މިސްކިތް ހުރީ މީހުން އުޅޭ ސަރަހައްދާ ތަންކޮޅެއް ދުރުގައި ކަމަށްވާތީއެވެ. އެ ތަނަށް ދެވުނީ 11 ޖަހަން ވެފައި ހުއްޓައެވެ.
އާސާރީ މިސްކިތާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ވަޑައިގެން ހުންނެވީ ރަށު ކައުންސިލްގެ ރައީސް މޫސާ ޝަރީފެވެ. އެ މިސްކިތާ ގުޅޭ ވަރަށް ތަފުސީލީ މައުލޫމާތުތަކެއް އޭނާ ހިއްސާކުރެއްވިއެވެ. ހުރިހައި މައުލޫމާތަކުން ވެސް އެންމެ އަޅައިގަތީ އެ މިސްކިތުގައި އޮންނަ "ރަށްގުޑާ ތަވާ"ގެ ވާހަަކައެވެ. އެވޭލާއިން މި ވެލާއާ ހަމައަށް ވެސް އެ ރަށު މީހުން ޤަބޫލުކުރަނީ އެ ތަވާގައި އަތްލައިިފި ނަމަ އެ ރަށް ގުޑާނެ ކަމަށެވެ. އެ ހުރިހައި މައުލޫމާތުން ސިކުނޑި ބަރާކޮށްގެން ނުކުމެވުނީ މެންދުރަށް ގޮވާން ކުޑަތަންވެފައި ވަނިކޮށް 12:15ގައެވެ. އެހެންވެ ގެއަށް ގޮސް ތާޒާވުމަށް ފަހު، އެ ވަގުތުގެ ވާޖިބު އަދާކޮށް ނިންމައިލުމަށް ފަހު ތައްޔާރުވީ 'ގޮހުރު ވަޔަށް ތެޅޭތީ' އެކަމަށް އިޖާބަދިނުމަށެވެ.
މެންދުރުގެ ކެއުން ހަމަޖައްސާފައި އޮތީ ރަށުގެ މަޝްހޫރު "ދޮންފުތު ރެސްޓޯރެންޓު"ގައެވެ. ބަގީގައި އެތަނަށް ދެވުނު އިރު 13:30ވަނީއެވެ. އަޅުގަނޑުމެންގެ އިންތިޒާރުގައި، ދެ ލޯ ބޮޑުކޮށްގެން ރީތި ގޮތަކަށް ހިނިތުންވެލައިގެން ތިބި ތަށިތަކާއި ސަމުސާތައް ފެނި އިށީންނަންވީ ތަން ފާހަގަކުރެވުނެވެ. ގޮނޑީގައި ހަމަނުޖެހެވެނީސް، ކާނާގެ ބާވަތްތަކުން މޭޒުމަތި ބަރާކުރުމުގެ ޒިންމާއާ ހަވާލުވެ ތިބި ހުދުހެދުން ވެރީން ހަރަކާތްތައް ފެށުނެވެ. ކެއުމުގެ ރަހަތަކަށް ފަސްތަރީން ކުލަދިނުމަށް ފަހު މިސްރާބުޖެހީ ބަނދަރާ ދިމާއަށެވެ.
ބަނދަރަށް ނުކުމެވުނީ މެންދުރުންއަނބުރައި 2:05 އެހައިކަންހައި އިރުއެވެ. އަލްވަދާއު ކިޔުމަށް ހާޒިރުވެ ތިއްބެވި އެ ސްކޫލުގެ އިސްވާރުންނާ ސަލާމްގަލާންކޮށް، ޝުކުރު އަދާކުރުމަށް ފަހު ދޯންޏަށް އެރުނު އިރު 2:15ވަނީއެވެ. ހިތްފަހި އަމާން ދަތުރަކަށް ފަހު އެނބުރި ރަށަށް އާދެވުނީ، 2:45 އެހައި ކަންހައި އިރުއެވެ. މި ދަތުރުން އެ ރަށުގެ މުހިންމު އާސާރީ ބިނާތަކާ ގުޅޭ އެތައް މައުލޫމާތެއް ލިބުނެވެ. މި މައުލޫމާތުތަކުގެ ސަބަބުން ވާހަކަދެއްކުމުގެ ޤައުމީ މުބާާރާތަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތް އިތުރު ފަހިކަމެއް އަޅުގަނޑާއި އަޅުގަނޑުމެންގެ ޓީމަށް ލިބިގެންދިޔައެވެ. 
----------------------------------------------------------------------------------------
ސުވާލު:
ހއ. ހަނިދޫ ސްކޫލުން، ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަށް ތައްޔާރުވާ މަތީ ސާނަވީ ދަރިވަރުންގެ ޓީމުން، އެ އަތޮޅު ފިލާދޫގައި ހުންނަ އާސާރީބިނާތަކާ ގުޅޭ މައުލޫމާތު އެއްކުރުމުގެ ދަތުރެއްކުރިއެވެ. މި ދަތުރު ވެގެންދިޔައީ އެ ދަތުރުގެ ބައިވެރިންނަށް ތަފާތު ތަޖުރިބާތަކެއް ލިބުނު ދަތުރަކަށެވެ. އެހެންކަމުން، 'ރަދުން' ނޫހުގައި ޝާއިޢުކުރުމަށް ޓަކައި، މި ދަތުރުގެ ދަތުރުނާމާ ލިޔާށެވެ! ދަތުރުނާމާ ލިޔާނީ މި ދަތުރުގައި ބައިވެރިވި ހއ. ހަނިދޫ، މެންދަމުގޭ މުޙައްމަދު ޔަނާލްގެ ނަމުގައެވެ.
 

0

ޚިޔާލުތައް ( 0)

ޚިޔާލު ހުށަހަޅާ

ހުރިހާ ޚިޔާލެއް ފެންނާނީ ބެލެހެއްޓުންތެރިޔާ ޤަބޫލުކުރުމަށްފަހުއެވެ.

ކިޔަން ރުހޭނެ ފޮތްތައް