ބަހަވިއްޔާތު

ފޮތުން އުފާ ހާސިލުކުރާ މަންޒަރުން ނަމޫނާ ދައްކަން ޖެހޭ

މަގާލު

ކިޔުމުގެ އަކުރު
މުނާޖާ ކޮނޑުއަޅައިގެން ތެދުވެ ކަނާއަތު ޝަހާދަތް އިނގިއްޔަށް ކޮފީތަށި މަހައިލައިގެން، ފަތިހު ނުކުތް ނޫސް އުނގަށްލައިގެން ދިވެހި ކާފައާއި މާމައާއި ބައްޕަ އަދި މަންމަ ވެސް ތިބޭން ވެއްޖެއޭ ބުނެފި ނަމަ ހަޖޫ ޖަހާނެ މީހުން އަދު ވަރަށް ގިނަވާނެއެވެ. ނަމަވެސް، ދިވެހީން ނަމޫނާއަކަށް ބަލައިގެން ގޮތްތަކާއި އުސޫލުތައް ނަކަލުކޮށް، އެ ވެރިންގެ މަންހަޖުން ދިރިއުޅުން އާރާސްތުކުރާ ކަރަތަކާއި ސަހަރުތަކުން ކުލަވާ މަންޒަރަކީ މިއެވެ. ތަސްވީރުކޮށްދޭ ވާހަކައަކީ މިއެވެ. ޒަމާނުންސުރެ ދަސްކޮށްދޭ ފިލާވަޅަކީ ވެސް މިއެވެ. ލަދުވެތިވެ އިނދެ، މި ދައްކަނީ ފޮތްތެރިކަމަށް ދިވެހީން ބީރައްޓެހި ކަމުގެ ވާހަކައެވެ. ފޮތާ ދުރުވާހަކަތަކެވެ.
 
ފޮތްތެރިކަމުގެ ސަގާފަތަކީ ޖީލުން ޖީލަށް ނަގުލުވާ އާދައެކެވެ. ސަގާފަތެކެވެ. ބައެއް މުޖުތަމައުތަކުގައި އެއީ ސަގާފީ ރަސްމެކެވެ. ނަމަވެސް، ދިވެހީންތޯއެވެ. މި އާދަ ހަރުލައްވަން ތަރުބަވީ ވެށިތަކުގައި ލެވޭ ހިތްވަރުގައި ބުންވަރެއް، ފަންވަރެއް ނެތެވެ. އާއިލީ ވެށިތަކުން އެ ކަން ތަމްސީލެއް ނުވެއެވެ. އާއެކެވެ. ދިވެހީންނަކީ ފޮތާއި ބީރައްޓެހި، ފޮތްކިޔުމަކީ މުހިއްމު ކަމެއް ކަމުގައި ނުދެކޭ ބަޔެކެވެ. ވަކީން ޚާއްޞަކޮށް ޒުވާނުންނާއި އާއްމުން މިކަމުގައި ލާމަސީލޭ ދަންނަވަން ޖެހެއެވެ. އެ މީހުންގެ ނަޒަރުގައި ފޮތްކިޔުމަކީ ހަމައެކަނި ކިޔަވާ ކުދީންގެ މައްޗަށް ލާޒިމުވާ ކަމެކެވެ. ނަމަވެސް، އެއީ ކަން އޮތް ގޮތް ހެއްޔެވެ؟
 
އެއްބަހެވެ. ޒަމާނާއި ހާލަތު ބަދަލުވެއްޖެއެވެ. ގަދީމީ ބައެއް ގޮތްތައް ދޫކޮށް ލުއި ފަސޭހަ ގޮތްތަކަށް ހިތްދޫކޮށްލެވިއްޖެއެވެ. އެ ބަދަލަށް ހޭނެން ގޮވާ ގޮވުންތަކާ އެކު އެ ކަމަށް ވެށިތަކާއި ސިކުނޑިތައް ވެސް ހާނަމުން އެބަ ގެންދަމުއެވެ. ނަމަވެސް، ބައެއް ކަންކަމަކީ ކިތައްމެ ވަރަކަށް ޒަމާނަށް ހިމުންކުރި ނަމަވެސް، ބަދަލުކުރާން ދަތިކަންކަމެވެ. ޠަބީއީ ކަންކަމާއި އިންސާނީ ބާރު ނުފޯރާ ކަންކަން މި ފަސްލުގެ ފިހުރިސްތަށް އިތުރުކުރާން މަޖުބޫރުވެއެވެ. މި ދެންނެވި ދާއިރާތަކަށް ދިރާސާވެރީން ހަމައެކަނި ކަޅިއެޅީއެއް ނޫނެވެ. ޢަމަލުން އެކަން ސާބިތުކޮށް އޭގެ ނިމުތުގައި ހުރިކަންކަން ތިލަކޮށްދިނީއެވެ. ހާމަކޮށް ބުނެދީ ކިޔައިދިނީއެވެ. މިގޮތުން، ދިރާސީ ލެންސު އަމާޒުކުރި އެއް ދާއިރާއަކީ ފޮތްކިޔުމުގެ ފަންނެވެ. ޢިލްމީ އަރުޝީފުތަކާއި ޤައުމީ ކުތުބާޚާނާތައް އިނގިލިކުރިއަށް ތިލަވެފައިވާ ޒަމާނަކަށް ވާތީ، އެންމެ މަންފާ ބޮޑީ ސްކުރީނަށް ބަލައިގެން ކިޔައިގެންތޯ ނުވަތަ ޗާޕުކުރި ފޮތުން ކިޔައިގެންތޯ އަޅައިބަލައި ވަޒަންކުރުމެވެ. ނަތީޖާ ވަރަށް ސާފެވެ. ޢިލްމީ މުފައްކިރުންނާއި ދިރާސާވެރީންނަށް އިއްތިފާގުވެވުނު ޙަޤީޤަތަކީ ފޮތްކިޔުމުގެ އުފަކާރަ އެންމެ ރަނގަޅަށް ހާސިލުކުރެވެނީ ޗާޕުކުރި ފޮތުން ކިޔުމުންކަމެވެ.
 
ތެދެކެވެ. އަދު ގިނަ ދަރިވަރުންނާއި ޒުވާނުންގެ މިތުރަކީ ސްކުރީނުތަކެވެ. މި ފަދަ ޒަމާނެއްގައި ޗާޕުކުރި ފޮތެއް ބަލައިގެން ކިޔުމަކީ ލަދުވެތި ކަމަކަށް ބައެއް ޒުވާނުންނަށް ހީވާ ކަހަލައެވެ. އެއީ ބޯދާ ޚިޔާލެއް ކަމަށް ވަކާލާތުކުރެވޭ ދޫތައް އިތުރުވެއްޖެއެވެ. އެހެންވެ، ފޯނާއި ޓެބްލެޓް ނުވަތަ ކޮންމެ ވެސް ސްކުރީނަކުން ބަލައިގެން ކިޔުން އާދައަކަށް ހަދައިގެން ޒުވާނުން އެކަން ކުރެއެވެ. އެގޮތަށް ބެލެނިވެރީންގެ ވިސްނުން ވެސް ދީލައިލަމުން އެބެދެއެވެ. މަދަރުސީ ދަރިވަރުން ވެސް ފިލާވަޅު ދަސްކުރުމަށް ސްކުރީނު އިސްކުރެވޭ މަންޒަރު އެބަ ފެނެއެވެ. މިއީ ޒަމާނާ އެކު އުނގެނުމަށް ގެނުވި ހެޔޮ ބަދަލެކެވެ. ފަހަރެއްގައި ސްކުރީނުން ބަލައިގެން ކިޔުމަކީ ދަތިކަމަކަށް ނުވެ ހިނގައިދާނެއެވެ. ފައިދާތަކެއް ވެސް ލިބިދާނެއެވެ. ނަމަވެސް، ބަލާން ޖެހޭނީ ގެއްލުމަށް ވުރެ ބޮޑަށް ލިބެނީ ފައިދާތޯއެވެ. 2014ވަނަ އަހަރު ނޯވޭގެ ސްޓާވަންޖާ ޔުނިވަރސިޓީން އާއްމުކުރި ދިރާސާއިން ދައްކަނީ ތަފާތު މަންޒަރެކެވެ. ޗާޕުކޮށްފައިވާ ފޮތުން ކިޔައިގެން ދޭހަވާ މިންވަރާއި ސްކުރީނުން ބަލައިގެން ކިޔުމުން ދަރިވަރުންނަށް ދޭހަވާ މިންވަރުގައި ތަފާތު ހުންނަ ކަމެވެ. އެގޮތަށް ދިމާވަނީ ޗާޕުކޮށްފައިވާ ފޮތުން ކިޔާ އިރު، ކަރުދާހުގެ ޠަބީއަތަށް ލޮލުގެ ނަޒަރު ސީދާ ކުރެވޭ މިންވަރާއި ގޮތްތައް އިތުރުވެ، ސިކުނޑީގެ އޮނިގަނޑުތަކުގައި މައުލޫމާތު އަތުރައި ރައްކާކުރުމަށް އަމާޒުކުރެވޭ މިންވަރު ފަރަގުވާތީ ކަމުގައެވެ. 

ދިވެހީންގެ ތަހުޒީބު ވިސްނުމުގެ ވާހަކަ އެއް ފަރާތްކޮށްލާ ދިރާސާވެރީންގެ ޚިޔާލުތަކަށް ނަޒަރެއް ދެމާ ހިންގަވާށެވެ. ވޯލްޑް ލިޓަރޭސީ ފައުންޑޭޝަނުން 2018ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގޭގައި ގަވާއިދުން ފޮތް ކިޔާ ދަރިވަރުން ސްކޫލުގައި ރަނގަޅު ނަތީޖާއެއް ނެރެއެވެ. އެ ދަރިވަރުންގެ ބަސްކޮށާރުގެ މުއްސަނދިކަން އިންތިހާއަށް އިތުރުވެއެވެ. ތަނަވަސް ޚިޔާލުތަކާއި އީޖާދީ ވިސްނުންތައް ނެރޭ މިންވަރު މައްޗެވެ. ވަކީން ޚާއްޞަކޮށް ޗާޕުކުރި ފޮތުން ކިޔާ ދަރިވަރުންނާއި ސުމޭކު ފޮތުން ކިޔާ ދަރިވަރުންގެ ފެންވަރު އުޑާއި ބިމާހާ ތަފާތެވެ. މައްސަލަ ހައްލުކުރުމުގެ ޤާބިލުކަން ރަނގަޅު ކަމަށް މި ދިރާސާއިން ފާހަގަވީ ޗާޕުކުރި ފޮތުން ކިޔާ ދަރިވަރުންނެވެ. އެ ދިރާސާގައި ބުނެފައި ވަނީ އާދައެއްގެ ގޮތުގައި ދުވާލަކު އެންމެ މަދުވެގެން ޗާޕުކޮށްފައިވާ ފޮތެއް ބަލައިގެން، 15 މިނެޓު ކިޔުމަށް ހޭދަކުރާ މީހާއަށް ނޭނގި ނަމަވެސް، ދިގު މުއްދަތަކަށް ފައިދާތަކެއް ލިބޭނެ ކަމަށެވެ. އެއީ ފޮތުން ބަލައިގެން ކިޔާ ނަމަ ސިކުނޑީގެ ބަހުގެ ރަދީފު މުއްސަނދިވެ، ޚިޔާލާއި ޖަޒުބާތުތައް ހަރުދަނާވެ، މައުރޫފީ (ކޮގްނެޓިވް) ޤާބިލުކަމަށް ހެޔޮ އަސަރުކޮށް، ވިސްނުން ތިޔާގި ވާތީއެވެ. އަދި ވާހަކަތަކުގައި އުޅޭ ޝަޚްޞިއްޔަތުންނާ މެދު ފިކުރު ހިންގި އެ މީހުންގެ އިހުސާސްތައް ތަޖުރިބާކުރެވި މުޖުތަމައުގެ ކެކުޅުންތައް އިހުސާސްކުރާން މަގުފަހިވާތީއެވެ.

ސްކުރީނުން ބަލައިގެން ކިޔުމަށް ނޫނެކޭ ބުނާން ޖެހެނީ ކީއްވެހޭ އަހައިފާނެއެވެ. ޖަވާބު ސާދާވެފައި ސީދަލެވެ. އެހެނީ، ސްކުރީނަށް ބަރޯސާވުމުކީ މިއަދު ބައްޔެއް ކަމަށް ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން ކަނޑައަޅައިފައިވާ ކަމެކެވެ. އެ ވާހަކައިގެ ފުނަށް ނުގޮސް ބާއްވަމާ ހިންގަވާށެވެ. ދެވަނަ ސަބަބަކީ، ސްކުރީނަށް ބަރޯސާވުމުން ހަށިގަނޑުގައިވާ ޠަބިއީ ގަޑިއަށް (ބައޮލޮޖިކަލް ކްލޮކަށް) ރޭގަނޑާއި ދުވާލުގެ ވަގުތު އޮޅެން މަގުފަހިކުރުވުމެވެ. ނިދުމަށް ތައްޔާރުވާ އިރު، ސްކުރީނު ބަލާ ނަމަ ހަށިގަނޑުގައި އުފައްދާ މެލްޓޯނިން ކެމިކަލް އުފައްދާ މިންވަރު ދަށްވާކަން މިހާތަނަށް ކޮށްފައިވާ އެތައް ދިރާސާއަކުން ބުރުހާނުކޮށްދެއެވެ.

ޗާޕުކުރި ފޮތް ޚިޔާރު ކުރާން ކޮންމެހެން ޖެހޭ ސަބަބަކީ، ސްކުރީނުން ބަލައިގެން ކިޔުމަށް ވުރެ ބޮޑަށް، ޗާކުރި ފޮތުން ކިޔުމުން ހަނދާނުގައި މައުލޫމާތު ރައްކާކޮށްދިނުމުގެ ޤާބިލުކަން އިތުރުކޮށްދޭތީއެވެ. އެއީ، ފޮތުން ބަލައިގެން ކިޔާ އިރު، ފޮތުގައިވާ މައުލޫމާތުތައް އެތުރިފައި ވަނީ ކޮން ތަނެއްގައިކަން އަދި ލަފުޒުތައް ވަނީ ޖުމުލައިގެ ކިހައި ހިސާބެއްގައިކަން، ފޮތުގެ ގަނޑުގެ ސިފަތަކުގައިވާ ފަރަގުތަކާ އެކު އަހަރުމެންނަށް އެނގުމަކާ ނުލައި ސިކުނޑީގައި ރެކޯޑުކުރެވޭތީއެވެ. އާޚިރު ނަތީޖާއަކަށް ވަނީ، ޗާޕުކޮށްފައިވާ ފޮތުން ބަލައިގެން ކިޔުމުން ދޭހަވާ މިންވަރު މަތިވުމެވެ. ފޮތް ކިޔާ ކުއްޖާގެ ސިކުނޑީގައި މައުލޫމާތު ހަރުލާ މިންވަރު ދެގުނަވުމެވެ.

މިހާހިސާބުން ޤަބޫލުކުރާންވީ ޙަޤީޤަތަކީ ކިޔުމަކީ ހަމައެކަނި ހުނަރެއް ނޫނެވެ. އެއީ އާދައަކަށް ހަދަންޖެހޭ ރަސްމެއް ކަމެވެ. ސުމޭކީ ވަސީލަތްތައް ކަމަށްވާ ފޯނާއި ޓެބްލެޓާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކުގެ ސްކުރީނުން ކިޔުމާއި ޗާޕުކޮށްފައިވާ ފޮތަކުން ކިޔުމާ ތަފާތުވާނެ ކަމެވެ. ޢިލްމީ މައިދާނުގައި ކުރިއަށް ދާން ބޭނުން ނަމަ އިސްކުރާންވީ ފޮތްކަމެވެ. ދައްކަންވީ ފޮތުން އުފާ ހާސިލުކުރާ މަންޒަރެވެ. ނަމޫނާ ދައްކަންވީ ތަރުބަވީ އުނގުތަކުންނެވެ. މަދަރުސީ ވެށިތަކުންނެވެ. ވާންވީ ފޮތް ކިޔުމުން އުފާ ހާސިލުކޮށް ފޮތްތެރިކަން އިސްކުރާ ބަޔަކަށެވެ. އޭރުން، މާދަމާ ދިވެހި ކާފައާއި މާމަ ވެސް ފަތިހުގެ ފިނިކަމަށް ނުކުމެ ކޮފީތަށްޓަށް އިންސާފުކުރާނީ ނޫސް އުނގަށް ލައިގެން ކިޔުމުން އުފާ ހާސިލުކުރަމުންނެވެ.

0

ޚިޔާލުތައް ( 0)

ޚިޔާލު ހުށަހަޅާ

ހުރިހާ ޚިޔާލެއް ފެންނާނީ ބެލެހެއްޓުންތެރިޔާ ޤަބޫލުކުރުމަށްފަހުއެވެ.

ކިޔަން ރުހޭނެ ފޮތްތައް