ބަހަވިއްޔާތު
އަހަރުމެންގެ ބަހުން އަހަރުމެންނަށް އަންގައިދެނީ ކޮން ކަމެއް ހެއްޔެވެ؟
މަގާލު
ކިޔުމުގެ އަކުރު
ބަހަކީ ހަމައެކަނި ވާހަކަދެއްކުމަށް ބޭނުންކުރާ ވަސީލަތެއް ނޫނެވެ. ބަހަކީ ވަރަށް ގިނަ ފިލާވަޅުތަކެއް ގިނަ ކަންތައްތަކެއް ހާމަކޮށްދޭ ވާސިތާއެކެވެ. ވަރަށް އަގުހުރި އިރުޝާދުތަކެއް އަންގައިދޭ އެއްޗެކެވެ. އަމިއްލަވަންތަކަން އަންގައިދޭ ޢިލްމީ ކަނޑެކެވެ. ކުރުކޮށް ދަންނަވާނަމަ އެ ބައެއްގެ އަމިއްލަބަހުން އެ ބަޔަކީ ކޮން ބަޔެއްކަށް، އެ މީހަކީ ކާކުކަން ތަސްވީރުކުރުވާނެއެވެ. އެ މީހެއްގެ ސިފަތައް ހާމަކޮށް، ބަޔާންކޮށްދޭނެއެވެ. އަހަރުމެންގެ ބަސް، ދިވެހިބަހުން ވެސް މި ހުރިހާ ކަމެއް ފުރިހަމައަށް ތަރުތީބުކޮށް ތަރުޖަމާ ކޮށްދެއެވެ. ކޮށްދޭނެއެވެ.
ތަނެއްގައި އޮންނަ އެއްބައިވަންތަކަން އެންމެ ބޮޑަށް ދައްކުވައިދެނީ އެ ބައެއްގެ ބަހުންނެވެ. ދިވެހިބަހަށް ނަޒަރު ހިންގައިލާ އިރު، ބަހުގެ ތެރެއިން އެއްބައިވަންތަކަން އެންމެ ބޮޑަށް ހާމަ ވަނީ ބަހުރުވަތަކުގެ އަހުލުވެރިންގެ ފަރާތުންނެވެ. އައްޑޫ މީހަކާއި އައްޑޫ މީހަކު ބައްދަލުވުމުން ވާހަކަދެއްކުމަށް ބޭނުންކުރަނީ އައްޑޫ ބަހުރުވައެވެ. މިކަމުގެ ސަބަބުން އެ މީހުންގެ އެއްބައިވަންތަކަމާއި އެއް ބައެއްވަންތަ ކަމަށް ލޯބިކުރާ މިންވަރު ހާމަވެއެވެ. އެހެންމެ، ޤައުމުން ބޭރުގައި އުޅޭ ދެ ދިވެއްސަކު އެއްތަންވުމުން ވެސް ވާހަކަދެއްކުމަށް އިސްކުރެވެނީ އަމިއްލަބަހެވެ. ދިވެހިބަހެވެ. އެއްބައިވަންތަ ކަމަކީ ބަހުގެ ޒަރިއްޔާއިން އުފެދިގެން އަންނަ ކަންކަމުގައި ވާތީ މިއީ ބަހުން އަންގައިދޭ ކަންކަމެވެ. ބުނެދޭ ބުނެދިނުމެވެ.
އެ ބަޔަކު ވާހަކަދެއްކުމަށް ބޭނުންކުރާ ބަހަކުން އެ ބައެއްގެ ބަހުގެ އަސްލާއި އެ ބަސް ނިސްބަތްވާ އާއިލާ ވަރަށް ސާފުކޮށް ފެންނާނެއެވެ. ބަސް ނިސްބަތްވާ އާއިލާ ނުވަތަ ބަހުގެ މަތިކޮޅުގެ އެހީގައި ބަހުގައި ހުންނަ ވިރާސީ ކަންކަމާއި، ޚާއްޞަ ސިފަތަކާއި، ބަހުގެ ޠަބީއަތުގައި ހުންނަ ކަންކަމާއި، ބަހުގެ ޠަބީއަތާއި ޚިލާފު ކަންކަން ވަރަށް ސާފުކޮށް އެނގޭނެއެވެ. ދިވެހީންގެ ބަހަކީ ދިވެހިބަސް ކަމަށްވުމާ އެކު ދިވެހިބަހުން ދިވެހީންގެ ބަހުގެ އަސްލާއި ބަހުގެ މަތިކޮޅު ފެންނާނެއެވެ. މި ކަންކުރެވޭނީ ދިވެހިބަހުގެ ލަފުޒުތަކާއި އަޑުތަކާއި ބަހުގެ އޮނިގަނޑުގައި ހިމެނޭ ތިމާގެ ކަމާއި އެއް ބަސް އަނެއް ބަހާއި ހުރި ގުޅުންތަކުގެ ދިރާސާކޮށްގެންނެވެ. ލަފުޒުތަކުގައި އަޑުތަކާއި ފަޅިވަރިތައް ހިމުންވެ ގެތިގެންދާ ގޮތް ތަހުލީލުކޮށްގެންނެވެ. ލަފުޒުތައް އުފަންވެފައިވާ މަގުތައް ވަޒަންކޮށްގެންނެވެ. ލަފުޒުގެ ކާބަފައިންނާއި ވިރާސީގޮތުން ގުޅުންހުރި ލަފުޒުތަކާއި އެ ލަފުޒުތަކުގެ މައި ބަސް ދެނެގަނެވިގެންނެވެ.
ދެވަނަ ބަހެއްގެ ގޮތުގައި ނުވަތަ ތިންވަނަ ބަހެއްގެ ގޮތުގައި އެ ތަނެއްގެ އަހުލުވެރީން ވާހަކަ ދެއްކުމަށް ބޭނުންކުރާ ބަހެއްގެ ސަބަބުން، އެ ބައެއްގެ މާދަރީބަހަށް އެކަމުގެ އަސަރުތައް ފޯރާކަން މާދަރީބަހުން ބުނެދޭނެއެވެ. އެހެންމެ، ވާހަކަދެއްކުމުގައި ދެ ލަފުޒުގެ ދެމެދަށް އެހެން ބަސްހުނިކޮށްގެން ވާހަކަދެއްކުން އާންމު ވާނެ ކަމަށާއި އެ ގޮތަށް ވާހަކަދެއްކުން އެއީ ރީތި ގޮތެއް ކަމަށް އެ ބަހުގެ އަހުލުވެރިން ބަލައިގަންނާނެ ކަމަށް މަޝްހޫރު ބަސްވާރު ޑޭވިޑް ކްރިސްޓަލް ބަޔާންކުރައްވައެވެ. މި މަންޒަރު އަދުގެ ޅަ ޖީލުތަކުން ފެންނަމުން އެބަދެއެވެ. އެކަން ދިރާސާތަކުން ސާބިތުކޮށްދެމުން ވެސް އެބަދެއެވެ. ލަދުވެތިކަމާ އެކު ވެސް މި ހަގީގަތް ގަބޫލުކުރާން މިއަދު މަޖުބޫރެވެ.
ތަނެއްގައި އޮންނަ އެއްބައިވަންތަކަން އެންމެ ބޮޑަށް ދައްކުވައިދެނީ އެ ބައެއްގެ ބަހުންނެވެ. ދިވެހިބަހަށް ނަޒަރު ހިންގައިލާ އިރު، ބަހުގެ ތެރެއިން އެއްބައިވަންތަކަން އެންމެ ބޮޑަށް ހާމަ ވަނީ ބަހުރުވަތަކުގެ އަހުލުވެރިންގެ ފަރާތުންނެވެ. އައްޑޫ މީހަކާއި އައްޑޫ މީހަކު ބައްދަލުވުމުން ވާހަކަދެއްކުމަށް ބޭނުންކުރަނީ އައްޑޫ ބަހުރުވައެވެ. މިކަމުގެ ސަބަބުން އެ މީހުންގެ އެއްބައިވަންތަކަމާއި އެއް ބައެއްވަންތަ ކަމަށް ލޯބިކުރާ މިންވަރު ހާމަވެއެވެ. އެހެންމެ، ޤައުމުން ބޭރުގައި އުޅޭ ދެ ދިވެއްސަކު އެއްތަންވުމުން ވެސް ވާހަކަދެއްކުމަށް އިސްކުރެވެނީ އަމިއްލަބަހެވެ. ދިވެހިބަހެވެ. އެއްބައިވަންތަ ކަމަކީ ބަހުގެ ޒަރިއްޔާއިން އުފެދިގެން އަންނަ ކަންކަމުގައި ވާތީ މިއީ ބަހުން އަންގައިދޭ ކަންކަމެވެ. ބުނެދޭ ބުނެދިނުމެވެ.
ބަހުގެ ޒަރިއްޔާއިން އެ ބައެއްގެ އިޖުތިމާއީ ޙާލަތު ވެސް ބުނެދެއެވެ. އިޖުތިމާއީ ގިންތި ބަޔާންކޮށްދެއެވެ. އިޖުތިމާއީ ގޮތުން އޮންނަ ގުޅުންތައް ވަކިކޮށްދެއެވެ. ވާހަކަދެއްކުމަށް ބޭނުންކުރާ ރާގާއި ބޭނުންކުރާ ގޮތްތަކާއި ބޭނުންކުރާ ލަފުޒުތަކުންނާއި ވާހަކަދެއްކުމުގައި އަޑުތައް އަދާކުރާ ލުއި ބަރުމިނުން އެ މީހަކު އެ ވަގުތަކު ހުރި ހާލަތު ދެނެގަނެވޭނެއެވެ. ރުޅި އައިސްފައިވާ ނަމަ ނުވަތަ ހިތްހަމަ ނުޖެހިފައި ނޫން ނަމަ އުފާވެފައިވާ ނަމަ އެކަން މޭރުންވާނެއެވެ. އަދި އާއްމު ވާހަކަދެއްކުމާ ތަފާތުކޮށް ބަސްބޭނުންކުރާ ނަމަ އިޖުތިމާއީ ގޮތުން އެ މީހަކު ނިސްބަތްވާ ގިންތި ބުނެދޭނެއެވެ. ވާހަކަދެއްކުމުގައި ބޭއަދަބީ ބަހުރުވަ ބޭނުން ކުރާ ނަމަ އެއީ އިޖުތިމާއީ ގޮތުން ކިހައި ވަރެއްގެ މީހެއް ކަން ދެނެގަންނަން ފަސޭހަވާނެއެވެ. އެހެންމެ، ވާހަކަދެއްކުމުގައި ސާފު ރީތިބަހުރުވަ ބޭނުން ކުރާ ނަމަ އެއީ ކޮން ގިންތިއެއްގެ މީހެއްކަން ވެސް ދެނެގަނެވެއެވެ. މުޖުތަމައަށް އެ މީހަކު ފެތޭ ގިންތި އެނގިގެންދާނެއެވެ. އިޖުތިމާއީ ގޮތުން ކޮން ހާލަތެއްގައި ހުރި މީހެއްކަން ވެސް ދެނެގަނެވޭނެއެވެ. މިކަން ދިވެހި ވެށިތަކުގައި ރެއާއި ދުވާލު ތަމުސީލުވަމުންދާ މަންޒަރު އަހަރުމެންގެ ލޮލަށް ސިފަވެއެވެ.
އެ ބައެއްގެ ސަގާފަތް ވެސް ބަހުގެ ތެރެއިން ހާމަ ކޮށްދޭނެއެވެ. ސަގާފަތަކީ އިންސާނުން ދިރިއުޅޭ ގޮތެވެ. ޤަބޫލުކުރާ ޤަބޫލުކުރުންތަކެވެ. އެކި ޤައުމުތަކުގައި އެއް ކަމެއް އެއް އުޞޫލަކުން ކުރި ނަމަވެސް ސަގާފީ ގޮތުން ތަފާތު ތަކެއް ހުންނާނެއެވެ. އެއްޗެއްސާއި ތަންތަނާއި ކަންކަމަށް ނަން ކިޔުމުގައި ވެސް މި ތަފާތު ފެންނާނެއެވެ. މިގޮތުން، މާހައުލުގައިވާ ތަކެއްޗާއި އާއިލީ ނަންތަކުންނާއި ވަގުތު ގުނުމުގައި ދުނިޔޭގެ އެކި ސަގާފަތްތަކުގައި ތަފާތު ކަންކަން ހާމަވެއެވެ. ދިވެހިބަހުގެ ބަހުރުވަތަކުން ވެސް މި ކަން ހާމަވެއެވެ. ރަސްމީ ބަހުރުވައިން 'މާމަ' އަދި 'ކާފަ' އޭ ބުނުމުން އެއީ ކޮން ފަރާތަކަށް ނިސްބަތްވާ މީހެއް ކަމެއް ދޭހައެއް ނުވެއެވެ. ނަމަވެސް، އައްޑޫ ބަހުރުވައިން 'މާމަ' އޭ ބުނުމުން އެއީ މަންމަގެ މަންމަ ކަން ދޭހަވެއެވެ. ސަގާފަތްތަކުގައި ހުންނަ މި ފަދަ ކަންކަން ހާމަވެގެން، ފެނިގެން ދިރިގެން އަންނަނީ ބަހުގެ ތެރެއިންނެވެ.
ދީނީ ގޮތުން އިޙްތިރާމު ލިބިގެންވާ ފަރާތްތަކަށް ކިޔުމަށް އެކި ބަސްބަހުގައި އެކި ނަންނަން ބޭނުންކުރެއެވެ. ދީނީ ރަސްމުތަކުގައި ތަފާތު ނަންނަމުން މުޚާތަބުކުރެއެވެ. 'ކަލާންގެ'، 'އިބަސުވާންމީންގެ'، 'ރަސްކަލާންގެ'، "މާތް ރަސްކަލާނގެ" މިއީ، ދިވެހިބަހުގައި އާންމު އިންސާނުންނަށް ބޭނުންކުރެވޭ ނަންނަމެއް ނޫނެވެ. އެހެންމެ، 'ހަދީސްކުރެއްވުން'، 'ހިނިވަރުނަކުރެއްވުން'، 'ސުވަރުގެ ވަޑައިގަތުން' ފަދަ ލަފުޒުތަކަކީ މާތްﷲ އަށް ނިސްބަތްކުރާ ލަފުޒުތަކެއް ނޫނެވެ. މިއިން އެއްވެސް ލަފުޒަކީ އާންމު އިންސާނުންނަށް ބޭނުންކުރާ ލަފުޒުތަކެއް ވެސް ނުމެ ނޫނެވެ. މިއީ އަހަރުމެންގެ އަޤީދާއާ ގުޅިފައިވާ ދީނީ ގޮތުން އިޚުތިރާމު ލިބިގެންވާ ފަރާތްތަކަށް، ވަކި ހަމަތަކެއްގެ މަތިން ވަކި އުޞޫލަކުން ނިސްބަތްކުރުމަށް ބޭނުންކުރާން ޖެހޭ ލަފުޒުތަކެވެ.
ބަހުގެ ޒަރިއްޔާއިން ވަރަށް ގިނަ ކަންކަން ދެނެގަނެވެއެވެ. ހާމަކޮށްދެއެވެ. އަމިއްލަ ބަހާ ގުޅޭ މައުލޫމާތުތަކެވެ. އަމިއްލަވަންތަކަމާ ގުޅޭ ކަންކަމެވެ. އަމިއްލަ ހައިސިއްޔަތާ ގުޅޭ ވާހަކަތަކެވެ. ދީނާއި ސަގާފަތާ އާދަކާދައާ ގުޅުންހުރި އެކިކަންކަމެވެ. ކޮންމެ ބަހަކީ ވެސް އެ ބައެއްގެ ފުރިހަމަ ސޫރަ ކުރަހައިދޭ ވަސީލަތެކޭ ބުނަނީ އެހެންވީމައެވެ. ބަސްދިރުވާ އާލާކުރަން ޖެހެނީ ވެސް އެހެން ވީމައެވެ. ބަހަށް ޚިދުމަތްކުރަން ޖެހެނީ ވެސް މިކަމާ ހުރެއެވެ. ބަސް ގެއްލިއްޖެ ނަމަ އެ ބަހަކުން ބުނެދޭ އެ ބައެއްގެ ވާހަކަތައް ވެސް ގެއްލިގެން ހިނގައިދާނެތީއެވެ. ދިވެހިން ދިވެހިބަހަށް ސަމާލުވާން ޖެހެނީ ދިވެހީންގެ ވާހަކަތައް އަންގައިދޭނެ ވާސިތާއަކީ ނިޝާނަކީ ދިވެހިބަސް ކަމުގައިވާތީއެވެ.
ޚިޔާލުތައް ( 0)
ޚިޔާލު ހުށަހަޅާ
ހުރިހާ ޚިޔާލެއް ފެންނާނީ ބެލެހެއްޓުންތެރިޔާ ޤަބޫލުކުރުމަށްފަހުއެވެ.