ވާހަކަ

އަސިސަ

ދެވަނަ ބައި

ކިޔުމުގެ އަކުރު
އެއީ އުފާވެރި ރެއެކެވެ. ހިތްހަމަ ޖެހުން ލިބުނު ހަނދާނެކެވެ. އަހަރެންގެ އަލަތު ކައިވެނީގެ ރެއެވެ. އެރެއަށްޓަކައި ކުރި އުއްމީދަށް ނިމުން ގެނުވި ރެއެވެ. އާރިފުގެ އަލަތު އަނތްބަކަށް އަހަރެންވީ ރެއެވެ. ކުޑަގޮތަކަށް ވަލީމާގެ ކަންކަން ނިންމާލީ އަހަރެންގެ އެދުމަށެވެ. މަންމަ ވެސް އެގޮތަށް ރުހުމުންނެވެ. އާރިފަށްޓަކައި އަހަރެންގެ ދިރިއުޅުން އެކުގައި ހަދިޔާކުރީމެވެ. ދުވަހަކު ވެސް ވަކިވުމެއް ނެތް ގޮތުގައެވެ.
އާރިފަށް ރަށު ސުކޫލުން ވަޒީފާ ލިބުނެވެ. ޓީޗަރު ކަމުގެ މަޤާމަށެވެ. ހަފުތާއެއް ނުވަނީސް ސުޕަވައިޒަރަކަށް ބަދަލުވިއެވެ. ޖެހިގެން އައި މަހު އެސިސްޓެންޓް ހެޑްމާސްޓަރަކަށް ބަދަލުވިއެވެ. އެހައި އަވަހަށް މަޤާމުގެ ކުރިއެރުން ލިބުމުގެ ނަތީޖާއަކަށްވީ އާރިފާ މެދު ބަޔަކު ހަސަދަވެރިވުމެވެ. އަހަރެން އުފަލުގައި އުޅޭ މަންޒަރު ބަލަން މީހަކަށް ކެތް ނުކުރެވުނީއެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ވެސް އާރިފަށް ހަމަލާދޭން އެ ވެރިން މަސައްކަތް ކުރަމުން ދިޔައެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު މަޤާމު ދަށްކުރެވޭތޯ ބަލަމުން ދިޔަ ބަޔަކުވެސް އުޅުނެވެ. ނަމަވެސް ބެލެނިވެރިން އާރިފާއެކު ތިބުމުގެ ނަތީޖާއަކަށްވީ ތަޢުލީމީ ވުޒާރާގެ އިސްވެރިންގެ ލޯބި އާރިފަށް ލިބުމެވެ. ބެލެނިވެރިންގެ ރުހުން ލިބުމެވެ. މަދަރުސާގެ ޕްރިންސިޕަލްގެ މަޤާމަށް އާރިފު ބަދަލުވުމެވެ.
ރޭގަނޑުގެ ދަންވަރުގެ ވަގުތެވެ. މީހަކު ދޮރުގައި ޓަކި ދޭ އަޑަށް ލޯ ހުޅުވާލެވުނެވެ. އާރިފު ގަދަ ނިދީގައި އޮތެވެ. މަޑުމަޑުން އާރިފަށް ގޮވައިލީމެވެ. ދެފަހަރު ގޮވައިލި އިރަށް އާރިފު ވެސް ހޭލިއެވެ. އާރިފު މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އަހަރެން ހުރީ އާރިފުގެ ފަހަތުން ބުރަކަށީ އަތްޖައްސައިލައިގެންނެވެ. ކުއްލިއަކަށް އެތެރެއަށް ދެމީހަކު ދެމިގަތެވެ. ދެ ފުލުހުންނެވެ. އެމީހުން ވާހަކަދެއްކީ އޭގެ ފަހުންނެވެ. އަހަރުމެން ދެމީހުންނަށް މުށިގަނޑުމަތީގައި ދެ ކަކޫ ޖެހުމަށް އެންގިއެވެ. ކޮޓަރި ބަލައި ފާސްކުރަން ބޭނުންކަމަށް ބުނެއެވެ.
ކޮޓަރީގެ އެތައްމިތަން ހޯދަމުން ގޮސް ފުލުހުން އެންމެފަހުން، އަލަމާރި ދޮރުހުޅުވާލިއެވެ. ކިތައްމެ ޤަބޫލުކުރަން ބޭނުން ނޫނަސް ފެނުނީ ޙަޤީޤަތެވެ. ބަލަން ބޭނުން ނުވި މަންޒަރެކެވެ. އެއީ އާރިފު އަލަމާރިއަށްލީ ބުރިފުކޭހެކެވެ. އެރޭ މާލެއިން ލެފި ބޯޓުން ގެނައި ބުރިފުކޭހެކެވެ. އެ ބުރިފުކޭސް އެތަނަށްލީ ވެސް އާރިފެވެ. ފުލުހުން ބުރިފުކޭހުގެ މަތި ހުޅުވާލިއެވެ. ބުރިފުކޭހުގައި ހުރީ މަސްތުވާތަކެއްޗެވެ. އަހަރެން ރުޅިގަދަވިއެވެ. އާރިފުގެ މޫނަށް ބަލައިލެވުނެވެ.
އާރިފުގެ ދެ ލޯ ވަނީ ބޮޑުވެފައެވެ. މީހާވަނީ ހާސްވެ ކަންބޮޑު ވެފައެވެ. މޫނުމަތިން ނޫނެކޭ ބުނާ ކަހަލަ ގޮތަކަށް އަހަރެންގެ މޫނަށް އާރިފު ބަލައިލިއެވެ.
"މިރޭ ލެފި ބޯއްޓުން ބުރިފުކޭސް ގެނައީ އާރިފުއެއްނު! އެހެންވެ އާރިފަށް އެބަޖެހޭ އަހަރުމެންގެ ބެލުމުގެ ދަށަށްދާން! މި އޮތީ ކޯޓު އަމުރު!" ފުލުހުންގެ އިސް އޮފިޝަލް ހަރުކަށިކަމާއެކު އާރިފަށް މުޚާތަބުކުރިއެވެ.
މަންމައަށް އެތަނަށް އާދެވުނީ އެގަޑީގައެވެ. އަހަރެންގެ ބަޑިފަޅައިގެން ދިޔައެވެ. ރޯން ބޭނުން ނޫނަސް ރޮވެނީއެވެ. ގިސްޖެހެވުނީއެވެ. މައިނޭވާލެވި މީހާ ހާސްވާން ފެށިއެވެ. ދާހިތްލަނީއެވެ. ރުޅިގަދަވަނީއެވެ.
***
ކޮޓަރީގެ ބޮކި ދިއްލުނެވެ. އަވަސް އަވަހަށް އަހަންނަށް ކޮޅަށް ތެދުވެވުނެވެ. މަޑުމަޑުން މޫނު ފޮހެލުވުނެވެ. ލޮލުން ކަރުނަ އައިސް ހުރިކަން އެނގުނީ ދެނެވެ.
"ބޮކި ނިއްވަލައިގެން! މާޒީ ހަނދާންކޮށް ރުއިމުގަދޯ! މިހާރު އާދޭ! އަހަރެން ބުނެފަ އޮންނާނީ އަހަރެން ބޭނުންވެގެން އަންނަ އިރު ހުންނަންވާނީ ޚިދުމަތުގައޭ!" ނައުޝާދު ހަރުކަށިކަމާއެކު އަހަރެންނާ ދިމާއަށް ބުނެލިއެވެ.
އަވަސްއަވަހަށް ޒެލްގެ ކޮޓަރިން ނުކުތީމެވެ. އިސްޖަގައިގެން ހުރެ ކޮޓަރިއަށް ދެވޭތޯ ބެލީމެވެ.
"މަޑުކުރޭ! މި ބުނީނު މަޑުކުރާށޭ!" މައިގެ ތެރެއިން ނައުޝާދު އަހަރެން ހުއްޓުވިއެވެ. "އެބައާދޭ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް މިގެއަށް! އޭނާއަށް ކާން ހަދާ! އެއްވެސް އެއްޗެއް މަދުވެގެން ނުވާނެ!"
"ކޮން އެއްޗެއް؟" ތުރުތުރުލާ އަޑަކުން އަހަރެން ސުވާލުކުރީމެވެ.
"ބަލަ ކަލޭއަކަށް ނޭގޭތަ ރޭގަނޑު މީހުންކާނީ ބަތް ކަމެއް!" ނައުޝާދު އަހަރެންގެ ދަތްދޮޅީގައި ހިފައި މޫނު ހިއްލައިލިއެވެ. "ގަރުދިޔައާ ބަތާ ހަދާ! އަދި ބުނަން އޭނާ އަންނަންވާ އިރަށް މި ހެދުންލާ ރީތިވެގެން ހުންނާތި!"
ދަތްދޮޅީގައި ނައުޝާދު ހިފިތަނުން ދިލަ ނަގައިގަތެވެ. އަހަރެން ފެންކަޅިވީއެވެ. އެހެންވެ ނައުޝާދުގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ.
"ކަލޭ މާ ގޮތްދައްކަން ނޫޅޭތި! އެހެން މީހުން ކުރިމަތީ އަހަރެންގެ އަގު ވައްޓާލައިގެން ނުވާނެ! ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ކަލޭ ތީ އަހަރެންގެ އަންހެނުން!" އަހަރެންގެ ދަތްދޮޅިން ނައުޝާދު އަތް ދޫކޮށްލިއެވެ. "ނުވައެއް ޖަހާއިރަށް ތައްޔާރުވެގެން ހުންނާތި!"
އަހަންނަށް އަނގަމަތީ އަތްއެޅުނެވެ. ދެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. އަނެއްކާ މިއީ ކޮންފަދަ އިމްތިހާނީ ރެއެއްބާއެވެ. ނައުޝާދަކީ އަހަރެންގެ ހަލާލު ފިރިމީހާއެވެ. މިހާރު މިވަނީ އަހަރެންގެ ދުނިޔެ އެކުގައި ބަދަލުވެފައެވެ. މަސްތުވާތަކެތީގެ މައްސަލަ އާރިފުގެ މައްޗަށް ސާބިތުކުރެވި އޭނާ ޖަލަށްލީ ފަހުން ހުރިހާކަމެއް ބަދަލުވީއެވެ. އާރިފުގެ ދަރިއަކަށް އަހަރެން ބަލިވެއިނުންވީ ރަށުމީހުންގެ ނަފުރަތު އިންތިހާއަށް ކުރިމަތި ކުރުވިކަމަކަށެވެ. މަންމަގެ ދިގުލީ ބައްޔަށް ފަރުވާ ނުކުރެވި ހުއްޓާ މަންމަ ވެސް ނިޔާވީއެވެ. އަހަރެން މި ދުނިޔެއަށް އެކަނިވެ ބާކީވީއެވެ. އެ ހިތްދަތި ވަގުތުގައި ހިތްހެޔޮކަމުގެ އަތްދިއްކޮށްލީ ނައުޝާދެވެ. އަހަރެންނަށް ހިޔާވަހިކަން ދިނީ ނައުޝާދެވެ. ކާއެތިކޮޅު ދިނީ ނައުޝާދެވެ. ވިހެއުމާ ހަމައަށް ހުރިހާ ޚަރަދެއް ކުރީ ނައުޝާދެވެ. މަންމަގެ ވަސިއްޔަތެއް ކަމަށް ބުނެގެންނެވެ. އޮޅުވައިލައިގެންނެވެ. ބޭރުފުށުން ސާލިހެއް ކަމަށް ހެދިގެންނެވެ. އަހަރެންގެ ހިތް ފަތަޙަކުރަން އިސްތިރި ހައްދުވައިގެންނެވެ. އޭނާ ކިތައްމެހާވެސް ކާމިޔާބެވެ. އޭނާ ބޭނުން ހުރިހާ ކަމެއް ކުރީއެވެ. އަހަރެން ގަނެލީއެވެ.
އެހާލުގައި ވެސް އަހަރެން ދިރި މިހުރީ ޒެލްއަށް ޓަކައެވެ. ޒެލްއަށް ލިބިދާނެ ދެރަކަށް ނިކަމެތިކަމަކަށްޓަކައެވެ. އަހަރެން ޤުރުބާންވަމުން މިދަނީ އާރިފުގެ ހަނދާނުގައެވެ. އޭނާގެ އިންތިޒާރުގައެވެ. އަހަރެންގެ ހިތް ބުނެއެވެ. އާރިފު ކޮންމެވެސް ދުވަހަކުން އަހަރެން ހޯދަން އަންނާނެއެވެ. އޭނާއަކީ ކުށެއް ނެތް މީހެއްކަން އޭނާ ސާބިތުކޮށްދޭނެއެވެ. އެހެންވެ އޭނާއަށް އެންމެ މަޤުބޫލު ހުރިހާ ކަމަކަށް އެއްވެސް އިޚުތިޔާރަކާ ނުލައި އަހަރެންނަށް ލޯބިކުރެވެއެވެ. އޭނާއަށް އެންމެ ރީތި ކުލައަށް އިސްކަންދެވެއެވެ. އެންމެ މީރު ކެއުމަށް ގަޔާވެވެއެވެ. އެކަން ނައުޝާދަށް އެނގުނު ދުވަހު އަހަރެންގެ ހުރިހާ ހެދުންތަކެއް ވަނީ އަންދާލާފައެވެ. އަހަރެން ލާން ޖެހެނީ އޭނާ ދިން ހެދުމެކެވެ. އުޅެން ޖެހެނީ އޭނާ ބުނި ގޮތަކަށެވެ. ކާން ޖެހެނީ އޭނާ ބުނާ އެއްޗެކެވެ. ރުހުނަސް ނުރުހުނަސް އޭނާ ބޭނުން ކޮންމެ ކަމެއް އަހަރެންނަށް ކުރެއެވެ. ނުކޮށްފި ނަމަ އެކަމުގެ ސަޒާ ލިބެއެވެ. ހަށިގަނޑުގެ ތަންތަނުގައި އަޅާވޭންތައް ލައިފައި ހުންނަ ހެދުމުން ފާޅުވާނެ ނަމައޭ އަހަރެންގެ ހިތަށް އަރައެވެ. ހިތުގެ ވޭންތައް މޫނުމަތިން ކިޔާނެ މީހަކުވާނެ ނަމައޭ ހިތްބުނެއެވެ.
އަވަސްއަވަށް ކޮށްލައިގެން ފާޚާނާއިން ނުކުމެ ފަރުވާ ކުޑަގޮތަކަށް މަތި ހަދައިލައިގެން ކޮޓަރިން ނުކުތީމެވެ.
"ހާދަ ލަސްވީ!" ނައުޝާދު ހިނިތުންވެލައިފައި އަހަރެންގެ މޫނަށް ބަލައިލިއެވެ. "އާދެބަ މިތާ އިށީންނަން"
"މީ އަހަރެންގެ އަންހެނުން ރީމާ!" ސޯފާގައި އިން މެޚްމާނަށް ނައުޝާދު އަހަރެން ތަޢާރަފުކޮށްދިނެވެ. "ރީމާ މީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް!"
"ޖުނައިދު" އެ ޒުވާނާ ސަލާމަށް އަތް ދިއްކޮށްލިއެވެ. އަހަރެންނަށް ހުރެވުނީއެވެ. ފާޑަކަށް ގަބުއަރާފައެވެ. ސަލާންކުރަންވީ ބާއޭ ހިތަށް އަރައެވެ.
"ރީމާ ވަރަށް ލަދުރަކިވާނެ! މީހުންނާ ވާހަކަދައްކާނީ ވަރަށް މަދުން! ނިކަން ގެވެހިވާނެ! މިކަހަލަ އަނތްބެއް މަދުން ނޫނީ ނުލިބޭނެ" ނައުޝާދުގެ ދުލުން ތަޢުރީފުގެ ބަސްތައް އިވުމުން އަހަރެން ރުޅިގަދަވިއެވެ. އެހެންވެ، ފަސް އެނބުރި ކާގެއާ ދިމާއަށް ހިނގައިގަތީމެވެ.
ނައުޝާދާއެކު ޖުނައިދު ކާން އިށީނެވެ. ތަފާތު އެކިއެކި ވާހަކަދައްކަމުން ދިޔައެވެ. ނައުޝާދު މަޖުބޫރު ކުރުވައިގެން އަހަރެން މޭޒު ދޮށުގައި ބޭންދުވިއެވެ. އަހަރެންނަށް ކަމެއް ފާހަގަވިއެވެ. ޖުނައިދުގެ މޫނުމަތިން ކޮންމެވެސް ވާހަކަތަކެއް ބުނަން ބޭނުންވާ ކަމުގެ ނިޝާންތައް އެ މޫނުމަތިން ފެންނަމުން ދިޔައެވެ. އޭނާ އެކި ގޮތްގޮތަށް އެ ސިގުނަލް ދެމުން ދިޔައެވެ.
"އެންމެ ރަނގަޅު! ނައުބެ ދޭ މިރޭ އެވެރިންނާއެކީ މަސްބާނަން! އަހަރެން ވަރަށް ވަރުބަލި! އަހަރެން ނިދާލާނީ!" ޖުނައިދު އަހަރެން މޫނަށް ބަލައިގެން އިނދެ ވާހަކަދެއްކިއެވެ. "އޭރުންތާ މާދަމާ ފިހެލާނެ ރަތްމަހެއް ވެސް އަތުވާނީ! އަހަރެން ބަލާނަން އަހަރެން ކުރަން މިއައި ކަންތަކާ އުޅެވޭތޯ! އެކަމު މިރޭ މި އޮތީ މުޅިން ވެސް ގޭގައި އިނދެގެން ކުރާ ކަހަލަ ކަންކަން"
"ކޮފީއަކަށް އަރަންވާނެއްނު!" ނައުޝާދު ބުނެލިއެވެ.
"މިރޭ ގެއިން" ޖުނައިދު ހިނިތުންވެލިއެވެ. "ނައުބެ ބުނީމެއްނު އަންހެނުން ވަރަށް ގެވެހިވާނޭ"
***
އަހަރެން އިނީ ކަކުލާއި ކަށިމަތީގައި ނޫފައިގެންފައިވާ ތަންތަން ހޫނު ފެނުން ބޮނޑިތާން ކުރަން ބަދިގެތެރޭގައެވެ. ފްލޭޝް ލައިޓެއްގެ އަލި އެޅުމުން ސިހިފައި ތެދުވެވުނެވެ. އެއީ ޖުނައިދެވެ. ކެމެރާއިން ފޮޓޯ ނެގީއެވެ. އަހަރެން ޖުނައިދަށް ފުރަގަސްދިނީމެވެ.
"ތީ ރަނގަޅު ކަމެއްނޫން! ހުއްދަ ނެތި މީހުންގެ އަނބިންގެ ފޮޓޯނެގުން!" އަހަރެން ހިތްހަމަ ނުޖެހޭކަން އަންގައިލީމެވެ.
"އައްދެ ހާދަ ލޯބިވާކަމަށް ތިހެދެނީ" ޖުނައިދު އަހަރެންގެ ގާތަށް ޖެހިލިއެވެ. "ބަލަ އެއީ ރީމާއަށް ހުރި ބިރެއް ނޫންތަ؟ ރީމާގެ އުފާތައް ފޭރިގަނެގެން އުޅޭ މީހެއް ނޫންތަ އެއީ؟"
ބޭއިޚްތިޔާރުގައި އަހަރެންނަށް އަނެއް ފަރާތަށް އެނބުރިލެވުނެވެ. ޖުނައިދު އަނެއްކާ ވެސް ފޮޓޯއެއް ނެގިއެވެ. އަހަރެންގެ ފެންކަޅިވެފައިވާ ދެ ލޮލުން ކަރުނަތިކިތައް ނީރާލިއެވެ. "ކާކު ބުނީ؟"
"މީހަކު ނޫން! އެނގުނީ!" ޖުނައިދު ހިނިތުންވެލިއެވެ. "ކަންކަން ހޯދާ ބަލާ މީހުންނަށް ކަންކަން އެނގޭނީ! ހީކޮށްލާ އަހަންނަކީ އެކަހަލަ މީހެކޭ!"
"ތިބުނީ" އަހަރެން ލައްވާ ޖުނައިދު ވާހަކަދައްކުވަނީ ކަން ނޭގިހުރެ ވާހަކަދެއްކުނެވެ.
"އަހަންނަށް އެނގޭ ނައުޝާދު ރީމާއަށް އަނިޔާކުރާކަން! ރީމާ ބޭނުން ނުވާ އެތައްކަމެއް ގަދަކަމުން އޭނާ ކުރުވާކަން! ފައިސާ ވެސް ހޯދާކަން ވެސް! އަހަންނަށް އެނގޭ ރީމާއާއެކު އެހެންމީހުން ލައްވާ ވެސް…" ޖުނައިދު ފުންނޭވާއެއް ދޫކޮށްލިއެވެ. "ރީމާ ތިޔަ ހުންނަނީ އިތުރު ގޮތެއް ނެތީމަ ތިޔަ ދަންމަޅީގައި ޖެހިފިތިގެންކަން ވެސް"
"ކިހިނެއް؟" އަހަންނަށް ގިސްލެވެން ފެށުނެވެ. ބޭއިޚުތިޔާރުގައި ތިރިވެވުނެވެ. މުށިގަނޑުގައި ދެކަކޫ ޖަހައި ރޯން ފެށުނެވެ.
"ރީމާ ދެރަ ނުވޭ! އަހަރެން މިރަށަށް މިއައީ ހަމައެކަނި އެ ބޭނުމުގަ! ރީމާގެ އުފާތަކަށް….!" ޖުނައިދު އަހަރެންގެ ކޮނޑުގައި ހިފައި ނެގިއެވެ. މަޑުމަޑުން އޭނާގެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. އޭނާ ވެސް ވަނީ ފެންކަޅިވެފައެވެ.
"ރީމާ!" ވަރަށް ފަރިތައަޑަކުން މީހަކު އަހަންނަށް ގޮވައިލިއެވެ. އަޑު އައީ ޖުނައިދުގެ ފުރަގަހުންނެވެ. އަހަރެންގެ ހިތް ފޮޅުނެވެ. އެއީ އާރިފެވެ. އަހަރެންގެ އާރިފެވެ. ހިނިތުންވެގެން ހުރެއެވެ.
"އަހަރެން މިއައީ ރީމާ ބަލައި" އާރިފު އައިސް އަހަރެންގެ ގައިގައި ބައްދައިލިއެވެ. "ކޮބާ ދަރިފުޅު؟"
"އެކަމަކު އަހަރެން ކިހިނެއް؟" އަހަރެން ޖުނައިދުގެ މޫނަށް ބަލައިލީމެވެ.
"ހާސް ނުވޭ! ޖުނައިދު މިއީ ޖެންޑަރ މިނިސްޓްރީގެ ފަރާތުން! އޭނާ ހުރިހާ ކަމެއް ހައްލަކަށް އަޅުވާނެ! ޙައްޤު އަދަބު ލިބެން ޖެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންދެވޭނެ! އަނިޔާވެރިކަމުގެ ވަކިތަކުން މިރެއިން ފެށިގެން ރީމާ ތިޔަ މިނިވަންވީ" އާރިފު ހިނިތުންވެލިއެވެ. "އެ ބުރިފުކޭހަކީ ނައުޝާދުގެ ރޭވުމެއް! މީހެއްގެ ލެޕްޓޮޕެކޭ ކިޔައިފަ! އަނެއް ދުވަހު ބަލައި އަންނަންދެން ބާއްވާށޭ ބުނެ އަހަރެން އަތަށްދީ! ސިޔާސީ ނުފޫޒުން އަހަރެން އެކަމުގައި ބައްދާ ޖަލަށްލީ! އެވެސް ރީމާގެ ބޭނުމުގަ!"
"އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ! މާދަމާ ފުރަންވީ! ރީމާ ދެން އުޅޭނީ މާލޭގަ! އަހަރެންނާ ދަރިފުޅާއެކު" އާރިފުގެ މޫނުމަތިން ކާމިޔާބުގެ އަސަރުފާޅުވިއެވެ. އަހަރެން އުފަލުން ފޮޅުނެވެ. އެތައް ދުވަހަކަށްފަހު ފުރަތަމަ ފަހަރަށް ހިނިތުންވެލީމެވެ. ހަނގުރާމައަކުން ކާމިޔާބު ލިބުނު ކަމުގެ އުފާވެރިކަމާއެކުގައެވެ. ޙަޔާތުގެ އުއްމީދީ ހުޅުކޮޅު ދިއްލުމުންނެވެ. އާއެކެވެ. އެއީ އަހަރެންގެ އަސިސައެވެ. އަހަރެން ދިރިހުރުމުގެ ބާރެވެ. ދުނިޔޭ ހުރުމުގެ މަޤްޞަދެވެ. އާރިފަކީ އަހަރެންގެ ހިތުގެ ހުޅުކޮޅެވެ. ލޮލުގެ ފިނިކަމެވެ. ނޭވައިގެ ތެތްކަމެވެ. ހުރިހާ ދުވަހު ކެތް މިކުރީ އާރިފަށްޓަކައެވެ. އާރިފުގެ ހަނދާނުގައެވެ. އެ ފިރުމުންތަކުގެ އިންތިޒާރުގައެވެ.

0

ޚިޔާލުތައް ( 0)

ޚިޔާލު ހުށަހަޅާ

ހުރިހާ ޚިޔާލެއް ފެންނާނީ ބެލެހެއްޓުންތެރިޔާ ޤަބޫލުކުރުމަށްފަހުއެވެ.

ކިޔަން ރުހޭނެ ފޮތްތައް