މަތީ ސާނަވީ, ފީޗަރ, ލިޔުން

ޕަރީކޯރުން ދެން ޕަރީ ފެންނާނެ

ޕަރީކޯރުން ދެން ޕަރީ ފެންނާނެ

ކިޔާ ނަމާ އެތަނާ ގުޅުމެއް ނެތެވެ. އެތަނަކުން ޕަރީއެއް ނުފެނެއެވެ. އެތަނުގައި ޕަރީއެއް ނޫޅެއެވެ. ޕަރީއެއް ފެނުނު މީހަކު ވެސް ނޫޅެއެވެ. ނަމަވެސް، ދ. ވޮޑަމުލައިގައި އޮންނަ އާދަޔާ ޚިލާފު ކުޅިއަށް ޒަމާނުއްސުރެ ކިޔަމުން އައީ ”ޕަރީކޯރު“އެވެ. އެތަނަށް އެ ނަން ކިޔަނީ ކީއްވެ ހެއްޔެވެ؟ އެހެން ކުޅިތަކާ އެ ކުޅީގެ ތަފާތަކީ ކޮބައި ހެއްޔެވެ؟

”އަހަރަކު ހަތަރު ފަހަރު އެތަނުގެ ފެންގަނޑު ހަތަރު ކުލައަށް ބަދަލުވާނެ. މިހާރު އޮތީ ރީނދޫ ކުލައިގަ.“ ކުޅިއާ ގުޅޭގޮތުން އެ ރަށުގެ އިސް ރަށްވެއްސެއްކަމަށްވާ އިބްރާހިމް ޒަހީނު، 87 ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ކޯރުގެ ކުލަ ބަދަލުވަނީ މޫސުމަށް އަންނަ ބަދަލާ ގުޅިގެންނެވެ. މިގޮތުން، ހުޅަނގު މޫސުމުގައި ވާރޭ ވެހޭ ދުވަސްދުވަހު ކޯރުގެ ކުލަ މަޑު ފިޔާތޮށި ކުލައަކަށް ބަދަލުވެއެވެ. އެނޫން ވަގުތުތަކުގައި އޮންނަނީ ވިލު ކުލައިގައެވެ. އިރުވާ މޫސުމުގެ އަވި ބާރު ދުވަހެއް ނަމަ ކުޅީގެ ކުލައަކީ އޮރެންޖު ކުލައެވެ. އާއްމު ހާލަތުގައި އެ ކުޅީގެ ކުލަ ފެންނާނީ ރީނދޫ ކުލައިގައެވެ.

”ކުލަ ބަދަލުވުމާ މޫސުމާ ގުޅުމެއްވާކަން އެނގެނީ. އިތުރަކަށް ނޭނގޭ. ވަރަށް ފަހުން ތިމާވެށްޓާ ބެހޭ މިނިސްޓްރީގެ ޓީމެއް އައިސް މިތަނުން ސާންޕަލްތަކެއް ނަގައިގެން ތަހުލީލުކޮށްގެން ވެސް ވަކި ނަތީޖާއެއް ނުނެރެވުނު ކަމަށް ވަނީ.“ ކުޅީގެ ފެންގަނޑުގެ ކުލަ ބަދަލުވާ ސަބަބު ހޯދުމަށް ކުރެވުނު މަސައްކަތްތައް ހިއްސާކުރައްވަމުން ވޮޑަމުލާ ކައުންސިލްގެ ރައީސް، އާދަމް ޔައީޝް ކިޔައިދިނެވެ.

ޔައީޝްވިދާޅުވާ ގޮތުން، އެތަނާ ގުޅުވައިގެން ތަފާތު ފޯކުލޯރތައް ކިޔާ އުޅެއެވެ. އެ ވާހަކަ ޒަހީން ވެސް ކިޔައިދިނީ އެއް ގޮތަކަށެވެ.

”ރަސްކަމުގެ ދުވަސްވަރު ރަދުންގެ މި ރަށަށް ވަޑައިގެންނެވި ދަތުރު ފުޅެއްގައި، ކުޅި ބައްލަވާލައްވަން ވަޑައިގަތް އިރު ކުޅީގެ ފެންގަނޑު މަތީގައި، ރީތިކޮށް އުއްޑުން އޮށޯވެލައިގެން އޮތް އަންހެނަކު ފެނުނުކަމަށް ކިޔައި އުޅޭ. ދެން ރަދުންނަށް އެ ކަމަނާ ރީތިވެގެން ރަދުން ކުޅިއަށް އެރުނު ކަމަށްވޭ. ރަދުން ކުޅިއަށް އެރުނު އިރަށް އެކަމަނާ ގެއްލުނު ކަމަށްވަނީ.“ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ކިޔައިދެއްވީ އެ ދުވަހު ރަސްގެފާނު ލައިގެން ހުރީ ހުދުކުލައިގެ ފޭރާމެއް ކަމަށާއި ކުޅިއަށް އެރުނު އިރަށް އެ ފޭރާމުގެ ކުލަ މަޑު ރަތްކުލައަކަށް ބަދަލުވި ކަމަށެވެ. އަދި އެ ކޯރުގައި އޮށޯވެލައިގެން އޮތް ކަމަނާ ގެއްލުނު ކަމަށެވެ.

”ގިނަ މީހުން ބުނަނީ އެއީ ޕަރީއެއް ކަމަށް. އޭގެފަހުން އެތަނަށް ޕަރީ ކޯރު ކިޔަނީ.“ އަމިއްލަ ގޮތުން އެ ރަށުގެ ތާރީޚު ދިރާސާކުރައްވާ ހައްވާ ނައީމު 78، ކިޔައިދިނެވެ.

ޕަރީކޯރަށް އެރޭއިރު ލައިގެން ހުންނަ އަންނައުނު ކުލަ ބަދަލުވާކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން ވެސް ތަފާތު ފޯކުލޯރ ކިޔައިއުޅޭކަމަށް ހައްވަ ކިޔައިދިނެވެ.

”އަޅުގަނޑުގެ ކާފަ ކިޔައިދިނީ، އެތަނުގައި އޮތް ޕަރީ ކުޅީގެ ތެރެއަށް ގެނބުނީކަމަށް. އޭގެ ފަހުން ޕަރީއަށް މައްޗަށް ނޭރި މަރުވީކަމަށް. އެހެންވެ އެ ކޯރަށް އެރޭ އިރު ލައިގެން ހުންނަ ހެދުމުގެ ކުލަ ބަދަލުވަނީ ކަމަށް.“ ހައްވަ ހިއްސާކުރިއެވެ.

ނައީމު ގަބޫލުކުރާ ގޮތުގައި ކޯރުގެ ކުލައަށް އަންނަ ބަދަލާއި ކޯރަށް އެރުމުން އަންނައުނުގެ ކުލައަށް އަންނަ ބަދަލާ ގުޅުމެއްވާނެއެވެ. އެކަން ތިމާވެށްޓާ ބެހޭ ވުޒާރާއިން ދަނީ ދިރާސާކުރައްވަމުންނެވެ.

”އަދި ނަތީޖާއެއް ނުލިބޭ. ބޭރުގެ އެކްސްޕަރޓުންތަކެއް ގެނެސް ސާންޕަލްތައް ނަގައިގެން ގެންގޮސް އެމެރިކާގެ ލެބޯރެޓަރީއެއްގައި ތަހުލީލުކުރަމުންދާ ކަމަށްވަނީ.“ ކައުންސިލްގެ ރައީސް ބުނެދެއްވިއެވެ.

ޕަރީކޯރުގެ ކުލަބަދަލުވުމާއި އަންނައުނުގެ ކުލަބަދަލުވުމާ ގުޅިގެން ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ދެކެވޭ ވާހަކައަކީ ކިހާވަރެއްގެ ތެދެއްކަމެއް ސާފުކޮށް ބުނެދޭކަށް ހައްވައަކަށް ވެސް އަދި ނައީމަކަށް ވެސް ނޭނގެއެވެ. އެމީހުން ޤަބޫލުކުރަނީ އެ ވާހަކައިގައި ކޮންމެ ވެސް ހަގީގަތެއް ވާނެކަމަށެވެ. އެހެންކަމުން، ވޮޑަމުލައިގެ ޕަރީކޯރަކީ މިހާރު އެ ރަށުގެ ތާރީޚުން ޚާއްޞަ ޖާގައެއް ހޯދާފައިވާ ތާރީޚީ ތަނެކެވެ.

”އެތަން ރައްކާތެރިކަމާއެކު ބަލަހައްޓަމުން މި ގެންދަނީ. ފަތުރުވެރިން ވެސް، ރަށަށް ޒިޔާރަތްކުރާ ވަރަށް ގިނަ މެހުމާނުން ވެސް މިތަން ބަލަން އާދޭ. އެހެންވެ ކައުންސިލުގެ ވިސްނުމަކީ އެތަނާއި ގުޅިގެން ވަށައިގެންވާ މާހައުލު ތަރައްޤީކޮށް ތަރިކައެއް ގޮތުގައި މުޅި ސަރަހައްދު ބެލެހެއްޓުން.“ އެތަން ހިމާޔަތްކުރުމާ ގުޅޭގޮތުން ކައުންސިލުން ނިންމާފައިވާ ގޮތް ކައުންސިލްގެ ރައީސް ހިއްސާކުރެއްވިއެވެ.

ޕަރީއެއް އެތަނުން ނުފެނު ނަމަވެސް، ކައުންސިލުން އެތަން ތަރައްޤީކުރުމުން އެތަން ރަމްޒުކުރުމަށް ޕަރީއެއް ގޮތަށް މޮނިއުމަންޓެއް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހައި ހިސާބުން ޕަރީކޯރު ބަލަންދާ ކޮންމެ މީހަކަށް އެތަނުން ޕަރީ ފެންނާނެއެވެ. ޕަރީއާއެކު ނަފުސީ ނެގޭނެއެވެ. އެހައި ހިސާބުން ”ޕަރީކޯރު“ ފެންނާނީ ޕަރީއާއެކުގައެވެ.