”ކާމިޔާބު ހޯދާ މީހުންނެއް ފޫއްސެއްނުވެއެވެ. ފޫހިވާ މީހުންނަކަށް ކާމިޔާބެއް ނުހޯދެއެވެ.“ މި ޖުމުލައަށް ތަންކޮޅެއް ފުންކޮށް ވިސްނައިލާށެވެ. ޖުމުލައިގެ މާނައާއި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އެތުރުމަށް އަލުން ފިކުރުކޮށްލާށެވެ. ފާހަގަކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އާއެކެވެ. ދެ ޖުމުލައިގައި ވަނީ އެއް ލަފުޒުތަކެކެވެ. ނަމަވެސް، ލަފުޒުތަކުގެ އެތުރުން ތަފާތެވެ. އެހެންވެ، ޖުމުލަތަކުން ދޭހަކޮށްދޭ މާނަ ތަފާތުވެއެވެ. ޖުމުލަތަކެއް ނުވަތަ އިބާރާތްތަކެއްގައި ބޭނުންކޮށްފައިވާ ލަފުޒުތަކުގެ ތަރުތީބު ބަދަލުކޮށްގެން ނުވަތަ އިދިކޮޅަށް ތަކުރާރުކޮށްގެން ލިޔާ ޖުމުލައަށް އިނގިރޭސިބަހުގައި ކިޔަނީ ”ކައެސްމަސް“ (chiasmus)އެވެ. ދިވެހިބަހުން ނަމަ، ’ފައްތަރު ޖުމުލަ’އެވެ.
ފައްތަރު ޖުމުލައަކީ ލިޔުމުގައި އަދަބީ ކުލައާއި ރަހަ ހިމަނައިގެން ފަށުވިކޮށް އިބާރާތްކުރުމުގައި ލިޔުންތެރީން ބޭނުންކުރާ އުކުޅެކެވެ. ފައްތަރު ޖުމުލައިގެ އޮނިގަނޑަކީ
”ހށ –> ށހ“އެވެ.
މާނައަކީ ޖުމުލައިގެ ފުރަތަމަ ބައިގެ ތަރުތީބު ބަދަލުކޮށްގެން ޖުމުލައިގެ ދެވަނަ ބައި ގެނައުމެވެ. މިގޮތަށް ލަފުޒުތަކުގެ އެތުރުން ބަދަލުކުރުމުން ދޭހަވާ މާނަ ފުންވެފައި އޭގައި ތަފާތު މާނައެއް ދޭހަވުމެވެ. މިސާލަކަށް:
”ތިބާއަށް ޤައުމު ފެންނަ ނަމަ، ޤައުމަށް ތިބާ ފެންނާނެއެވެ.“ ހށ –> ށހ
މި ޖުމުލައަށް ބަލާ އިރު، ޖުމުލައިގެ އިސްބައި ނުވަތަ ފުރަތަމަ ބައި (ހ)ގައި އެ ވަނީ ”ތިބާއަށް“ މިހެންނެވެ. ދެވަނަ ބައި ނުވަތަ ޚަބަރުގައި އެ ވަނީ ”ޤައުމު ފެންނަ ނަމަ“އެވެ. އޭގެ މާނައަކީ ޤައުމުގެ ކަންކަމުގައި ތިބާ ޝާމިލުވެ އުޅޭ ނަމަ ނުވަތަ ޤައުމުގެ ކަންކަމާ މެދު ފިކުރުކޮށް ޤައުމީ ޚިދުމަތުގައި އުޅުމެވެ. ޖުމުލައިގެ ދެވަނަ ބައި ފަށައިފައި އެ ވަނީ މި ޖުމުލައިގެ ފުރަތަމަ ބައި ނިމޭ ވާހަކައިންނެވެ. އެއީ ”ޤައުމަށް“ ދެވަނަ ބައިގައި އެ ވަނީ ”ތިބާ ފެންނާނެއެވެ.“ މި އިބާރާތުގައި ބޭނުންކޮށްފައި އެ ވަނީ ތަޖުސީދުކުރުން ނުވަތަ ޕަރސޮނިފިކޭޝަންއެވެ. އެއީ، ޤައުމަށް ތިބާ ފެނުމެވެ. މުޅި ޖުމުލައަށް ބަލާ އިރު، ޖުމުލައިގައި ބުނެދީފައި އެ ވަނީ ޤައުމީ ކަންކަމުގައި ހަރަކާތްތެރިވެ ޤައުމީ ކަންކަމުގައި އުޅޭ މީހުންގެ ދިރިއުޅުމަށް ނުވަތަ އޭނާއަށް ޤައުމުން ޚިދުމަތްތަކެއް ލިބިގެންދާނެކަމެވެ. މާނައަކީ، ޤައުމަށް ބޭނުންވާ، ޤައުމުން އެދޭ ކަންކަމުގައި އުޅުމަކީ އެކަމުގެ ސަބަބުން އޭނާއަށް ނޭނގި ނަމަވެސް އެތައް ފައިދާއެއް ލިބޭނެ ކަމެވެ.
ފައްތަރު ޖުމުލައިގެ އޮނިގަނޑު
ފައްތަރު ޖުމުލައިގައި އޮނިގަނޑު މައިގަނޑު ގޮތެއްގައި 3 ގޮތަކަށް އަތުރާފައި ހުރެއެވެ. އެއީ:
- އެއް ޖުމުލައިން ފައްތަރު ކުރުން: މިގޮތަށް ފައްތަރު ކުރާ އިރު ދެ ޖުމުލަ ފައްތަރުކުރުމަށް ނުވަތަ ގުޅުވާލުމަށް ގުޅުވާ އަކުރެއް ބޭނުންކޮށްފައި ހުރެއެވެ.
މިސާލަކަށް: އިންސާނުން ހަނގުރާމައަށް ނިމުމެއް ނުގެންނަ ނަމަ، ހަނގުރާމަ އިންސާނުންނަށް ނިމުމެއް ގެންނާނެއެވެ.
- ދެ ޖުމުލަ ފައްތަރުކުރުން: މިގޮތަށް ފައްތަރު ޖުމުލަ ގެންނަ އިރު، އޮންނާނީ ދެ ޖުމުލަ ވަކީންނެވެ. ނަމަވެސް، ދެ ޖުމުލައިގައި ވެސް ތަރުތީބު ބަދަލުކޮށްގެން ބޭނުންކުރާނީ އެއް އިބާރާތް ނުވަތަ އެއް ލަފުޒުތަކެކެވެ.
މިސާލަކަށް: ކާމިޔާބު ހޯދާ މީހާ ފޫއްސެއް ނުވާނެއެވެ. ފޫހިވާ މީހުންނަކަށް ކާމިޔާބެއް ނުހޯދޭނެއެވެ.
- ތިން ޖުމުލަ ފައްތަރުކުރުން: މިގޮތަށް ފައްތަރު ޖުމުލަ ގެންނަ އިރު، ތިން ޖުމުލަ ވަކިކޮށްގެން ގެނެސްފައި ހުރެއެވެ.
މިސާލަކަށް: ކަނޑުގެ ސިފައިންގެ ތެރޭގައި މާތް މީހުންނާއި ބޯޑު ދަތުރުކުރާ މީހުން އުޅެއެވެ. ބޯޑު ދަތުރުކުރާ މީހުންގެ ތެރޭގައި މާތް މީހުންނެއް ނޫޅެއެވެ. މާތް މީހުންގެ ތެރޭގައި ބޯޑު ދަތުރުކުރާ މީހުންނެއް ނޫޅެއެވެ.
ފައްތަރު ޖުމުލައިގެ ވައްތަރުތައް
ފައްތަރު ޖުމުލައިގައި ތަފާތު ވައްތަރު ހުރެއެވެ. އޭގެތެރެއިން މައިގަނޑު 3 ބާވަތަކަށް ބަލައިލާނަމެވެ.
- ކަމުގެ ފައްތަރު ޖުމުލަ: މިއީ، ކަމުގެ ލަފުޒެއް ނުވަތަ ބަސްކޯޅިއެއް އިދިކޮޅަށް ލިޔެގެން ނުވަތަ އިދިކޮޅަށް އަތުރައިގެން ފައްތަރު ޖުމުލަ އުފެއްދުމެވެ. މީގެ ބޭނުމަކީ ޚާއްޞަ ތާލެއް ނުވަތަ ރިދަމިކް ރާގެއް އުފެއްދުމާ އެކު ޖުމުލައިގައި ބުނެދޭ މައި ވާހަކައަށް ބާރު އަޅައިގެން ކިޔުންތެރީންގެ ސަމާލުކަން ގެނައުމެވެ.
މިސާލަކަށް:
ހ) މޮޔަޔަކު ތިބާއަށް ދޮނެއް ދިނަ ނުދޭށެވެ. ދޮނެއް ތިބާ މޮޔަކުރިއަ ނުދޭށެވެ.
މި ޖުމުލައިގައި ދައްކާ މައިގަނޑު ޚިޔާލަކީ ދޮނެއް ދިނުމުގެ ވާހަކައެވެ. ދެން ހިމެނެނީ އޭގެ ސަބަބުން ދިމާވެދާނެ ކަމެއްގެ ވާހަކައެވެ. އެހެންކަމުން، ޖުމުލައި ފައްތަރުވެގެންދަނީ ކަމުގެ ސަބަބުން ކަމަށްވާތީ މިއީ ކަމުގެ ފައްތަރު ޖުމުލައެކެވެ.
- ސީދާ ފައްތަރު ޖުމުލަ (އެންޓިމެޓަބޯލް): މިއީ، ސީދާ އެއް ލަފުޒެއްގެ ތަރުތީބު އިދިކޮޅަށް ހިމަނައިގެން ހަދާ ފައްތަރު ޖުމުލައެވެ. މި ބާވަތުގެ ފައްތަރު ޖުމުލަ ގިނައިން ބޭނުންކޮށް އުޅެނީ ޤަބޫލުކުރުވުމަށް ލިޔުމާއި ތަޤުރީރުތަކުގައި މީހުންގެ ސަމާލުކަން ހޯދުމަށްށާއި އެއިން ފުން ވާހަކަތަކެއް ބަޔާންކޮށްދިނުމަށެވެ.
މިސާލަކަށް:
ހ) ތިބާގެ ޤައުމު، ތިބާއަށް ކޮށްދެވޭނޭ ކަންތަކުގެ ވާހަކައިން ސުވާލު ނުކުރާށެވެ. ސުވާލުން ކުރާންވީ ތިބާ، ޤައުމަށް ކޮށްދެވޭނެ ކަންކަމުގެ ވާހަކައިންނެވެ. (އެމެރިކާގެ ކުރީގެ ރައީސް ޖޯން އޮފް ކެނެޑީ)
Ask not what your country can do for you — ask what you can do for your country.“ — JFK
- މަފުހޫމީ ފައްތަރު ޖުމުލަ (ކޮންސެޕްޗުއަލް ކައެސްމަސް): މިއީ ޢިބާރާތަށް މުހިއްމު ނޫން މަފުހޫމުތައް ނުވަތަ ޝިއާރުތައް ޖުމުލައިގެ ފަހަތުގައި ހިމަނައިގެން އުފައްދާ ފައްތަރު ޖުމުލައެވެ.
މިސާލު:
ހ) ތިބާ ހަނދާން ނައްތައިލަނީ ހަނދާނުގައި ބަހައްޓަންވީ ކަންކަން އަދި، ހަނދާނުގައި ބަހައްޓަނީ ހަނދާން ނައިތައިލަން ބޭނުންވާ ކަންކަމެވެ. (ކޯމަކް މެކާރތީ)
ށ) އަހަރުމެންގެ ގެދޮރު އަހަރުމެން ބައްޓަންކުރަމުއެވެ. އޭގެފަހުން، ގެދޮރު އަހަރުމެން ބައްޓަންކުރެއެވެ. (ވިންސްޓަން ޗަރޗިލް)
ފައްތަރު ޖުމުލައިގެ ބައެއް މިސާލުތައް
ތިރީގައި އެ ވަނީ ފައްތަރު ޖުމުލައިގެ ގޮތުގައި އުފަންކޮށްލެވުނު ބައެއް މިސާލުތަކެވެ. މިސާލުތަކުގެ އޮނިގަނޑާއި ވައްތަރުތައް ފާހަގަކޮށްލާށެވެ. އަދި ޖުމުލަތަކުގެ މާނައާ މެދު ވިސްނައިލާ ޚިޔާލުކޮށްލާށެވެ.
- ބަހަށް ތިބާ ޚިދުމަތް ކުރުމުން، ބަސް ތިބާއަށް ޚިދުމަތްކުރާނެއެވެ.
- ތިބާއަށް ޤައުމު ފެންނަ ނަމަ، ޤައުމަށް ތިބާ ފެންނާނެއެވެ.
- ހިތުގެ ބަހަކީ ދިވެހިބަސް ނަމަ، ދިވެހިބަހުގެ ހިތަށް ތިބާވާނެއެވެ.
- ރަހުމަތްތެރިން މަތިން ހަނދުމަ ނެތިއްޖެ ނަމަ ރަހުމަތްތެރިން ތިބާގެ މަތިން ހަނދުމަ ނެތޭނެއެވެ.
- ފަންނިއްޔާތަށް ތިބާ ދެވިހިފައިފި ނަމަ ފަންނިއްޔާތު ތިބާއަށް ދެވިހިފާނެތެވެ.
- އަމިއްލަ ހިތުން ދިވެހިބަސް ނައްތައިލެވުނަސް، ދިވެހި ޤައުމުގެ ހިތުން ދިވެހިބަސް ނައްތައިނުލެވޭނެއެވެ.
- ޒުވާނުންގެ ވިންދަކީ ދިވެހިބަސް ނަމަ، ދިވެހިބަހުގެ ވިންދު ޒުވާން ވާނެއެވެ.
- ހަރަކާތްތެރި އަތް އިތުރު ވެއްޖެ ތަނެއްގައި، އިތުރުވާ އަތްތައް ހަރަކާތްތެރިވާނެއެވެ.
- އާރާއިބާރު ލިބުމުން މަތިފަޑި ވާގިނެތިއެވެ. ވާގިލިބި އާރާއިބާރުން މަޑިފަޑި ޒިންމާ ކުރުވެއެވެ.
- މޮޅެއް ހޯދަން ހެވެއް ދޫނުކުރާށެވެ. ހެވެއް ލިބުނަސް މޮޅެއް ނުލިބޭނެއެވެ.
- މޮޅެއް ހޯދަން ހެވެއް ދޫކޮށްފިތަ، ހެވެއް ލިބުނަސް މޮޅެއް ނުލިބޭނެއެވެ.
- ބަހަށް ދެރައެއް ދީފިތަ، ބަސް ތިބާއަށް ދެރައެއް ދޭނެއެވެ.
- ވަޠަނަށް ޣައްދާރުވެއްޖެ ތަ، ވަޠަން ތިބާއަށް ޣައްދާރުވާނެއެވެ.
- ބިދޭސީން ދޭސީ ކޮށްފިއެވެ. އެކަމަކު، ބިދޭސީން ދޭސީއެއް ނުވިއެވެ.
- ފޮތުން ހިތަށް އަލިކޮށްފި ނަމަ، ފޮތަށް އަލިކޮށްދޭ ހިތެއް ހުޅުދާންވާނެއެވެ.
- ޖަޒުބާތުގެ ވާރޭން ފަސްބައި ނުތެންމާށެވެ. ވާރޭގެ ފަސްބައިން ޖަޒުބާތު ދޮވެލާށެވެ.
- ގަލަން ހިންގަން ފަހިވި މީހާ، މީހާ ހިންގުމަށް ގަލަން ފަހިވާނެއެވެ.
- އަހެއް ނެތަކަސް އަސްވާރަކަށް ވެއްޖެ ނަމަ، އަސްވާރުން ތެދުވެ އަހެއް ހޯދައިދޭނެއެވެ.
- ތަސްވީރު ކުރާންވީ އުއްމީދެވެ. ހުޅުދާން ކުރާންވީ އުއްމީދީ ތަސްވީރެވެ. އުއްމީދު ކުރާންވީ ހުޅުދާންކުރި ތަސްވީރަށެވެ.
- ދިވެހިބަސް ފަގީރު ނަމަ، ފަގީރު ބަހެއް ދިވެހި ކުރާން ނޫޅޭށެވެ.
ފައްތަރު ޖުމުލަ ބޭނުން ކުރާނީ ކިހިނެއް؟
ފައްތަރު ޖުމުލައަކީ ލިޔުމުގެ އަސަރާއި ޖަޒުބާތު ހާމަކުރުމަށް ޓަކައި އަދި ކިޔުންތެރިންނަށް ފޯރުކޮށްދޭން ބޭނުންވާ ވާހަކަ ތަފާތު އުސްލޫބަކުން، އަދަބީ ކުލަ ހިމަނައިގެން ލިޔުމަށް ބޭނުންކުރާ ޖުމުލައެކެވެ. އެހެންކަމުން، އަދަބީ ވައްޓަފާޅިއަށް ލިޔާ ކޮންމެ ލިޔުމެއްގައި ފައްތަރު ޖުމުލަ ބޭނުންކުރެވޭނެއެވެ. އަދަބީ އުސްލޫބުން ވާހަކަދައްކާ ނުވަތަ ތަޤުރީރުކުރާ ކޮންމެ ދަނޑިވަޅަކު ފައްތަރު ޖުމުލަ ބޭނުން ކުރެވޭނެއެވެ. މިގޮތުން، މަދަރުސީ ދަރިވަރުން ލިޔާ މަޒުމޫނުގައި ފައްތަރު ޖުމުލަ ބޭނުން ކުރެވިދާނެ ހާލަތްތަކެއް މިސާލާ އެކު ހުށަހަޅައިދޭނަމެވެ.
މަޒުމޫނުގައި ފައްތަރު ޖުމުލަ ބޭނުންކުރާނެ ގޮތް
މަޒުމޫނު ލިޔުމުގައި ފައްތަރު ޖުމުލަ ބޭނުން ކުރުން އެންމެ ރަނގަޅީ ބުނާ ބުނުމެއްގެ ބާރު ގަދަކޮށްދިނުމަށާއި ބާރުލާން ޖެހޭ ދަނޑިވަޅުތަކުގައެވެ. މިގޮތުން، މަޒުމޫނުގައި ފައްތަރު ޖުމުލަ ބޭނުންކުރެވޭނީ:
ހ) ހޫކު ޖުމުލަ:
ހޫކު ޖުމުލައަކީ މައުޟޫޢާ ގުޅޭ ގޮތުން ކިޔުންތެރިންގެ ސަމާލުކަން ހޯދުމަށް ހުށަހަޅައިދޭ ޖުމުލައެވެ. މަޒުމޫނުގައި ފައްތަރު ޖުމުލަ ގެނެވޭނެ އެންމެ މުނާސަބު އެއް މަގާމަކީ ހޫކު ޖުމުލައެވެ. ހޫކު ޖުމުލަ ގެނެވޭނެ ވަރަށް ގިނަ ގޮތްގޮތް ހުންނަ އިރު، އަދަބީ ރަހަ ހިމެނޭ ހޫކު ޖުމުލައެއް ގެންނަން ބޭނުން ނަމަ، ފައްތަރު ޖުމުލައިގެ ގޮތުގައި ހޫކު ޖުމުލައެއް ގެނެވިދާނެއެވެ.
ހ) ސުރުޚީ: މީސްމީޑިއާގެ ސަބަބުން ލިބޭ ގެއްލުންތައް
* ”އުޅުމާއި ގުޅުން ހިމުންކުރުމަށް މީސްމީޑިއާ ބޭނުން ކުރި ނަމަވެސް، މީސްމީޑިއާއިން ގުޅުމާއި އުޅުން ކަފާސްކުރުވައެވެ.“
މިސާލަށް ބަލާ އިރު، މި ޖުމުލަ ފަށައިފައި އެ ވަނީ މީސްމީޑިއާގެ މުހިއްމުކަން ބަޔާންކޮށްދޭ އިބާރާތެއް ނަމަވެސް، ޖުމުލައިގެ މައި ބުނުން އެ ވަނީ ޖުމުލައިގެ ފަހަތަށް ގެނެސްދީފައެވެ. އެއީ މީސްމީޑީއާއިން ލިބޭ އެންމެ ބޮޑު ގެއްލުމެއްގެ ވާހަކައެވެ. އެއީ އުޅުމާއި ގުޅުން ކަފާސްކުރުވުމެވެ. ބަލިކަށިވެ ނިކަމެތިވުމެވެ. މި މައުޟޫއަށް، ހޫކު ޖުމުލަތަކެއް އެކުވަލައިލުމަށް ދަރިވަރުންނަށް ހަވާލުކުރުމުން ދަރިވަރުން އެކުލަވައިލި ބައެއް ހޫކު ޖުމުލަ މިސާލުތަކެއްގެ ގޮތުގައި ހިމަނައިލާނަމެވެ.
ހ) މީސްމީޑިއާގެ ޖާދޫގައި ޒުވާނުން ޖައްސާ، ޒުވާން ޖާދޫގަރަކަށް މީސްމީޑިއާ ވެއްޖެއެވެ. (ފާތިމަތު ލައިޝާ ނާޖިހް، 2025)
ށ) އިންސާނުން މީސްމީޑިއާގެ މައްޗަށް އަތްގަދަ ނުކުރާ ނަމަ، މީސްމީޑިއާ އިންސާނުންގެ މައްޗަށް އަތްގަދަ ކުރާނެއެވެ. (މަރިޔަމް އީޝަލް ނަޝީދު، 2025)
ނ) މީސްމީޑިއާގެ ތެރެއަށް ތިމާ ފެތެމުންދާ އިރު، ތިމާގެ ވިސްނުމުގެ ތެރެއަށް މީސްމީޑިއާ ފެތެމުންދެއެވެ. (ނަބާހާ މުޙައްމަދު އަޝްރަފް، 2025)
ރ) ޒުވާނުން މީސްމީޑިއާގެ ގާތް މިތުރަކަށް ވެއްޖެ ނަމަ، މީސްމީޑިއާ ވެގެންދާނީ ޒުވާނުންގެ މައި ހަތުރަކަށެވެ. (އާއިޝަތު ހަނާން މުހައްމަދު އާސިފު، 2025)
ށ) މައިގަނޑު ޖުމުލަ:
މަޒުމޫނުގެ މައިގަނޑު ޕެރެގުރާފު އެކުލަވައިލާނީ މައިގަނޑު އެއް ނުކުތާއަށް ބިނާކޮށެވެ. އަދަބީ ރީތި މަޒުމޫނުތަކުގެ މައިގަނޑު ޖުމުލަތަކުގައި ފައްތަރު ޖުމުލަ ބޭނުންކުރެވިދާނެއެވެ. ފައްތަރު ޖުމުލައިން މައިގަނޑު ޕެރެގުރާފު ފެށުމުގައި މައިގަނޑު ޚިޔާލު ހިމަނައިގެން ގެނައުމުން މަޒުމޫނުގެ ރީތިކަމާއި އަދަބީ ގޮތުން އަގު މަތިވެގެންދެއެވެ. މިފަދަ ބައެއް މިސާލުތައް ހިމަނައިލާނަމެވެ.
ހ) މައިގަނޑު ޚިޔާލު (މުޖުތަމައު ބައްޓަންކުރުމުގައި މީސްމީޑިއާގެ ދައުރު)
* މުޖުތަމައުން މީސްމީޑިއާ ބައްޓަން ކުރާ އިރު، މީސްމީޑިއާއިން މުޖުތަމައު ބައްޓަން ކުރެއެވެ.
ށ) މައިގަނޑު ޚިޔާލު (އިންޓަރނެޓަށް ދެވިހިފުން)
* އަހަރުމެން އިންޓަރނެޓް ކޮންޓްރޯލް ކުރާ އިރު، އިންޓަރނެޓު އަހަރުމެން ކޮންޓްރޯލް ކުރެއެވެ.
ނ) މައިގަނޑު ޚިޔާލު (އާޓިފިޝަލް އިންޓެލިޖެންސުން ވަޒީފާ ގެއްލުން)
* އާޓިފިޝަލް އިންޓެލިޖެންސުން ވަޒީފާތައް އުފެއްދި ނަމަވެސް، ވަޒީފާތައް ވުޖޫދުން ފޮހެލަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުންނެވެ.
ރ) މައިގަނޑު ޚިޔާލު (މަސްނޫޢީ ތޫނުފިލިކަމުން ލިބޭ ގެއްލުމެއް)
* ދިރިއުޅުން ފަހިކުރުމަށް މަސްނޫޢީ ތޫނުފިލިކަން އުފަންކުރުވާ އިރު، އެއިން ދިރިއުޅުން މަސްނޫއީ ކުރުވައެވެ.
ށ) ބާރުދޭ ޖުމުލަތައް:
ބާރުދޭ ޖުމުލަތަކަކީ މަޒުމޫނުގެ މައިގަނޑު ޚިޔާލަށް ބާރުދިނުމަށް ހުށަހަޅާ ހެކިތަކެވެ. މިސާލުތަކެވެ. މައިގަނޑު ބުނުމުގެ ބާރު ގަދަކުރުމަށް ގެނެސްދޭ ތަފުސީލުތަކެވެ. މަޒުމޫނުގެ ބާރުދޭ ޖުމުލައިގެ ގޮތުގައި ވެސް ފައްތަރު ޖުމުލަ ގެނެވިދާނެއެވެ. ނަމަވެސް، ކޮންމެ ކޮންމެ ޕެރެގުރާފެއް ގައެއް ނޫނެވެ. ހާލަތާ މުނާސަބު ގޮތަށެވެ.
ށ) ވަށައިޖައްސާ ޖުމުލަ:
ވަށައިޖައްސާ ޖުމުލައަކީ މަޒުމޫނުގެ މައިގަނޑު ޕެރެގުރާފުތަކުގެ ނިންމުމުގައި ހިމަނާ ޖުމުލައެވެ. މަޒުމޫނުގެ މައިގަނޑު ޕެރެގުރާފު ތަކުގެ ނިންމުގައި ފައްތަރު ޖުމުލަ ގެނެވިދާނެއެވެ. މިގޮތުން، ވަށައިޖައްސާ ޖުމުލައިގެ އޮނިގަނޑަށް ފެތޭނެހެން ގެނައުމަށް އިސްކަން ދިނުން މުހިއްމެވެ. އެހެނީ، ވަށައިޖައްސާ ޖުމުލައިގެ އޮނިގަނޑަކީ، ’ގުޅުވާ އަކުރު + މައިގަނޑު ޖުމުލަ އެހެން އިބާރާތަކުން + ލިޔާ މަޒުމޫނާ ގުޅޭ ގޮތުން ބުނާ ވާހަކައެއް/ޚިޔާލެއް/ލަފައެއް/ނަސޭހަތެއް‘ މިއެވެ.
މިސާލަކަށް:
- މައިގަނޑު ޖުމުލަ: އާޓިފިޝަލް އިންޓެލިޖެންސުން ވަޒީފާތައް އުފެއްދި ނަމަވެސް، ވަޒީފާތައް ވުޖޫދުން ފޮހެލަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުންނެވެ.
- ވަށައިޖައްސާ ޖުމުލަ: ވީމާ، ވަޒީފާތައް ގެއްލިގެން ދަނީ އާޓިފިޝަލް އިންޓެލިޖެންސުން ކަމަށްވާތީ، މިކަމާ މެދު ވިސްނާން ޖެހެއެވެ.
ވަށައިޖައްސާ ޖުމުލަ ގެނެސްދީފައި އެ ވަނީ ވަރަށް އާދައިގެ ގޮތަކަށް، ވަށައިޖައްސާ ޖުމުލައިގެ އޮނިގަނޑާ އެއްގޮތަށެވެ. މި ޖުމުލަ ބޭނުންކޮށްގެން ވަށައިޖައްސާ ޖުމުލައެއް ލިޔާން ހަވާލުކުރުމުން ދަރިވަރުން ލިޔުނު ވަށައިޖައްސާ، ފައްތަރު ޖުމުލަ ތިރީގައި އެ ވަނީއެވެ.
ވީމާ، އިންސާނުން ވަޒީފާއަށް، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް ނިމުމެއް ނުގެންނަ ނަމަ، އާޓިފިޝަލް އިންޓެލިޖެންސް އިންސާނުންގެ ވަޒީފާއަށް ނިމުމެއް ގެންނާނެތީ، މިކަމާ މެދު ވިސްނާން ޖެހެއެވެ. -(މަރިޔަމް އީޝަލް ނަޝީދު، 2025)-
އެހެންކަމުން، އާޓިފިޝަލް އިންޓެލިޖަންސްގެ ވަކިތަކުން ަވަޒީފާތައް ހަފުސްވެގެންދާ އިރު، ވަޒީފާގެ މާހައުލުގައި ތޫނުކުރާން ޖެހެނީ އާޓިފިޝަލް އިންޓަލިޖަންސްގެ ވަކިތަކެވެ. -(ފާތިމަތު ލައިޝާ ނާޖިހް، 2025)-
ވީމާ، އޮފީހުގައި ހިންދެމިލުމަށް މަސްނޫއީ ތޫނުފިލިކަމުގެ މަދަދަށް އެދި ނާށިގަނޑު ދިއްކުރާ ނަމަ، އިސާހިތަކު ތިމާގެ ވަޒީފާ އަތުލުމަށް ފަހު، މަސްނޫއީ ތޫނުފިލިކަން އޮފީހުގައި ހިންދެމިލަފާނެއެވެ. -(އާއިޝަތު ހަނާން މުޙައްމަދު އާސިފު 2025)-
2) މައިގަނޑު ޖުމުލަ: މުޖުތަމައުން މީސްމީޑިއާ ބައްޓަން ކުރާ އިރު، މީސްމީޑިއާއިން މުޖުތަމައު ބައްޓަން ކުރެއެވެ.
* ވަށައިޖައްސާ ޖުމުލަ: މުޖުތަމައު ބައްޓަން ކުރުމުގައި މީސްމީޑިއާ މުހިއްމު ދައުރެއް އަދާކުރާތީ މިއީ އަދު މުޖުތަމައަށް މުހިއްމު ވާސިތާއެކެވެ.
މި މިސާލުގައި ވެސް ވަށައިޖައްސާ ޖުމުލަ ގެނެސްދީފައި އެ ވަނީ ވަރަށް އާދައިގެ ގޮތަކަށް، ވަށައިޖައްސާ ޖުމުލައިގެ އޮނިގަނޑާ އެއްގޮތަށެވެ. މި ޖުމުލަ ހިމެނޭ ޕެރެގުރާފު ނިންމާ އިރު ގެނައުމަށް އެކުލަވައިލި ވަށައިޖައްސާ، ފައްތަރު ޖުމުލަ ތިރީގައި އެ ވަނީއެވެ.
މީސްމީޑިއާއިން މުޖުތަމައު ބައްޓަންކޮށް މުޖުތަމައުން މީސްމީޑިއާ ބައްޓަންކުރާތީ، މިއީ މިއަދު ބޭނުންތެރި ވާސިތާއެކެވެ.
ފައްތަރު ޖުމުލަ ބޭނުންކޮށްގެން ދަރިވަރުން ލިޔުނު ވަށައިޖައްސާ ޖުމުލަ ތިރީގައި އެ ވަނީއެވެ.
މުޖުތަމައުން މީސްމީޑިއާ ބައްޓަންކުރުމަށް ދީލައިލާ އިރު، މީސްމީޑިއާއިން މުޖުތަމަޢަށް އާރޯކަމާއި ރޯޝަނީކަން ގެނެސްދޭތީ، މިއީ އަދު މުޖުތަމައަށް މުހިއްމު ވާސިތާއެކެވެ. – (ނަބާހާ މުޙައްމަދު އަޝްރަފް، 2025)-
ވީމާ، މުޖުމަޢުގެ ކަވި އަތްތަކުން މީސްމީޑިއާގެ ކިއްސަރަށް ފަރިކަމާއި ފުރިހަމަކަން ގެނުވައިދޭ އިރު، މުޖުތަމަޢުގެ މިސްރާބު ހޭރިޔާކޮށްދޭ އިސް އާރުކާޓީއަކަށް ވެގެންދާތީ މިއީ މުޖުތަމައަށް ނަފާކުރަނިވި ވާސިތާއެކެވެ. -(އާއިޝަތު ހަނާން މުޙައްމަދު އާސިފު 2025)-
ރ) މަޒުމޫނުގެ ނިންމުން:
މަޒުމޫނުގެ ނިންމުމުގައި ވެސް ފައްތަރު ޖުމުލަ ބޭނުންކުރެވިދާނެއެވެ. ބައެއް ލިޔުންތެރިންގެ ނަޒަރުގައި މަޒުމޫނުގެ ނިންމުމުގެ ފުރަތަމަ ޖުމުލައިގައި ވެސް ފައްތަރު ޖުމުލަ ގެނެވިދާނެއެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި މަދަރުސީ ދަރިވަރުން ލިޔާ މަޒުމޫނުގެ ނިންމުމުގައި ތީސިސް ޖުމުލަ އެހެން އިބާރާތަކުން ގެނައުމަށް ބާރުއަޅައިފައި އޮންނަ އިރު، ފައްތަރު ޖުމުލަ ގެނައުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެ ހިނގައިދާނެއެވެ.
މަޒުމޫނުގެ ނިންމުމުގައި ފައްތަރު ޖުމުލަ ގެނައުމަށް އެންމެ މުނާސަބު މަގާމެއް ކަމަށް ފާހަގަކުރެވެނީ އެންމެ ފަހު ޖުމުލައިގައެވެ. ލިޔާ މަޒުމޫނުގެ ބާވަތުން ގެންނަ ފައްތަރު ޖުމުލައިގެ ވައްތަރަށް ނުވަތަ ބާވަތަށް ބަދަލު ގެނެވިދާނެއެވެ. ލިޔުމުގެ އުސްލޫބަށް އަންނަ ބަދަލާ އެކު ފައްތަރު ޖުމުލައިގެ ރޫފައަށް ބަދަލު ގެންނާން ޖެހޭނެއެވެ. ބައެއް މިސާލުތައް ހިމަނައިލާނަމެވެ. މިސާލުތަކުގައި ދަށު ރޮނގުން ފާހަގަކޮށްފައި އެ ވަނީ ލިޔުމުގެ އުސްލޫބީ ތަފާތުގެ ސަބަބުން ޖުމުލައިގެ ރޫފައަށް ގެނެވިދާނެ ކަމަށް ފެންނަ ބަދަލުތަކުގައެވެ.
މިސާލު:
- މަޒުމޫނުގެ ބާވަތް: އޮޅުންފިލުވައިދޭ ލިޔުން
ސުރުޚީ: މީސްމީޑިއާގެ ސަބަބުން ލިބޭ ގެއްލުން
ހ) މީސްމީޑިއާ އުފަންކުރުވީ އަހަރުމެންގެ ހާދިމެއްގެ ގޮތުގައި ނަމަވެސް، މިހާރު މީސްމީޑިއާގެ ހާދިމުންނަކީ އަހަރުމެން ކަމަށްވާތީ މިއީ ފުންކޮށް ވިސްނާން ޖެހޭ ކަމެކެވެ.
- މަޒުމޫނުގެ ބާވަތް: ދެކޭގޮތް ހާމަކުރާ ލިޔުން
ސުރުޚީ: މީސްމީޑިއާގެ ސަބަބުން ލިބޭ ގެއްލުމާ މެދު އަހަރެންގެ ޚިޔާލު
ހ) މީސްމީޑިއާ އުފަންކުރުވީ އަހަރުމެންގެ ހާދިމެއްގެ ގޮތުގައި ނަމަވެސް، އަހަރެންގެ ނަޒަރުގައި މިހާރު މީސްމީޑިއާގެ ހާދިމުންނަކީ އަހަރުމެންނެވެ.
- މަޒުމޫނުގެ ބާވަތް: ދެކޮޅު ހާމަކުރާ ލިޔުން
ސުރުޚީ: މީސްމީޑިއާގެ ސަބަބުން ލިބޭ ގެއްލުމާއި ފައިދާ
ހ) މީސްމީޑިއާ އުފަންކުރުވީ އަހަރުމެންގެ ހާދިމެއްގެ ގޮތުގައި ނަމަވެސް، މިހާރު މީސްމީޑިއާގެ ހާދިމުންނަކީ އަހަރުމެން ކަމަށްވީތީ، މީސްމީޑިއާއިން ކުރާ އަސަރަށް އަހުލުވެރިވުމަކީ މުހިއްމު ކަމެކެވެ.
- މަޒުމޫނުގެ ބާވަތް: އެއްކޮޅަށް ލިޔުން
ސުރުޚީ: މީސްމީޑިއާގެ ސަބަބުން ގެއްލުން ލިބެއެވެ.
ހ) މީސްމީޑިއާ އުފަންކުރުވީ އަހަރުމެންގެ ހާދިމެއްގެ ގޮތުގައި ނަމަވެސް، ޤަބޫލުކުރާން ޖެހޭ ޙަޤީޤަތަކީ މިހާރު އިންސާނުންނަކީ މީސްމީޑިއާގެ ހާދިމުންކަމެވެ.
- މަޒުމޫނުގެ ބާވަތް: ބަހުސްކުރާ ލިޔުން
ސުރުޚީ: މީސްމީޑިއާއިން ބޮޑަށް ލިބެނީ ގެއްލުން ހެއްޔެވެ؟ ފައިދާ ހެއްޔެވެ؟
ހ) މީސްމީޑިއާ އުފަންކުރުވީ އަހަރުމެންގެ ހާދިމެއްގެ ގޮތުގައި ނަމަވެސް، މި މަންސައިން ލިބޭ މަންފާއަށް ވުރެ ބޮޑަށް ގެއްލުން ލިބޭތީ ޤަބޫލުކުރާން ޖެހޭނީ މިއަދު މީސްމީޑިއާގެ ހާދިމުންނަކީ އަހަރުމެންކަމެވެ.
މަޒުމޫނެއްގެ މައިގަނޑު ޕެރެގުރާފެއްގެ މިސާލު
މަސްނޫޢީ ތޫނުފިލިކަމުން ލިބޭނެ ފައިދާއާއި ގެއްލުން
މަސްނޫޢީ ތޫނުފިލިކަމުގެ އަދާތުން ވަޒީފާއަށް މީހުން ނަގަމުންދާ އިރު، ވަޒީފާތަކުން މީހުން ނަގާނެ އަދާތަކަށް މަސްނޫޢީ ތޫނުފިލިކަން ވެގެންދާނެއެވެ. އެއީ، މަސްނޫއީ ތޫނުފިލިކަން ކުރިއަރާ ވަރަކަށް މިހާރު އިންސާނުންގެ އެހީގައި ކުރާ ބައެއް މަސައްކަތްތައް އިންސާނަކާ ނުލައި ކުރެވޭ ގޮތަށް ބަދަލުވެ، އެ މަސައްކަތްތަކަށް އިންސާނުން ބަރޯސާވާ މިންވަރު މަދުވާނެތީއެވެ. މިކަން ގޯލްޑްމަން ސެކްސަން 2023ވަނަ އަހަރު ނެރުނު ރިޕޯޓުން ހާމަވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 300 މިލިއަން ވަޒީފާއަށް، މަސްނޫޢީ ތޫނުފިލިކަމުގެ އަދާތުތަކުގެ ސަބަބުން މިހާރު ވެސް ނޭދެވޭ އަސަރުކޮށްފައިވެއެވެ. އަނެއްކޮޅުން، ވޯލްޑް އިކޮނޮމިކް ފޯރަމުން ލަފާކޮށްފައިވާ ގޮތުގައި، މިކަމުގެ ސަބަބުން އެމެރިކާއިން އެކަނި ވެސް، 2027ވަނަ އަހަރުގެ ނިޔަލަށް %23 ވަޒީފާތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މިގޮތުން، ކުރިމަގުގައި ސޭޓުންނާއި ސޭލްސް އެސިސްޓެންޓުންނާއި ޑްރައިވަރުންނާއި ޑޭޓާ އެންޓްރީ ކްލާކް (ކާތިބުން) ފަދަ ވަޒީފާތައް ވުޖޫދުން ފޮހެވިގެންދާނެކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ވީމާ، މަސްނޫޢީ ތޫނުފިލިކަން އުފަންކުރުވީ އަހަރުމެންގެ ލާބަޔާ މަންފާއަށް ނަމަވެސް، މާދަމާ މަސްނޫއީ ތޫނުފިލިކަމުގެ ލާބަޔާ މަންފާއަށް އަހަރުމެން ބޭނުން ކޮށްފާނެ ކަމަށް ބަލައި، މިކަމަށް ސަމާލުވާން ޖެހެއެވެ.
*ބަސްކޮށާރު: ހ) އަދާތު (އާލާތްތައް) ށ) މަސްނޫޢީ ތޫނުފިލިކަން (އާޓިފިޝަލް އިންޓެލިޖަންސް) ނ) ބަރޯސާވުން (ބިނާވުން)
ދަރިވަރުންގެ މަސައްކަތްތަކުން ފާހަގަވި ބައެއް ޕެރެގުރާފުތައް
މިސާލު 1
އަމާން މުޖުތަމަޢެއްގެ ބިންގަލަކީ ހެޔޮގޮތުގައި ދަރީން ތަރުބިއްޔަތު ކުރުން ކަމުގައިވާ އިރު، ހެޔޮ ބިންގަލެއްގެ މަތީގައި ބޮޑުވެގެން އަންނަ ދަރީން އަމާން މުޖުތަމަޢެއް ތަރުބިއްޔަތު ކުރާނެއެވެ. އެގޮތުން، އެންމެ ތުއްތު އިރުއްސުރެ ދަރީންނަށް ފެނާއި އަލިފާން ވަކިކުރާން ދަސްކޮށްދޭ ފަދައިން ހެވާއި ނުބައި ވަކިކުރާން ދަސްކޮށްދޭން ޖެހެއެވެ. ދުރޫސުލް އަހުލާގު އުނގަނައިދީ މަކާރިމުލް އަހުލާގުގެ ނިޔަނެތި ސިފަތަކުން ކުދީންގެ އުޅުމާއި ގުޅުން ފައްކާކުރާން ޖެހެއެވެ. ކުދީންގެ ޚިޔާލާއި ވިސްނުން ކިލަނބު ކުރުވާ ފަދަ ކުށްތަކަށް އަރައިގަންނަ ފަދަ މަންޒަރުތައް ހިމެނޭ ގޭމުތަކާއި ކާޓޫނުތަކުގެ ވަބާއިން އެ މައުސޫމު ޅަ ސިކުނޑިތައް ރައްކާކުރާން ޖެހެއެވެ. މިކަން ކުރާން ޖެހެނީ ތަރުބަވީ އުނގުތަކެވެ. ތައުލީމީ ފަނާރުތަކުގެ މަސްލަހަތުވެރީންނެވެ. އެދުރުންނާއި މައިންބަފައިންނެވެ. ވީމާ، ހެޔޮ ތަރުބިއްޔަތަކީ މުޖުތަމައުގެ އަމުނާއި އަމާން ނަގަހައްޓައިދޭ ނާރެސް ކަމުގައި ވީ ހިނދު، ހެޔޮ ތަރުބިއްޔަތު ނަގަހައްޓާ އަމްނާއި އަމާންގެ ނާރެހުގައި މުޖުތަމައު ވިދުވުމަކީ ތަރުބަވީ މަސްލަހަތުވެރީންގެ ޒިންމާއެކެވެ. -ފާތިމަތު ލައިޝާ ނާޖިހް (2025)-
މިސާލު 2
މީސްމީޑިއާގެ ތެރެއަށް ތިމާގެ ވަގުތުތައް ފެތެމުންދާ އިރު، ތިމާގެ ވަގުތުތައް މީސްމީޑިއާގެ ތެރެއަށ ްފެތެމުންދެއެވެ. އެހެނީ، ފަންނިއްޔާތުގެ މިތުރެއްގެ ގޮތުގައި ރެއާއި ދުވާލު ވަގުތުތައް ފުރަމުންދަނީ، އެ މަންސަތަކުގެ ޖާދޫގައި ޖެހި ހައްޔަރުވެ ތިބެއެވެ. ވަގުތާ މެދު ކުޑަވެސް ފަރުވާލެއް ނެލި ޣާފިލުވެ ތިބޭ ހާލުގައެވެ. ޝައްކެއް ވެސް ނެތް ގޮތުގައި ވަގުތަކީ އަގުނުކުރެވޭނެ ނިޢުމަތެކެވެ. އެ ނިޢުމަތަކަށް އިންސާނާ ފަރުވާ ކުޑަކުރެވޭ ނިޢުމަތެވެ. މިހެން މިކަން އޮއްވާ، ފަންނިއްޔާތުގެ ދަންތުރައިގައި ޖެހި އިންސާނާ ހައްޔަރުވެއްޖެއެވެ. ޒަމާން ގެނުވި ފަހި ދުވެލީގެ މޯހިރަށް ގެނބިގެންނެވެ. ވަގުތު އިޤުތިޞާދުނުކުރެވި އިސްރާފުކުރުމުގައެވެ. އާޚިރަތަށް ވިސްނައިލުމެއް ނެތިއެވެ. ފިލްމީ މަންޒަރުތަކުގެ އަވާގައެވެ. ސިލްސިލާތަކުގެ މަންޒަރުތަކަށް ހިތްދެވިގެންނެވެ. އަތުން ދޫކޮށްނުލެވޭ ސްމޭކީ ވަސީލަތަކުގެ ސަބަބުންނެވެ. އޮންލައިން ގޭމުކުޅުމުގައެވެ. އިޖުތިމާއީ އޮޅިތަކަށް ފޮޓޯއާއި ވީޑިއޯ އެޅުމާއި އެ ހޭވުމުގައެވެ. ދީނީ ވާޖިބުތަކާއި ވަޒީފާގެ ޒިންމާތަކާއި ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކަށް ލޯ މަރައިގެން ތިބެއެވެ. އެހެންކަމުން، އިންސާނާގެ ވަގުތުތައް މީސްމީޑިއާ ހިބަ ކުރާ އިރު، މީސްމީޑިއާއިން އިންސާނާގެ އަގުހުރި ވަގުތުތައް އޮޔަށް ވަޔަށް ބުރުވާތީ، މީސްމީޑިއާ ވެފައިވަނީ އިންސާނާގެ ހަތުރަކަށެވެ.
– ނަބާހާ މުޙައްމަދު އަޝްރަފް، (2025)-
ލިޔުމާ ގުޅޭ އަތްމަތީ ކަރުދާސް ހޯދުމަށް: https://drive.google.com/file/d/1VYo0QG3uIdS0SW_v5SMLwtBDb4bGdO0m/view?usp=sharing