ބަހަވީ, ލިޔުން

ދިވެހިބަސް ކުރި ނާރަނީ ޠަބިޢީގޮތުން ބަހަށް އަންނަ ބަދަލުތައް ހަނިކަމުންނެވެ

ދިވެހިބަސް ކުރި ނާރަނީ ޠަބިޢީގޮތުން ބަހަށް އަންނަ ބަދަލުތައް ހަނިކަމުންނެވެ

ނޯޓު: މިއީ، 2011 ވަނަ އަހަރު ބޭއްވި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުން 2 ވަނަ އަށް އައިސްފައިވާ މަޒުމޫނެކެވެ.

ދިވެހިން ދިވެހިންގެ ގޮތުގައި ފާހަގަ ކުރުމަށް ބާރުވެރިވަނީ ދިވެހިން ވާހަކަދައްކާ ދިވެހިބަހެވެ. މިގޮތުން، ދިވެހިފަސްގަނޑުގައި ދިވެހިން ވަޒަންވެރިވީއްސުރެ މިއަދާހަމައަށް ވާހަކަދެއްކުމަށް ބޭނުންކުރަމުން އައީ ދިވެހިބަހެވެ. ނަމަވެސް، އެކި ދުވަސްވަރު އެކިގޮތަށެވެ. އެކި ފާޑުފާޑަށެވެ. އެކި އުޞޫލުތަކަށެވެ. މިއުޞޫލުތަކާއި ގޮތްތައް ބަދަލުވެ އެކި މުޖުތަމަޢުތަކުގައި  ތަފާތު ގޮތް ގޮތަށް ވާހަކަދެއްކުން ބިނާކުރުމަށް އެއްވެސް މީހަކު ބާރެއްނާޅައެވެ. މަސައްކަތެއް ނުކުރެއެވެ. ނަމަވެސް، މިގޮތްގޮތަށް ބަސްހޭނި ބަދަލުވަމުން ދިޔައީ ބަސްބޭނުން ކުރުމަށް ދަތުރުކުރަމުން އައި މަރުޙަލާތަކާއި އުޞޫލުތަކަށް ބަހުގެ އަމިއްލަ ޒާތުގައި އައި ބަދަލުތަކެއްގެ ސަބަބުންނެވެ. ބަހުގެ ޠަބީއަތައް އައި ބަދަލުތަކަކުންނެވެ. މިއަދު ދިވެހިން ވާހަކަދެއްކުމަށް ބޭނުންކުރާ ދިވެހިބަހަށް ބަދަލު ނާންނަނީ ތަބިޢީގޮތުން އަންނަ ބަދަލުތައް މަދުވުމުންނެވެ. މިގޮތުން، ބަހުގެ އަޑުގެ ނިޒާމަށާއި ލަފުޒުތަކުން ދޭހަވާ މާނަތަކަށާއި ލަފުޒު އުފެދުން (ބަސްވިހުން) ޙާލަތާއި ދަނޑިވަޅުގައި ބަސްބޭނުން ކުރުމުން ނިކުންނަ މާނައާއި ޖުމުލައިގައި ލަފުޒު އެތުރޭ ގޮތުން ނެރެވޭ މާނަތަކާއި ބަސް ބޭނުންކޮށްގެން މުއާމަލާތާއި މުވާސަލާތު ކުރުން މަދުވުމާއި ބަހުގެ ޢިލްމީ ޚަޒާނާ ފުޅާނުވުމުގެ ސަބަބުން ޠަބީޢީ ގޮތުން ބަހަށް ކުރިއަރައިގެން ނުދެއެވެ.

      އިންސާނާ ވާހަކަދައްކާ ބަސްތައް ދިރާސާ ކުރާ ޢިލްމަކީ ބަހަވީ ޢިލްމެވެ. ނުވަތަ ބަހަވީ ސައިންސެވެ. ބަހަވީ ޢިލްމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ބަހުގެ އަޑުގެ ނިޒާމު (ފޮނޯލޮޖީ)، ވަކިވަކި ލަފުޒުތަކުން މާނަ ދޭހަކުރުން(ސެމޭންޓިކްސް)، އައު ލަފުޒު އުފެއްދުން (މޯފޮލޮޖީ)، ޖުމްލަގައި ލަފުޒު އެތުރި ތަރުތީބު ވާގޮތް (ސިންޓެކުސް) އަދި ހާލަތާ ގުޅޭގޮތުން މާނަކުރާ ކުރުންތައް (ޕުރެގުމެޓިކްސް) ކަމަށް ޑޭވިޑް ކުރިސްޓަލް (1987) ހާމަކުރައްވައެވެ. ދިވެހިބަސް ކުރި ނާރަނީ ކީއްވެތޯ ބަލާއިރު، އިސްވެ ބަޔާންކުރެވުނު ބަހަވީ ޢިލްމުގެ ގޮފިތައް ކުރިއަރާތޯ ނުވަތަ އެ ގޮފިތަކުގެ އަލީގައި ބަހުގެ ޠަބީޢަތަށް އަންނަ ބަދަލުތައް އަންނަނީ ހަނިކޮށް ނުވަތަ ފުޅާކޮށްތޯ ބަލައިލަންޖެހެއެވެ.

      ދިވެހިބަހަކީ އަމިއްލަ އަޑު މަޚްރަޖުތަކެއް ލިބިފަވާ ބަހެކެވެ. ދިވެހީންގެ އަޑުމަޚްރަޖުގައި ޖުމްލަ 40 ސުކުންއަޑު (ކޮންސަނަންޓް) އާއި 26 ލީނުއަޑު (ވަވަލެސް) ހިމެނޭ ކަމަށް ހުސައިން ރަޝީދު އަޙްމަދު (1995) ހާމަކުރައްވައެވެ. ބަސްބޭނުން ކުރުމަށް ކަޑައްތު ކުރަމުންދާ މަރުޙަލާތަކުގައި މި އަޑުތަކަށް އަންނަނީ ވަރަށް ހަނި ބަދަލުތަކެކެވެ. މި އަޑުތަކަށް އިތުރު ކުރިއެރުންތައް އަންނަމުންދާކަން ފާހަގައެއް ނުކުރެވެއެވެ. މިގޮތުން، ދިވެހިބަހުގައި ހިމެނޭ އަޑު ތަކުގެ ތެރެއިން އެންމެ މަދު އަޑުތަކަށް ރިޢާޔަތްކޮށް އެފަދަ އަޑުތައް ބޭނުންކުރެވޭ ޢަދަދު އިތުރެއް ނުވެއެވެ. މިސާލަކަށް ދިވެހިބަހަށް އިނގިރޭސިބަހުން ގެނެސްފައިވާ ’ޜ‘ /Z/ ގެ އަޑާއި ލީނު އަޑެއްގެ ގޮތުގައި ބޭނުންކުރާ /9/ އަޑުތައް ފަދަ އަޑުތައް ފާހަގަކޮށްލެވެއެވެ. މިފަދަ އަޑުތައް ދަނީ އުވެމުން ނެތެމުންނެވެ. ސަބަބަކީ ބަސް ބޭނުންކުރާ ފަރާތްތައް ބޭއިޚުތިޔާރުގައި ލަފުޒުތައް ކިޔުމުގައި މި އަޑުތައް ދޫކޮށްލާތީއެވެ. މިއީ، ބަހުގެ ޠަބީޢަތުގައި ހުރި ކަންތައްތަކެއްގެ ސަބަބުން ވާކަމަކަށް ވުން އެކަށީގެންވެއެވެ. ހަމަ މިއާއެކު، ދިވެހިބަހުގައި ހިމެނޭ އަޑުތައް ފާޅުކުރާގޮތާއި ލިޔުމުގައި އޮންނަ ގޮތަށް ޠަބިޢީ ބަދަލުތަކެއް އަންނަކަމަށް ފާހަގައެއް ނުކުރެވެއެވެ. އިނގިރޭސިބަހަށް ބަލާއިރު ލިޔުމާއި ކިޔުމުގައި ޠަބިއީ ބަދަލުތަކެއް އައިސްފައިވާކަމަށް ކުރެވިފައިވާ ދިރާސާތަކުން ހާމަވެއެވެ. މިގޮތުން، އިހުގައި ‘bride’ އަދި ‘hrose’ ގެ ގޮތުގައި ބޭނުންކުރި ލަފުޒުތައް މިހާރު ބޭނުންކުރަނީ ‘bird’ އަދި ‘horse’ މި ގޮތަށެވެ. މި ބަދަލު އެ ބަހުގެ ކިޔުމާއި ލިޔުމުން ފާހަގަވެއެވެ. މިގޮތަށް އަންނަ ބަދަލުތައް އަންނަނީ ބަސް ބޭނުންކުރުމަށް ކުރާ ދަތުރުގައި ބަސް ބޭނުންކުރެވޭ މިންވަރު އިތުރުވެ ބަހުގެ ފާޅުކުރުންތައް ގިނަވުމުގެ ސަބަބުން ކަމަށް ވިކްޓޯރިއާ ފޮރޮމްކިން، ޑޭވިޑް ބުލެއަރ އަދި ޕީޓަރ ކޮލިންސް (1999) ހާމަކުރައްވައެވެ. ނަމަވެސް، ދިވެހިބަހުގެ އަޑު މަޚުރަޖުތައް ބަދަލުވުން ނުވަތަ ފޮނޮލޮޖިކަލް ބަދަލު ނާންނަނީ ބަހުގެ ޠަބީޢަތަށް އަންނަ ބަދަލުތައް މަދު ކަމުގެ ސަބަބުންނެވެ. ހަނިވުމުގެ ސަބަބުންނެވެ.

      ބަސް ތަރައްޤީވެ ކުރިއަރައި ދިއުމަށް ޓަކައި ބަހުގައި ހިމެނޭ ބަސްކޮށާރު މުއްސަނދިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބަސްކޮށާރަށް ލަފުޒު އިތުރުކުރެވޭނީ ބަހުގައިވާ އުސޫލުތަކާއި ހަމަތަކަށް ރިޢާޔަތްކޮށްގެންނެވެ. ބަހުގެ އަހުލުވެރިންގެ ވާހަކަތައް ދިރާސާކޮށްގެންނެވެ. ދިވެހިބަހުން ވާހަކަދެއްކުމާއި ލިޔުމުގައި ބޭނުންކުރެވެމުންދަނީ ގާތްގަނޑަކަށް އެއް ލަފުޒުތަކެކެވެ. އައު ލަފުޒުތައް ބޭނުންކުރުމަށް ބޭނުންވާ ޙާލަތްތައް އިތުރުވެފައިވާކަމަށް ނުފެނެއެވެ. އައު ލަފުޒަކަށް ބޭނުންވެއްޖެ ޙާލަތެއްގައި އެފަދަ ލަފުޒެއް ބަހުގެ ހަމަތާއި އުޞޫލުތަކަށް ފެތޭގޮތަށް އުފައްދައިފިނަމަ ބޭނުންކުރާ މިންވަރު އިތުރުވެއެވެ. ’ފަތުރުވެރިކަން’، ’ދަސްވެނިވުން‘ އަދި ’ގެވެށި އަނިޔާ‘ ފަދަ ލަފުޒުތަކަކީ މިކަމަށް ބާރުލިބޭ ހެކިތަކެވެ. މީގެއިތުރުން، ދިވެހިން ސިޔާސީ ކަންކަމަށް ލޯހުޅުވިގެން ދިޔުމާއެކު ސިޔާސީ ބޭނުންތަކަށް ބޭނުންކުރަން ފެށި ލަފުޒުތައް ކަމަށްވާ ’އިއްތިޙާދު’، ’މަޖިލިސް ތަޅުން’، ’އުތުރު އަރުމާދު’، ’ހަރުގެ’، ފަދަ ލަފުޒުތަކަކީ ދިވެހިބަހުގައި ހުރި ލަފުޒުތަކެވެ. ތަފާތަކީ ލަފުޒުތައް ބޭނުންކުރަން ލިބުނު ފުރުޞަތު އިތުރުވުމެވެ. އެހެންކަމުން، ބަހުގައި ހިމެނޭ ލަޒުފުތަކަށާއި ބަހުގައި ނެތް ލަފުޒުތަކަށް ބަހަށް ވަނުމުގެ ފުރުޞަތު ލިއްބައިދިނުމުގައި ބަސް ބޭނުންކުރުމަށް ޓަކައި ބަސް ބޭނުންކުރާނޭ ގިނަ ޠަބަޢީ ވެށިތަކަކަށް ބޭނުންވެއެވެ.

      ބަހުގައި ހިމެނޭ ލަފުޒުތަކުން ދޭހަވާ މާނަތައް ފުޅާވެ ހަނިވެ މާނަތައް ހުތުރުވެ ރީތިވުމުގައި ބަސް ބޭނުންކުރާ ޙާލަތާއި ބަސް ބޭނުންކުރާ ވެށީގެ ދައުރު ޝާމިލުވާކަމަށް ބްލޭންކް އެންޑްރާސް (1999) ހާމަކުރައްވައެވެ. މިއީ ގަސްތުގައި ގެންނަ ބަދަލުތަކަކަށް ނުވާއިރު މި ބަދަލުތައް އަންނަނީ ބަހުގައި ހިމެނޭ ޠަބަޢީ އުސޫލުތަކުންނެވެ. އިނގިރޭސިބަހަށް ބަލާއިރު، އިހުގައި ދެ ޖިންސަށް ރިޢާޔަތްކޮށް ފުޅާމާނައެއްގެ ގޮތުގައި އޮތް ‘GIRL’ މިއަދު މިވަނީ ހަނިމާނައަކަށް ބަދަލުވެ ހަމައެކަނި އަންހެން ޖިންސަށް ނިސްބަތްކުރެވޭ ލަފުޒަކަށް ވެފައެވެ. ހަމަ މި އުޞޫލުން އިހުގައި ރީތި މާނައެއްކަމަށް ޤަބޫލުކުރި ލަފުޒެއް ކަމަށްވާ ‘Foolish’ މިއަދު މިވަނީ އެ ލަފުޒެއް ބުނުމުން ހިތްނުތަނަވަސް ވާފަދަ ލަފުޒަކަށް ބަދަލުވެފައެވެ. އިނގިރޭސިބަހުގައި މިފަދަ އެތައް ލަފުޒެއް ހުރިކަމަށް ބްލޭންކް އެންޑްރާސް (1999) ހާމަކުރައްވައެވެ. ދިވެހިބަހަށް ބަލާއިރު މިފަދަ އުޞޫލަކުން މާނައަށް ބަދަލު އައިސްފައިވާކަމަށް ފަހަގަވަނީ މަދު ލަފުޒުތަކެކެވެ. ދިވެހި ބަހުގެ މިސާލަކަށް ބަލާއިރު ”ރުނޑީން“ މިއީ  ގަވާއިދާއި ހަމަތަކަށް ލ. އިސްދޫ ލޯމާފާނުގައި ބޭނުންކޮށްފައިވާ ލަފުޒެކެވެ. ނަމަވެސް، މިއަދު މި ލަފުޒުގެ މާނަ މިވަނީ ހުތުރުވެ ބޭނުންކުރުމަށް ލަދުވެތިވާ ވަރުވެފައެވެ. ހަމައެހެންމެ، އިހުގައި ކަމެއް މައިތިރިކުރުމަށް ބޭނުންކުރި ’އޮބިއެޅުން‘ މިއަދު މިވަނީ ’އޮބި‘ އަށް ބަދަލުވެފައެވެ. އިނގިރޭސިބަހުން ކިޔާ ‘Extreme’ ގެ ދިވެހި މާނައަށް ބަދަލުވެފައެވެ. މި ބަދަލުތަކަކީ މީހަކު ގަސްތުގައި ގެންނަ ބަދަލުތަކެއް ނޫނެވެ. މިއީ ޠަބަޢީ ގޮތުން އަންނަ ބަދަލުތަކެކެވެ. ނަމަވެސް، ދިވެހިބަހުގައި ބަހަށް ލިބިފައިވަނީ މިފަދަ ހަނިފުރުޞަތު ތަކެކެވެ.

      ބަހުގައި ލަފުޒު އެތުރޭ އުޞޫލުތައް ގިނަވެ ފުޅާވުމަށް ބަހުގެ ޠަބީޢަތުން ފުރުޞަތު ލިބުމުގައި ބަސްކުރި އެރުވުމަށް ޖާގަލިބޭނެ ކަމެކެވެ. މިއީ ބަހުން ޢިބާރާތް ކުރުމުގައި ހުންނަ ކޮރުގޮތްތައް އިސްލާހުވެ ބަހުގެ އޮނިގަނޑަށް ފުރިހަމަކަމާއި ތާޒާކަން ލިބޭނެ ކަމެއް ކަމަށް ޖޯޖް ޔޫލް (2000) ޚިޔާލުފާޅު ކުރައްވައެވެ. ދިވެހި ބަހަށް ބަލާއިރު ދިވެހިބަހުގައި ލަފުޒުތައް އެތުރޭ ތަފާތު އުޞޫލުތަކެއް ހުރެއެވެ. އެންމެ އާންމު އުޞޫލަކީ ކަންކުރާ (S) ރައްދުވާ (O) އަދި ކަން (V) ނުވަތަ V.O.S ތަރުތީބެވެ. މިސާލު އަލީ(S) އަޙްމަދަށް (O) ލަނޑުދިނެވެ(V). މީގެއިތުރުން، O.V.S އުޞޫލުންނާއިV.S.، .V.S އުސޫލަށް ފެތޭ ގޮތަށް ލަފުޒުތައް އަތުރައިލެވެއެވެ.

މިސާލު:             (1) ކާރު (S) ދުއްވަނީ (V) އަލީއެވެ. (O)

             (2)     ހަޑިވީ(V) އަލީއެވެ. (S)

                  (3)  އަލީ(S) ކުޅުނެވެ.(V)

ދިވެހިބަހުގައި  ހިމެނޭ  މިފަދަ އުސޫލުތަކުގެ އިތުރުން، އިތުރު ހަމަތަކާއި އުސޫލުތައް ބަހުގެ ލަފުޒު އެތުރުމުގެ އޮނިގަނޑަށް އަންނަ ނަމަ ބަސް ކުރިއަރާނެއެވެ. އެހެނީ އިސްވެ ބަޔާންކުރެވުނު އުޞޫލުތަކަކީ އެ އުޞޫލުތަކަށް ބަސް ފެއްތުމުގެ ނިޔަތުގައި ހަދައިފައިވާ އުސޫލުތަކެއް ނޫނެވެ. އެއީ ޠަބިޢީގޮތުން ބަހަށް ލިބިފައިވާ ކަންކަމެވެ. ނަމަވެސް، މިހާރު ދިވެހިބަހަށް ހުރި މިފަދަ ފުރުޞަތުތައް  އިހުނަށްވުރެ މަދީއެވެ.

      ބަހުގައި ހިމެނޭ ލަފުޒުތައް ގުޅިގެން އުފެދޭ ޖުމްލަތަކުން ވަގުތާއި ޙާލަތަށް ރިޢާޔަތް ކުރުމުން ދޭހަވާ މާނަތައް ތަފާތު ގޮތްގޮތަށް ތަފާތު އުޞޫލުތަކުން ލިބިވުމަކީ ބަސް ކުރިއެރުއުމަށް ހުރި ފުރުޞަތު ފުޅައުވާނެ ކަމެކެވެ. ހަމަމިއާއެކު ލަފުޒުގެ ގޮތުން ކުޑަނަމަވެސް ދިގު ޖުމުލަތަކާއި ޕެރެގުރާފްތަކުން ދޭހަވާފަދަ ފުޅާ މާނަތައް ދޭހަވާ އިޝާރާތުގެ ލަފުޒުތައް ނުވަތަ ”އިފުޒުތައް“ )ޑިއެކްޓިކް އެކްސްޕުރެޝަންތައް) ބަހުގައި ގިނަވުމަކީ ބަސް ކުރިއެރުމަށް މަގުފަހިވާނެ ކަމެކެވެ (ސްޓެފަން ސީ. ލެވިންސަން، 2006). އިނގިރޭސި ބަހުގައި ހުރި ޑިއެކްޓިކް މަރކަރ ނުވަތަ ’އިފުޒު ފާހަގަ‘ ތަކަކީ ދުރު ހާމަކޮށްދޭ ލަފުޒު (Distal)އާ ގާތްކަން ހާމަވާ ލަފުޒު (Proximal)އެވެ. ނަމަވެސް ދިވެހި ބަހުގައި މި ދެ ބައިގެ އިތުރުން މެދުމިން ހާމަކުރުމަށްޓަކައި (Medial) ބޭނުންކުރެއެވެ. މިއީ، ޕުރެގުމެޓިކްސް ތަޙްލީލުތަކުން ދިވެހިބަހަށް ލިބިފައިވާ ކުރިއެރުންތަކެކެވެ. މީގެ އިތުރުން ދިވެހި ބަހުގައި ހިމެނޭ ޢާއިލީ ނަންތައް(Kinterms) އިޝާރާތުގެ ލަފުޒުގެ ނުވަތަ އިފުޒު (Diactic)ގެ ގޮތުގައި ބޭނުންކުރެވޭނަމަ އޮސްޓުރޭލިއަން ޢާއިލާގެ ބަސްތަކާ އެއްފަދަ ވާނެކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ، އޮސްޓުރޭލިއަން ޢާއިލީ ބަސްބަހުގައި ޢާއިލީ ނަންތައް (Vocative) ގެ ގޮތުގައި ޑިއެކްޓިކުސްނުވަތަ ’އިފުޒު’ގެ ގޮތުގައި ބޭނުން ކުރާކަމަށް ސްޓެފަންސީ ލެވިންސަން (2006) ހާމަކުރައްވައެވެ. ދިވެހިބަހުގެ ޠަބީޢަތުގައި ހުރި މިފަދަ އުޞޫލުތައް ދިރާސާކޮށް ބަސްވާރުންގެ ރަޢުޔުތަކަށް ބިނާކޮށް ގަވާއިދުތަކެއް ކަނޑައެޅިފައި ނުވާ ކަމީ ބަސްކުރިއެރުމަށް ހުރި ގޮންޖެހުންތަކެކެވެ. މި ގޮންޖެހުންތަކުން އަރައިގަނެ ދިވެހިބަހުގެ ޕުރެގްމެޓިކްސް ގައި ހުރި މުއްސަނދިކަން ހާމަކޮށްދެވިއްޖެނަމަ ދިވެހިބަހަށް ލޯބިކުރާ މީހުން އިތުރުވެ ބަސްކުރި އެރުމަށް ފުރުޞަތު ހުޅުވޭނެއެވެ. އޭރުން ބަހުގައި ހުރި ޠަބިއީ މުއްސަނދިކަން އިތުރަށް ހާމަވެގެންދާނެއެވެ.

      ބަހުގައި ހިމެނޭ ޢިލްމީ ޚަޒާނާ މުއްސަނދި ވުމަކީ ބަހުގެ ޠަބީޢަތުގައި ބަސްކުރިއަރައި ދިޔުމަށް މަގުފަހިވާނެ ކަމެކެވެ. މިގޮތުން، ބަހުގެ މަޖައްލަތަކާއި ޢިލްމީ މަޖައްލާތަކާއި ޢިލްމީ ޕޮރޮގުރާމުތަކާއި ޢިލްމީ ބަހުސްތައް ކުރުމުގެ ފުރުޞަތުތައް ލިބުމަކީ  ޢިލްމީ ޚަޒާނާ މުއްސަނދި ވާނެކަމެކެވެ. ދިވެހިބަހުން މިފަދަ ފުރުޞަތުތައް ހުރިލެއް މަދީއެވެ. ޤައުމީ ފެންވަރުގައި ޢިލްމީ ބަހުސް މުބާރާތްތަކާއި ޢިލްމީ ޕުރޮގުރާމްތައް ހިންގޭ މިންވަރު މަދީއެވެ. ނަތީޖާއެއްގެ ގޮތުން ބަހުގައި ހިމެނޭ ލަފުޒުތައް ހެދިބޮޑުވަމަށް ހުރި ފުރުޞަތުތައް މަދުވަނީއެވެ. އައު ލަފުޒުތައް އުފަންވުމަށް އޮތް ޖަގަހަތައް ހަނިވަނީއެވެ. ލަފުޒުތަކުގެ މާނަތައް ފުޅާވުމަށް ހުރި ދޮރުތައް ބަންދުވަނީއެވެ. ބަހުގެ މުއްސަނދި ސަޤާފަތަށް ޒުވާން ޖީލު ބީރައްޓެހިވާނީއެވެ. މިކަމުގެ ސަބަބުން ދިވެހިބަސް ކުރިއެރުމަށް ގޮންޖެހުންތައް ކުރިމަތިވަނީއެވެ. އެހެންކަމުން، ބަހުގެ ޢިލްމީ ޚަޒާނާ މުއްސަނދިކުރުމުން ސީދާކޮށްނާއި ނުސީދާކޮށް ބަސް ކުރިއަރައި ބަހުގެ ދުވެލި ހަލުވިވެ ބަހުގެ ތޫނުކަން ޠަބީޢަތުގައި އިތުރުވާނެއެވެ.

      ބަހެއް ކުރިއަރައި ދިޔުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު ކާނާ އަކީ ބަހުން ވާހަކަދައްކާ މީހުންގެ އަދަދު ގިނަވުމާއި ކިޔަވައި ދިނުމުގައި ބަސް ބޭނުން ކުރެވޭ މިންވަރު އިތުރުވުމެވެ. އެޑްވާޑް ފިނެގަން (1999) ހަމަކުރައްވާ ގޮތުގައި ބަހެއް ފަޤީރުވެ ނިކަމެތިވަނީ ބަހުން ވާހަކަދައްކާ މީހުން އެ ބަސް ބޭނުންކުރާ މިންވަރު މަދުވުމުންނެވެ. ދިވެހިރާއްޖެއަށް ބަލާއިރު ތައުލީމު އުނގަންނައި ދިނުމަށް ބޭނުންކުރަނީ އިނގިރޭސިބަހެވެ. ދިވެހިބަހުން ވާހަކަދެއްކުމުގެ ފުރުޞަތު އޮންނަނީ ޤުރުއާން، އިސްލާމް އަދި ދިވެހި ގަޑީގައެވެ. މިކަމުގެ ސަބަބުން ބަސް ބޭނުންކުރެވޭ މިންވަރު މަދުވެއެވެ. އެހެނީ ކުއްޖާ ހެދިބޮޑުވުމަށް ކަޑައްތުކުރާ މަރުހަލާތަކުގައި ގިނައިން ބޭނުންކުރާ ބަހަކަށް ސަމާލުވެވި އެބަހުގެ މައްޗަށް ލޯބިޖެހޭނެއެވެ. ބޭއިޚްތިޔާރުގައި ނަމަވެސް އަމިއްލަ ބަހުގެ ހަމަތައް ކިޔެވުމުގައި ބޭނުންކުރާ ބަސްބަހުގެ އުސޫލުތަކަށް ފައްތާނެއެވެ. މިކަމުގެ ހެކިތައް ދިވެހިރާއްޖެއިން ދަނީ ފެންނަމުންނެވެ. ދާދިފަހުން ބޭނުންކުރަން ފެށި، ދިވެހި މަޚުރަޖްތަކަށް ފެތޭ ލަފުޒެއް ކަމަށްވާ ’އޮބި‘ މިހާރު އިނގިރޭސި ތައްގަނޑަށް ފައްތައި ދިވެހިން ބޭނުންކުރަން ފަށައިފިއެވެ. ’އޮބިނެސް(Obiness) ’ގެ ގޮތުގައެވެ. މިއީ ގަސްތުގައި ގެންނަ ބަދަލުތަކެއް ނޫނެވެ. އިޚުތިޔާރުން ބޭރުގައި ގެނެވޭ ބަދަލުތަކެކެވެ. ސަބަބަކީ ނާސަރީގައި ކިޔަވާ ދުވަސްވަރުން ފެށިގެން އެހެން ބަހަކަށް ހާނުވައި އެ ބަހަށް ލޯބިޖެއްސުމެވެ. ވީމާ، ބަހަށް ކުރިއެރުމާއި ތަހުޒީބުކަން ގެނައުމަށް މާދަރީބަހުން ކިޔަވައިދެވޭ މިންވަރު އިތުރުކުރަންޖެހެއެވެ. އޭރުން ދަރިވަރުންނާއި ޒުވާނުން (އިޚުތިޔާރަކާ ނުލައި) ބަހަށް ޝައުގުވެރިވާނެއެވެ. ކިއެއްތަ، ބަސްތަރައްޤީވުމަށް ބޭނުންވާ ޠަބައީ އުޞޫލުތަކަށް ފުރުޞަތުތައް އެވެރިންގެ ފުށުން ހޯދައިދެވޭނެއެވެ.

      ދިވެހިބަސް ކުރިއަރައި ތަރައްގީވުމަށްޓަކައި ބޭނުންވަނީ ބަހުގެ ޠަބީއަތުގައި ބަހުގެ އަމިއްލަޒާތުގައި ކުރިއެރުމަށް ފުރުޞަތުތައް އިތުރުކުރުމެވެ. ބަހަވީ ސައިންސްގެ އަލީގައި ބަސް ދިރާސާކޮށްގެންނެވެ. ބަހުގެ އަޑުތަކާއި މާނަތަކާއި ލަފުޒު ވިއްސުމާއި ބަހުގެ އޮނިގަނޑު ކުރިއެރުވުމަށް މަގުފަހި ކުރެވިގެންނެވެ. މިކަންކަން ފުރިހަމަގޮތުގައި ކުރިއަށް ގެންދެވޭނީ ދިވެހިބަހުން ކިޔަވައި ދިނުން އިތުރުކޮށްގެންނެވެ. މިހެންވެއްޖެނަމަ، ދިވެހިބަހުގެ ޢިލްމީ ޚަޒާނާ މުއްސަނދިވެ، ބަސް އޭގެ ޠަބީޢަތުގައި ކުރިއަރައި ދާނެއެވެ. ބަސް ކުރިއެރުމަށް ހުރި ގޮންޖެހުންތައް ނެތި ބަސް މުއްސަނދިވެގެން ދާނެއެވެ. ޢިލްމީ މައިދާނުގައި ބަހުގެ ދަރަޖަ އުފުލި ނާސަރީ މަރުހަލާއިން ފެށިގެން ޔުނިވަރސިޓީގެ މަތީ ޝަރަފުވެރި މަޤާމުތަކުން ޖާގަ ހޯދާނެއެވެ. އެ ހިނދުން ދިވެހި ބަހަކީ ވެސް އެހެނިހެން ބަސްބަހަށް ދޫނުކުރާ ބަހަކަށްވެ ކޮންމެ ދިވެހި ދަރިއަކަށް މޭގައި އަތް ޖަހައިލާ ބުނެލެވޭނީ:

            ”އަސަރަކާ އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަ ފެނުނަކަސް

                   އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މި ދިވެހި ބަހޭ“އެވެ.

ޙަވާލާތައް:

v     ހުސައިން ރަޝީދު އަޙްމަދު. (1996). ދިވެހިބަހުގެ އަޑު. ]މުސައްނިފު[.

v     ބްލޭންކް އެންޑްރާސް. (1999). ވައި ޑޫ ނިއު މީނިން އޮކަރ؟ އަ ކޮގްނިޓިވް ޓައިޕޮލޮޖީ އޮފް ދަ މޯޑީވޭޝަން ފޯރ ލެކްސިކަލް ސެމޭންޓިކް ޗޭންޖް. ހިސްޓްރިކަލް ސެމޭންޓިކް އެންޑް ކޮގްނިޝަން. ނިއުޔޯކް: މޯޝަންޑީ ގްރޭޓަރ.

v     އެޑްވަރޑް ފިނެގަން. (1999). ސްޕީޗް އެކްޓްސް އެންޑް ކޮންވަރޒޭޝަން. ލެންގުއޭޖް އިޓްސް

     ސްޓްރަކްޗަރ އެންޑް ޔޫސް. އޯރލެންޑޯ: ހަރކޯރޓް ބްރޭސް ކޮލެޖް ޕަބުލިޝަރ.

v   ވިކްޓޯރިއާ ފޮރޮމްކިން، ޑޭވިޑް ބުލެއަރ، ޕީޓަރ ކޮލިންސް. (1999). އޭން އިންޓްރޮޑަކުޝަން ޓު ދަ ލެންގުއޭޖް

       (ފޯރތް އެޑިޝަން). އޯލަންޑް ފްލޮރިޑާ: ހާކޯރޓް އޮސްޓްރޭލިއާ ޕްރަވެޓް ލ.މ.ޓ.

v   ސްޓެފަން ސީ. ލެވިންސަން. (2006). ’ޑިއެކްސިސް‘. އިން ލޯރެންސް އާރު. ހޯން، ޖިރޯގޮރީ އެލް. ވަރޑް (އެޑިޓެޑް). ދަ ހޭންޑް ބުކު އޮފް ޕްރެގްމެޓިކްސް. ކެމްބްރިޖް: ބުލެކްވެލް ޕްބްލިޝިން.

v     ޑޭވިޑް ކްރިސްޓަލް. (1987). ދަ ކެމްބްރިޖް އެންސައިކްލޮޕީޑީއާ އޮފް ލެންގްއޭޖް. (ގައުމުނެތް): ގުއިލެޑް ޕަބްލިޝިން.

v   ޖޯޖް ޔޫލޭ. (2000). ޑިސްޓެންސް އެންޑް ޑިސްކޯސް. ޕްރެގްމެޓިކްސް (ފަސްވަނަ އިސްދާރު). އޮކްސްފޯޑް: އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް.