ކޭކު އެޅުމުގެ ދާއިރާއިން ރާއްޖެއިން ފާހަގަކުރެވޭ އެއް ޒުވާނަކީ، ލ. ދަނބިދޫ، މީނާޒުހިޔާ، އާމިނަތު ޝިފާނާއެވެ. 1990 ނޮވެންބަރު 5ގައި އުފަންވި ޝިފާނާ އާންމުގެ ތެރޭގައި މަޤުބޫލުވެފައި ވަނީ ”ޝިއްޕި“ގެ ނަމުންނެވެ.
ޝިފާނާގެ މާމަ, ފާތިމަތު ޒަހިއްޔާއަކީ ކޭކު އެޅުމުގައި މުޅި ލާމު އަތޮޅުން ފާހަގަކުރެވުނު ހުނަރުވެރިއެކެވެ. ޝިފާނާގެ އުމުރުން އެންމެ 10 އަހަރުގައި މާމައަށް އަތްގާތްކޮށްދީ އެހީތެރިކަން ފޯރުކޮށްދޭންފެށިއެވެ. މިއީ، ޝިފާނާ މި ދާއިރާއަށް ވަދެވެން މެދުވެރިވި ސަބަބެވެ. އަދި ލިބޭ ހުސްވަގުތުގައި މާމަ ގާތުން އެ ކަމުގެ ފަންނު އިތުރަށް ދަސްކުރިއެވެ.
2001ވަނަ އަހަރު، ހިނގި އެކްސިޑެންޓެއްގައި ޝިފާނާގެ މާމަގެ އަތްބިނދުމުން ކޭކުއެޅުމުގެ މަސައްކަތް ހުއްޓައިލިއެވެ. އެހައިހިސާބުން، މާމަގެ ހުރިހާ މަސައްކަތަކާ ހަވާލުވީ ޝިފާނާއެވެ. ނަތީޖާއެއްގެ ގޮތުން, ޝިފާނާގެ ހިތުގައި މި ދާއިރާއަށް ޚާއްޞަ ލޯތްބެއް އުފެދުނެވެ. އަދި ވިޔަފާރިއެއްގެ ގޮތުގައި މިކަން ތަރައްޤީކޮށް އުފަން ރަށުގައި، ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ފެށިއެވެ.
2002ވަނަ އަހަރު ބޭއްވި އަތްތެރި މަސައްކަތުގެ މައުރަޒުގައި ޝިފާނާ ބައިވެރިވެރިވީ މާމަގެ އެދުމަކަށެވެ. އެ މައުރަޒުގައި އޭނާ ބައިވެރިކުރި ކޭކުތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބި، އެ މައުރަޒުގައި ކޭކުގެ ކެޓަގަރީން އެއްވަނަ ވެސް ލިބުނެވެ.
ލަންކާގައި ބޭއްވި އޭޝިޔާ ކޭކު އެވޯޑުގައި ސަގާފީ ކޭކު ޑިޒައިންގެ ދާއިރާއިން ޝިފާނާއަށް ވަނީ ތަފާތު ކާމިޔާބީތަކެއް ލިބިފައެވެ. މިގޮތުން، 2003ވަނަ އަހަރު 2ވަނަ، 2004 ވަނަ އަހަރު 3 ވަނަ ލިބި، 2005 ވަނަ އަހަރު ފަޚުރުވެރި އެއްވަނަ ލިބިފައިވެއެވެ. މީގެއިތުރުން، 2018 ވަނަ އަހަރު، އިންޑިޔާގެ ދިއްލީގައި ބޭއްވި”ވެޑިން ކޭކު ވޯލްޑް ޗެންޕިއަންޝިޕް 2018“ގެ ކަލްޗަރަލް ކޭކު ކެޓަގަރީން ވެސް އެއްވަނަ ޝިފާނާއަށް ލިބުނެވެ. ހަމައެހެންމެ، 2019ވަނަ އަހަރު، ބެންކޮކުގައި ބޭއްވި ”ކޭކު ޑިޒައިނިންގ ވޯލްޑް ޗެންޕިއަންޝިޕް 2019“ގެ ވެޑިން ކޭކު ކެޓަގަރީއިން އެއްވަނަ ލިބުނެވެ.
މި ދާއިރާއިން ލިބެމުން ދިޔަ ކާމިޔާބީތަކާއެކު ވިޔަފާރި، އިތުރު ހަރުފަތަކަށް ގެންދިޔުމުގެ ބޭނުމުގައި އޭނާގެ ޅިޔަނު، ލ. މާވަށު ހުޅަނގު، މޫސާ ޝަރީފުގެ އެހީތެރިކަމާއެކު، ވިޔަފާރި ފުޅާކުރުމުގެ ބޭނުމުގައި 2020ވަނަ އަހަރު ޝިފާނާގެ ދިރިއުޅުން މާލެ ބަދަލުކޮށް، ”ޝިއްޕީޒް ކޭކު“ގެ ނަމުގައި ކޭކު ފިހާރައެއް، ޅިޔަނުގެ އެހީތެރިކަމާއެކު މާލޭގައި ހުޅުވިއެވެ. މިކަން ވެގެން ދިޔައީ ޝިފާނާގެ ހުނަރުވެރިކަން އާއްމުންނާ ހަމައަށް ގެނެސްދޭން ލިބުނު އިތުރު ފުރުސަތަކަށެވެ.
ކޭކުއެޅުމުގެ ދާއިރާއިން ޤައުމަށް ހޯދައިދޭ ރީތި ނަން ފާހަގަކޮށް އޭނާއަށް ވަނީ ރެހެންދި އެވޯޑާއި އާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވެސް 2022ވަނަ އަހަރު ލިބިފައެވެ.
ކޭކު އެޅުމުގެ ދާއިރާގައި ސާބިތުވެ ހުރި ޝިފާނާއަކީ މި ދާއިރާއިން ރާއްޖެ ފަޚުރުވެރިވާ ފަދަ ރަންވަނަތަކެއް ހޯދައިގެން ރާއްޖެއަށް ރީތި ނަންތަކެއް ގެނެސްދެމުންދާ ހުނަރުވެރި ޒުވާނެކެވެ.
ނޯޓް: މިއީ ޚިޔާލީ ޝަޚްޞިއްޔަތަކަށް ބިނާކޮށް ލިޔެފައިވާ ރިކައުންޓެކެވެ.
ސުވާލު
1990ގައި އުފަންވި، ލ. ދަނބިދޫ، މީނާޒުހިޔާ އާމިނަތު ޝިފާނާއަކީ ކޭކު އެޅުމުގެ ދާއިރާއިން ފާހަގަ ކުރެވޭ ނަން މަޝްހޫރު ޒުވާނެކެވެ. މާމަ، ފާތިމަތު ޒަހިއްޔާ ކޭކު އެޅުމުގެ މަސައްކަތް ކުރިއިރު، އަތްގާތްކޮށްދީ އުޅުނު ޝިފާނާ، ވަނީ ކޭކުއެޅުމުގެ ދާއިރާއިން ރާއްޖެއަށް ރީތި ނަންތަކެއް ހޯދައިދީފައެވެ. އަމިއްލަ ރަށުގައި ފެށި ވިޔަފާރި އިތުރަށް ފުޅާކޮށް، ”ޝިއްޕީޒް ކޭކު“ގެ ނަމުގައި މާލޭގައި، ޅިޔަނު މޫސާ ޝަރީފުގެ އެހީގައި އިތުރު ފިހާރައެއް ހުޅުވާފައެވެ. ޝިފާނާގެ މި ހުނަރުވެރި މަސައްކަތުގެ މައްޗަށް ބިނާކޮށް ބައޮގުރަފިކަލް ރިކައުންޓެއް ލިޔާށެވެ. މި ލިޔުމުގައި އަންނަނިވި ކަންކަމަށް އިންސާފުކުރާން ވާނެއެވެ.
- ދާއިރާއަށް ވަދެވުނު ގޮތް
- ދާއިރާއިން ފާހަގަކުރެވޭ ކާމިޔާބީތައް
- ދާއިރާގައި ކޮށްފައިވާ މަސައްކަތްތައް