ތިޔަ އިނގިލި ޖައްސާލެވުނީ ހަމަ އެންމެ ރަނގަޅު ތަނުގައި ހެއްޔެވެ؟ ޖަވާބަކީ އާއެކޭ ކަމުގައިވާ ނަމަ ކުރިއަށް ދާންވީއެވެ. އިނގިލިކުރިން ދުނިޔެ ބަލައިލާ ތިމާގެ މުހުތާދު ފުރިހަމަކުރުމުގެ ދަތުރަށް މަރުހަބާ ކިޔަންވީއެވެ. އާއެކެވެ. ގޭގެ ސޯފާގައި އިނދެ ދުނިޔޭގެ އެކި ކަންކޮޅުތައް ބަލައިލާ، ހާއުފާކަން ހޯދައި ތިމާގެ މުރާދުތައް ފުރިހަމަ ކުރުމަކީ މިއަދު އުނދަގޫ ކަމެއް ނޫނެވެ. ފަސޭހަކަމެކެވެ. ޒަމާނީ ޓެކުނޮލޮޖީ ވަނީ އެކަން ފަހިކޮށްދީފައެވެ. މުވާސަލާތީ ވަސީލަތްތަކާއި ޒަމާނީ ޓެކުނޮލޮޖީގެ ސަބަބުން ވިޔަ ނުކުރެވޭހާ ފަސޭހަތައް ލިއްބައިދީފައެވެ. ދުވަހީ ބޭނުންތަކާއި އުނގެނުމުގެ ދޮރުތައް ހުޅުވައިދީ ވިޔަފާރިއާއި މުނިފޫހި ފިލުވައިދެވޭނެ މަންސަތައް އިނގިލިކުރިއާ ހަމައަށް ތިލަކޮށްދީފައެވެ.
ޒަމާނަށް ފަހި ޓެކުނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން ލިއްބައިދިން އެންމެ ބޮޑު ފަސޭހައަކީ ދުވަހީ ބޭނުންތަކަށް ބޭނުންވާ ތަފާތު ކަންކަން ފަސޭހަވެގެން ދިޔުމެވެ. ކޮންމެ ދުވަހު ތަކުރާރުކޮށް ކުރާން ޖެހޭ ކަންކަން ކުރުމަށް ފަހިކަން ލިބުމެވެ. މިގޮތުން، ގޭބިސީތަކަށް ނަޒަރު ހިންގައިލުމުން މިކަމުގެ ހެކިތައް ފެންނާނެއެވެ. ދޮންނަކުނޑިއާއި ލައްފިލުވާއާއި ތަފާތު ކެމިކަލް އަޅައިގެން ދެ އަތް ފޫދާވަރަށް އެއްޗެހި ދޮންނަން ކުރި މަސައްކަތް މިއަދު ހަނދާން ހުންނާނީ މަދު މީހެކެވެ. ބަދިގޭ ފުއްޑަނުން އަރާ ބޯ ދުންތަކުގެ ތެރެއިން ބޯކިބާ ފިހުމާއި މަސްފިހުމަށް އުޅުނު ދަތިހާލު ވަނީ މާޒީގެ ސަފުހާތަކުގައެވެ. ނާށިން އަނގުރު ހަދައިގެން ލޮއެ ނުވަތަ އެލްމުނިއަމް އިސްތިރިއަށް އަނގުރު އަޅައިގެން އުޅުނު ދަތިހާލު މިއަދު ހަނދާން ހުރީ މަދު މީހެކެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ގެއާއި ގޯތި ތެރޭގައި ހުރި ކޮންމެ އެއްޗަކަށް ވެސް ޒަމާނީ ޓެކުނޮލޮޖީގެ ފަހި ވިސްނުންވަނީ އަތްގަދަކޮށްފައެވެ. ވީމާ، ދުވަހީ މަސައްކަތްތަކަށް ފަހިކަން ގެނުވައިދޭ މިތުރަކަށް ޒަމާނީ ވަސީލަތްތައް ވުމީ، މިއަދު ޓެކުނޮލޮޖީ ގެނުވައިދިން އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.
ޒަމާނާ އެކު ޓެކުނޮލޮޖީ ގެނެސްދިން އެންމެ ބޮޑު އިންޤިލާބަކީ އުނގެނުމުގެ ދޮރުތައް ހާމަކޮށްލުމެވެ. ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ސްކޫލު މަދަރުސާތަކުގެ ކުލާސްތައް މެދު ގޭތެރެއާއި ކޮޓަރިތަކާ ހަމައަށް ވާސިލުވުމެވެ. އެންމެ އާދައިގެ ސަނަދުން ފެށިގެން މަތީ ޑިގުރީގެ ސަނަދުތައް ގޭގައި ތިބެގެން ހޯދޭނެ މަގު ފަހިކޮށްދިނުމެވެ. އުނގެނުމަށް ޓަކައި ކަނޑު ހުރަސްކޮށް، އަސްދަނޑިން ބޭރުގައި އުޅުނު ދަތި ހާލުން މިންޖުވާން ފުރުސަތު ފަހިވެގެން ދިޔުމެވެ. ރާއްޖެއާއި ދުނިޔޭގެ މަޝްހޫރު ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ކޯސްތައް ރަށުގައި، ގޭގައި ތިބެ ހެދޭނެ މަގު ފަހިވެގެން ދިޔުމެވެ. އޮންލައިން އެކި މަންސަތަކުގެ އެހީގައި ދާދިވަރުކޮށް ކިޔެވޭނެ މަގުތައް ތަނަވަސް ވެގެން ދިޔުމެވެ. ހަމައެކަނި ކޯސްތައް އެކަންޏެއް ނޫނެވެ. މަޝްހޫރު ޔުނިވަރސިޓީތަކާއި ޤައުމުތަކުގެ ޢިލްމީ ޚަޒާނާތަކަށް ފަސޭހައިން ފަހިކޮށް ވަދެ ނުކުތުމުގެ މަގު ތަނަވަސްވުމެވެ. ޤައުމީ އަރުޝީފުތަކާއި ކުތުބުޚާނާތަކާއި ދިރާސީ ފޮތް އަލަމާރިތަކަށް ވަދެ ނުކުމެ އުޅުމުގެ ވައްޓަފާޅިއަށް ބަދަލު އައުމެވެ. އެހެންކަމުން، އުނގެނެވޭނެ ފަހި ގޮތެއް ނެތް އެތައް ބަޔަކަށް ޒަމާނީ ޓެކުނޮލޮޖީން އުފާވެރިކަން ގެނުވައިދީ، ތަޢުލީމު އާއްމުކުރުމަށް ޓެކުނޮލޮޖީ ދަނީ ފަހި ދައުރެއް އަދާކުރަމުންނެވެ.
ޓެކުނޮލޮޖީ ގެނެސްދިން ފަހި ފުރުސަތާ އެކު މި ވަނީ ވިޔަފާރިތަކާއި ކުންފުނިތަކުގެ ތަޅުދަނޑިތައް އިނގިލިކުރިއާ ހަމައަށް ގެނެސްދީފައެވެ. އޮންލައިން މަންސަތަކުން ކުރެވޭ ވިޔަފާރިތަކުގެ ގޮތުގައެވެ. އެފަދަ ދާދިވަރު ފިހާރަތަކުގެ ގޮތުގައެވެ. މި ފިހާރަތަކުން ދުނިޔޭގެ ނަން މަޝްހޫރު މަރުކާތަކުގެ ތަފާތު ސާމާނުތައް އޮންލައިންކޮށް ގަނެ ވިއްކޭނެ މަގު ވަނީ ފަހިވެފައެވެ. ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާ އެކު ކުރެވޭނެ މަގުތައް ފަހިވެ، ގަންނަތަކެއްޗާއި ވިއްކާ މުދާތައް ޕޯސްޓު މެދުވެރިކޮށް ބަދަލުކުރެވޭނެ ދޮރުތައް ވަނީ ހާމަކަން ބޮޑުކޮށް ހުޅުވާލެވިފައެވެ. ވީމާ، އޮންލައިންކޮށް ފަސޭހައިން މުއާމަލާތް ކުރެވޭނެ ފަހި ގޮތްތައް ޓެކުނޮލޮޖީން ގެނެސްދީފައިވުމުން ވިޔަފާރިކުރުމަށް ހޭދަކުރި ވަގުތައް އެހެން ކަންކަމަށް ހުސްކުރާން މަގުފަހިވެގެން ހިނގައްޖެއެވެ.
ފަންނިއްޔާތާއި އައު އީޖާދުތައް މިވަނީ މުނިފޫހިފިލުވުމަށް އިންގިލާބީ ބަދަލުތަކެއް ގެނުވައިފައެވެ. ސިނަމާތަކުން ފެށިގެން ކުޅިވަރުގެ ދާއިރާއިން އީ ސްޕޯޓްސްތައް ވުޖޫދުވެ އެކަމުން ޒުވާނުން ހެއްވާލަދީފައެވެ. ފިލްމު އަޅުވާ ގަޑީގައި ސިނަމާއަށް ދިޔުމުގެ ބަދަލުގައި ފޫހިވުމުން ބޭނުން ފިލްމެއް ބޭނުން ވީޑިއޯއެއް ނުވަތަ ލަވައެއް އަޑުއަހައިލުމުގެ ފުރުސަތު އަދު މިވަނީ ފަހިކޮށްދީފައެވެ. މުނިފޫހިފިލުވުމަށް ބޭނުންކުރެވޭނެ މަންސަތަކުން އުފަންކޮށްފައިވާ ތަފާތު އެޕްލިކޭޝަންތަކާއި ޕްރޮގުރާމުތަކުގެ އެހީގައެވެ. އަނެއް ކޮޅުން، އޮންލައިން ގޭމުތަކާއި ކޮންޕިއުޓަރު ގޭމުތައް އުފަންވާ މިންވަރު ދަނީ އިތުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އީ ސްޕޯޓުސް ވުޖޫދުވެ އީ ސްޕޯޓްސްގެ ދާއިރާދަނީ ހީވެސް ނުކުރާހާ ބާރުމިނުގައި ތަރައްޤީވެ ވައިގައި ހިފަމުންނެވެ. ކަންމިހެން ހުރުމާ އެކު، ޒަމާނަށް އަދާހަމަވާ ކުޅިވަރުތައް އީޖާދުވާތީ، ޒަމާނީ ޓެކުނޮލޮޖީ ވެގެން މިދަނީ ޒުވާނުންގެ ފުރަމިތުރަކަށެވެ.
ޒަމާނާ އެކު އަދާހަމަވަމުންދާ ޓެކުނޮލޮޖީގެ މަންސަތަކުގެ ސަބަބުން ގުނައި އަދަދު ނުކުރެވޭހާ ފަހިކަން ދަނީ ލިބެމުންނެވެ. ނަތީޖާއެއްގެ ގޮތުން ދުވަހީ ބޭނުންތަކަށް ފަސޭހަވެ، އުނގެނުމުގެ މާހައުލަށް އިންގިލާބީ ބަދަލުތަކެއް ވަނީ އައިސްފައެވެ. ވިޔާފާރިކުރަމުން އައިގޮތްތައް ދަނީ ބަދަލުވަމުންނެވެ. މުނިފޫހިފިލުވުމަށް ގެންގުޅުނު ގޮތްތައް ދަނީ އަދާހަމަވަމުންނެވެ. އެއްދުވަހުން އަނެއް ދުވަހަށް މި ހުރިހާ ކަމެއް ދަނީ ބަދަލުވަމުންނެވެ. ޓެކުނޮލޮޖީ ގެނުވައިދޭ ބަދަލުތަކުގެ ސަބަބުން މިކަން ކުރިމަގުގައި އިތުރަށް ބަދަލުވެގެންދާނެއެވެ. ދިރިއުޅުމަށް ޓެކުނޮލޮޖީގެ ސަބަބުން ހީވެސް ނުކުރާ ކަހަލަ ފަހި ދުވަސްތަކެއް ގެނެސްދޭނެއެވެ.