ސާދާ މައުލޫމާތުގެ ބުރުހާނުތަކުން ބަރާކޮށް ސާފު އިބާރާތަކާ އެކު ގަތައިލެވޭ ކޮންމެ ލިޔުމަކީ ވިސްނުމާއި ފިކުރުގެ ސާފު ތަސްވީރެކެވެ. އޮޅުންފިލުވައިދޭ ލިޔުން އުފަންވެގެން އަންނަނީ މި ތަސްވީރުގެ ރިވެލިންނެވެ. އޭގެ ޚިޔާލުތަކުންނެވެ. ފިރުކުތަކުންނެވެ. އެހެނިހެން ލިޔުންތަކާ ޚިލާފަށް އޮޅުންފިލުވައިދޭ ލިޔުމުގެ ބޭނުމަކީ ސުރުޚީގައި ބުނާ ކަމެއް ހިނގަނީ ކިހިނެއްކަން ނުވަތަ ކީއްވެ ކަން ސާފުކޮށް ކިޔައިދިނުމެވެ. ބުނެދީ އަންގައިދިނުމެވެ. މަދަރުސީ މަރުހަލާ ނިންމާ އިމްތިހާނުތައް ކަމަށްވާ، ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގައި ވަޒަންކުރަނީ މި މަޤުޞަދު ހާސިލުވާނެހެން ލިޔުމެއް އުފަންކުރަން އެނގޭތޯ ބެލުމަށެވެ. އެހެންކަމުން، މަދަރުސީ މަރުހަލާ ނިންމާ އިމްތިހާނުތަކުގައި އޮޅުންފިލުވައިދޭ ލިޔުމެއް އުފަންކުރުވާ އިރު ތަފާތު ކަންކަމަށް ވިސްނާން ޖެހޭނެއެވެ.
އޮޅުންފިލުވައިދޭ ލިޔުމެއް ލިޔާ އިރު އެންމެ ފުރަތަމަ ސަމާލުކަން ދޭން ޖެހޭ އެއް ބަޔަކީ ލިޔުމުގެ ފެށުން ރަނގަޅަށް ގެނައުމަށެވެ. މިގޮތުން، ފެށުމުގައި ހިމަނަން ޖެހޭ މައިގަނޑު ތިން ބަހާ ކަމުގައިވާ ހޫކު ޖުމުލައާއި ފަސްމަންޒަރާއި ތީސިސް ޖުމުލަ އުފެއްދުންތެރި ގޮތަކަށް ގެނައުމަށް ސަމާލުކަންދޭން ޖެހެއެވެ. ހޫކު ޖުމުލަ ގެނެވޭނެ ތަފާތު ގޮތްތައް ހުންނަ އިރު، އިމްތިހާނެއްގައި އިނދެ ލިޔެވޭނެ އެންމެ ފަސޭހަ ގޮތަކީ ކޮބައިތޯ ބަލައި އެގޮތް ފަރިތަކުރާންވާނެއެވެ. މީގެއިތުރުން، މައުޟޫއާ ގުޅޭ ރަނގަޅު ފަސްމަންޒަރެއް ގެނައުމަށް އިސްކަން ދޭންވާނެއެވެ. މައުޟޫއުގެ ތަފުސީލަށް ދިޔުމުގެ ކުރީން މައުޟޫޢާ ގުޅޭ ގޮތުން ކިޔުންތެރިންނަށް ކޮންމެހެން އަންގައިދޭން ޖެހޭ މައުލޫމާތާއި ބުނެދޭން ޖެހޭ ވާހަކަތައް މި ބައިގައި ހިމެނުމަށް އިސްކަންދޭންވާނެއެވެ. އޭގެފަހުން، ތީސިސް އިބާރާތް ގެނައުމަށް ސަމާލުވާށެވެ. ތީސިސް އިބާރާތް ގެނެވޭ ދެ ގޮތުން އެ ދަރިވަރަކަށް އެންމެ ފަސޭހަ ގޮތެއް ޚިޔާރުކުރެވިދާނެއެވެ. އޮޅުންފިލުވައިދޭ ލިޔުމުގެ ފެށުން ރަނގަޅަށް ޖެނެވިއްޖެ ނަމަ ލިޔުމުގެ ދެން ހުރި ބައިތަކަށް ކިޔުންތެރިން ޝައުޤުވެރިވާނެކަމަށް ވިސްނުމަކީ މުހިއްމުކަމެއް ދެކެންވާނެއެވެ.
މައިގަނޑު ޕެރެގުރާފުތައް ހަރުދަނާ ރަނގަޅު އުސޫލަކުން ހުށަހަޅައިދިނުމަކީ އޮޅުންފިލުވައިދޭ ލިޔުމަކުން ރަނގަޅު ނަތީޖާއެއް ހާސިލުކުރުމަށް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެއް ބަޔެވެ. އެއީ އިމްތިހާނުތަކުގައި އެންމެ ގިނައިން މާކުސް ކަނޑައަޅައިފައިވަނީ މި ބަޔަށް ކަމަށްވާތީއެވެ. މިގޮތުން، ކޮންމެ އައު ނުކުތާއަކަށް މައިގަނޑު ވަކި ޕެރެގުރާފެއް ބިނާކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ދެތިން ޚިޔާލު އެއްކޮށްލައިގެން އެއް ޕެރެގުރާފެއްގެ ގޮތުގައި ނުގެންނާށެވެ. އޭރުން، ޕެރެގުރާފުގެ އަމާޒުން ކަސިޔާރުވާނެއެވެ. ބުނާން ބޭނުންވާ ވާހަކަތައް އޮޅުންބޮޅުންވާނެއެވެ. މީގެއިތުރުން، މައިގަނޑު ކޮންމެ ޕެރެގުރާފެއްގެ ފުރަތަމަ ޖުމުލައިގައި މައިގަނޑު ނުކުތާ ހިމަނާށެވެ. އޭގެ ދަށުން ހިމަނާ ވާހަކަތަކަކީ މައިގަނޑު ނުކުތާ ސާބިތު ކުރުމަށް ދައްކާ ހެއްކާއި މިސާލުގެ ތަފުސީލަށް ހެދުމަށް އިސްކަންދޭންވާނެއެވެ. އެއާއެކު، ބާރުދޭ ޖުމުލަތަކަކީ މައިގަނޑު ނުކުތާގައި ބުނާ ކަންކަން މެދުވެރިވަނީ ކީއްވެކަން ނުވަތަ އެކަން ހިނގަނީ ކިހިނެއްކަން ކިޔައިދިނުމަށް ހިމަނާ ޖުމުލަތަކަކަށް ހެދުމަށް ސަމާލުވާށެވެ. އޭގެ ފަހުން، މުޅި ޕެރެގުރާފުގައި ދެއްކި ވާހަކަތައް ވަށައިޖައްސާލަމުން ނިންމާ ޖުމުލައެއް ގެނައުމަށް އިސްކަންދޭށެވެ. އޭރުން، މައިގަނޑު ކޮންމެ ޕެރެގުރާފެއް ބިނާވެގެންދާނީ ތީސިސްގައި ބުނެދިން ކަންކަން ސާބިތުވުމަށް ކޮށޭ މަގެއްގެ ގޮތުގައެވެ.
އޮޅުންފިލުވައިދޭ ލިޔުމުގެ ނިންމާ ޕެރެގުރާފު ރަނގަޅަށް ލިޔުމަކީ ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް ސަމާލުކަންދޭން ޖެހޭ ކަމެކެވެ. މިގޮތުން، މިފަދަ ލިޔުމުގެ ނިންމުމުގައި ހިމަނާން ޖެހޭ ފުރަތަމަ ބައިކަމުގައިވާ ތީސިސް އިބާރާތް އަލުން ގެނައުމަށް ސަމާލުކަންދޭށެވެ. އެއަށް ފަހު، މުޅި މަޒުމޫނުގައި ހުށަހެޅި މައިގަނޑު ޚިޔާލުތަކުގެ ޚުލާޞާ ގެންނާށެވެ. މިގޮތަށް، ޚުލާޞާ ގެންނަ އިރު، މައިގަނޑު ނުކުތާގެ އިތުރުން މުޅި ޕެރެގުރާފުގައިވާ އެންމެ މުހިއްމު ނުކުތާ ހިމަނައިލުމުން ޚުލާޞާ ވަރުގަދަވާނެ ކަމަށް ފަންނީ މާހިރުން ވިދާޅުވެއެވެ. އޭގެ ފަހުން، ރަނގަޅު ނިންމުމެއް ގެންނާށެވެ. ލިޔުމުގެ ސުރުޚީއަށް ބަލައި ހަރުދަނާ ނިންމުމެއް ގެނައުމަށް އިސްކަންދޭށެވެ. ލިޔުންތެރިޔާ ވަކި ޚާއްޞަ ވާހަކައެއް ބުނާން ބޭނުން ނަމަ ނުވަތަ ކަމަކަށް ގޮވާލަން ބޭނުން ނަމަ އެކަން އެންމެ ފަހު އިބާރާތެއްގެ ގޮތުގައި ގެނެވިދާނެއެވެ. ވީމާ، މަޒުމޫނުގެ ނިންމުން ހަރުދަނާވާނެ ހެން ލިޔުމަށް އިސްކަންދޭން މަސައްކަތްކުރުމަކީ މުހިއްމުކަމެއް ކަމުގައި ޤަބޫލުކުރަންވާނެއެވެ.
ކޮންމެ ލިޔުމެއް ލިޔެ ނިންމާލުމަށް ފަހު ވެސް އެ ލިޔުން ކިޔައި ކުށް އިސްލާހުކުރުމަކީ ރަނގަޅު ނަތީޖާއެއް ހާސިލުކުރުމަށް ކޮންމެހެން ކުރާން ޖެހޭނެ ކަމެކެވެ. މިގޮތުން، އޮޅުންފިލުވައިދޭ ލިޔުން ވެސް ލިޔެ ނިންމާލުމަށް ފަހު، އަލުން ކިޔައި ކުށް އިސްލާހުކުރުމަށް ސަމާލުކަންދޭށެވެ. އިމުލާ ކުށްތަކާއި އިބާރާތުގެ މައްސަލަތައް ހުރި ނަމަ އެ ކަންކަން އިސްލާހުކުރާށެވެ. ހަމައެހެންމެ، އޮޅުންފިލުވައިދިނުމުގެ އުސްލޫބަށް ފެތޭނެ ހެން ލިޔެވިފައިވޭތޯ ބަލައި، ނެތް ނަމަ އެ ސިފަތައް ހިމަނާށެވެ. މިގޮތުން، ހަވާލާދޭ އިބާރާތްތަކާއި ކަން އޮތްގޮތް ހާމަކޮށްދެވޭނެ ބަސްމަގާއި ވައްޓަފާޅި ބޭނުންކުރުމަށް ސަމާލުކަންދޭށެވެ. މީގެއިތުރުން، ގުޅުވާ އަކުރުތައް ބޭނުންކުރެވިފައި ވަނީ ރަނގަޅަށްތޯ ބަލައި، އެއް ޕެރެގުރާފެއްގައި އެއް އަކުރުތަކެއް ތަކުރާރު ކުރެވިފައިވޭތޯ ބަލާށެވެ. އަދި ވަކި ޒަމާނަކަށް ނުފެތޭނެ ހެން މުޅި ލިޔުން ބިނާކުރެވިފައިވާކަން ކަށަވަރު ކުރުމަށް އިސްކަންދޭންވާނެއެވެ. އޭރުން، އޮޅުންފިލުވައިދޭ އުސްލޫބަށް މުޅި ލިޔުން ފެތި، ކުށުން ބަރިއްޔަ ވެފައިވާ ލިޔުމެއް އުފެއްދި އެ ކަމުން ނަތީޖާއަށް ހެޔޮ އަސަރުކުރާނެވެ.
އޮޅުފިލުވައިދޭ ލިޔުމަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ތަފާތު ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. މިގޮތުން، ހަރުދަނާ ހޫކަކާއި ފުރިހަމަ ފަސްމަންޒަރަކާ އެކު ރަނގަޅު ތީސިސްއެއް ހިމެނޭ ފެށުމެއް ލިޔުމަށް އިސްކަންދޭން ވާނެއެވެ. އޭގެފަހުން، ކޮންމެ މައިގަނޑު ނުކުތާއެއް ސާބިތުކުރުމަށް ހެކިތަކާއި މިސާލުތައް ހިމަނައިގެން ރަނގަޅު މައިގަނޑު ޖުމުލައާއި ބާރުދޭ ޖުމުލަތަކާ އެކު ވަށައިޖައްސާ ޖުމުލަ ހިމަނައިގެން މައިގަނޑު ޕެރެގުރާފުތަކެއް ބިނާކުރާން ސަމާލުކަން ދޭންވާނެއެވެ. އެއާއެކު، ތީސިސް އަލުން ގެނެސް، ޚުލާޞާ ހިމަނައިގެން ރަނގަޅު ނިންމުމެއް ގެނައުން މުހިއްމެވެ. މުޅި ލިޔުން ކިޔައި ކުށް އިސްލާހުކޮށް ލިޔުމުގެ އުސްލޫބަށް ފައްތަން ސަމާލުކަން ދޭން ވާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ މަދަރުސީ އިމްތިހާނުތައް ނިންމާ މަރުހަލާގައި ލިޔާ ކޮންމެ އޮޅުންފިލުވައިދޭ ލިޔުމަކުން ރަނގަޅު ނަތީޖާއެއް ލިބުމެވެ.