މިހާރު އެއްގޮތަކަށް ވެސް ގެއިން ބޭރަކަށް ނުދޭ. ހަމަ ކޮޓަރީގައި އޮންނަނީ.“، ”ރައްޓެހި ކުދީންނާއެކު ބޭރުގައި އުޅުން އިތުރުވާން ފެށުމުން ބައްޕަ ގަނެދިނީ ޓެބްލެޓެއް. އެހިސާބުން އެކަން ހައްލުވެއްޖެ.“ މިއީ މިހާރަކަށް އައިސް އިވެމުންދާ އަޑުތަކެވެ. މިފަދަ އަޑުތައް އިވެމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. ހަގީގަތަކީ މަގެއް ބަންދު ކުރުމަށްފަހު ގޯސް މަގެއް ހުޅުވައިދެވުނު ކަމެވެ. ލޯމަތީ ފެންނަ ހިސާބުގައި ދަރިފުޅު އިން ނަމަވެސް އޭނާގެ ޚިޔާލާއި ފިކުރުތައް އުދުހެމުން ދަނީ މާދުރުގައި ކަމެވެ. އިނގިލިތަކުން ހުޅުވަމުން، ވަންނަމުން ދަނީ ގޮތް ނޭނގޭ އެތައް ކިއްލާއަކަށް ކަމެވެ. މައިންބަފައިންގެ ލޯމަތީ ދަރިފުޅު ފެންނާތީ ހިތްހަމަ ޖެހުން އެއީ ހައްލަކަށް ނުވަނީ އެހެންވީމައެވެ.
މިދަންނަވަނީ ޒަމާނާއެކު ބޯމަތި ކުރަމުންދާ ކަޅުވިލާގަނޑެއްގެ ވާހަކައެވެ. ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދަރިފުޅު ބަލި ކުއްޖަކަށް ހަދައިލެވޭ ވާހަކައެވެ. އިސްކުރީނަށް ބަރޯސާވުމުގެ ބަލި ނުވަތަ ’ސްކުރީން ޑިޕެންޑެންސީ ޑިސްއޯޑަރ’އަށް މަގުފަހި ކޮށްދެވޭ ވާހަކައެވެ. ލޯބިން ގަނެދިން ސްމާޓު ފޯނު ނުވަތަ ޓެބްލެޓު ނޫން ނަމަ އައިޕެޑުގެ ޒަރިއްޔާއިންނެވެ. ނޫން ނަމަ ގެއަށް ވެއްދުނު އިންޓަރނެޓުގެ ސަބަބުންނެވެ. ސްކުރީނަށް ބަރޯސާވުމަކީ ތަފާތު އެކިއެކި ހަރަކާތްތަކާއި އެކި ކަންކަމުގައި ސްކުރީނަށް ބަލަހައްޓައިގެން ތިބުމުގެ ސަބަބުން އުފެދެމުންދާ ނުސިޔާނު ކަންކަމަށް ކިޔާ ނަމެކެވެ. މިގޮތުން، ތަޅާފޮޅުމާއި ނުރަނގަޅު އާދަތަކަށް ހިތްވަރު ލިބޭ ގޭމުތައް ކުޅުމާއި އެފަދަ މަންޒަރުތައް ބެލުމުގައި ވަގުތު ހޭދަކުރުމާއި، އޮންލައިން ގޭމުކުޅުމާއި، މަގުސަދެއް ނެތި އެތައް އިރެއް ވަންދެން ޗެޓުކުރުމާއި، ބޭނުމެއް ނެތް ގޮތަށް އިންޓަރނެޓުގައި ހޭދަކުރުމުގައި އެތައް ވަގުތެއް ހޭދަކުރުމުގެ ނަތީޖާއަކަށްވަނީ ސްކުރީނަށް ދެވި ހިފުމެވެ. އާޚިރު ނަތީޖާއަކީ ކުއްޖާގެ ވިސްނުމުގެ ގާބިލުކަން ގެއްލުމެވެ. އިޖުތިމާއީ ސިފަތައް ކުއްޖާގެ ކިބައިން ނެތިގެން ދިޔުމެވެ.
ލަންޑަނުގައި ބޭއްވި ތައުލީމީ ސިންތާއެއްގައި ވާހަކަ ދައްކަވަމުން ތައުލީމާއި ފަންނިއްޔާތުގެ ދާއިރާގެ ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށްވާ މަންޑީ ސަލިގަރީ ބުނެފައިވަނީ ސްމާޓް ވަސީލަތްތަކުގައި ހިމެނޭ އެޕްލިކޭޝަން ބޭނުންކޮށްގެން ރައްޓެހިންނަށް މެސެޖުކުރުމަކީ ކުއްޖާ މަސްތުވާ ތަކެތި ބޭނުންކުރުމާ އެއްފަދަ ނުރައްކާތެރި ކަމެއް ކަމެވެ. އަދި މިކަމަކީ ފަރުވާކުރަން ޖެހޭނެ ކަމެއް ކަމުގައެވެ. ބޮޑެތިވަމުން އަންނަ ކުދިން ކޮމްޕިއުޓަރު ގޭމް އަދި އޮންލައިން ކޮށް އެއްޗެހި ބަލަން ފެށުމުން އެ ކުދިން އެއަށް ދެވިހިފާ އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރެއެވެ. އަދި ކުއްޖާ ހެދި ބޮޑުވުމަށް ހުރަސް އެޅެއެވެ. ބެލެނިވެރިން ކުދިން އަތަށް ފޯނާއި ޓެބްލެޓް ފަދަ އާލަތްތައް ދޫކޮށްލުމުގެ ސަބަބުން ޅަދުވަހު ކުއްޖާއާއި ބެލެނިވެރިންނާ މެދު އޮންނަންވާ ގުޅުން ހީނަރުވެ ކުއްޖާގެ ޝައުގުވެރިކަމާއި މައިންބަފައިންގެ ފަރާތުން ބޭނުންވާނެ ސަމާލުކަން، އިލެކްޓުރޯނިކް އާލަތްތަކުން ހޯދުމަށް މަސައްކަތް ކުރުމަށް މަގުފަހި ވެއެވެ. ކުދިންގެ އުމުރާ ނުގުޅޭ ފޮޓޯ އާއި ވީޑިއޯ ބެލުމުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމާއި ނުބައްދަލު ވިސްނުމާ ކުއްޖާއާއި ކުރިމަތިވެއެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު މިއީ ދިވެހި މައިންނާއި ބަފައިން ވެސް ވިސްނަން ޖެހިފައިވާ ހައްސާސީ މައްސަލައެކެވެ.
ސްކުރީނަށް ބަރޯސާވުމުގެ ބައްޔަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއްމުވަމުން އަންނަ ބައްޔެކެވެ. މިކަމުގެ ސަބަބުން ކުދީން ތަފާތު ބަލިތަކަށް ހުށަހެޅޭ މިންވަރުން މި ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ކުޑަކުދީންނަށް ފަރުވާ ދެއްވާ ޑޮކުޓަރުންނާއި އެ ދާއިރާގެ ނަފުސާނީ ޢިލްމުވެރިންވަނީ ކުދީންނަށް ސްކުރީނު ބެލުމުގައި ހޭދަކުރަންވީ ވަގުތުތަކާ ގުޅޭ ގޮތުން ޚިޔާލުތައް ހުށަހަޅާދީފައެވެ. ކުރެހުން 1 ގައި އެވަނީ އެކި އުމުރުގެ ކުދީން ސްކްރީނު ބެލުމަށް ވަގުތު ހޭދަން ކުރަންވީ މިންވަރާ ގުޅޭގޮތުން އެމެރިކާގެ ކުޑަކުދިންނާ ގުޅޭ ވިދާރާއިން އާއްމުކޮށްފައިވާ މައުލޫމާތުތަކެވެ.

ދިވެހިރާއްޖޭގައި 448 ހާސް މީހުން ސުމޭކީ އެކި ވަސީލަތްތައް ބޭނުން ކުރާކަމަށް ހޫޓު ސުއިޓުން އާއްމުކޮށްފައިވާ ’ޑިޖިޓަލް 2019: ގްލޯބަލް އޯވަރ ވިއު ރިޕޯޓު 2019’ގައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންމެ ދިވެހި އާބާދީގެ 370 ހާސް މީހުން މީސް މީޑިއާގެ އެކި މަންސަތައް ބޭނުންކުރާ ކަމަށް 2019 ޖަނަވަރީ މަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެއެވެ. މި އާބާދީގެ ތެރެއިން 350 ހާސް މީހުން މީސް މީޑިއާ ބޭނުން ކުރުމަށް މޯބައިލް ފޯނު ބޭނުންކުރާ ކަން ވެސް މި ދެންނެވި ތަފާސް ހިސާބުތަކުން ހާމަވެއެވެ. ކުރެހުން 2ގައި އެވަނީ 2019 ވަނަ އަހަރު ދިވެހިރާއްޖޭގައި ސުމޭކީ ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތުގެ މައުލޫމާތެވެ. މިދެންނެވި ރިޕޯޓުގައިވާ ގޮތުން ޔޫޓިއުބު މެދުވެރިކޮށް ދިވެހިން އެންމެ ގިނައިން ބަލައިފައިވަނީ ލަވައާއި ފިލްމެވެ. ތިންވަނައަށް އެންމެ ގިނައިން ބަލައިފައިވަނީ ކުޑަކުދީންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. މިކަމުން ހާމަވަނީ ދިވެހި މައިންބަފައިން ކުޑަކުދީން މަސަލަސް ކުރުމަށާއި ކުދީންގެ ހަރަކާތްތައް އޮބަހައްޓަން ބޭނުންކުރާ ހަތިޔާރަކަށް ޔޫޓިއުބު ވަމުން އަންނަކަމެވެ. ކުދީންގެ ޅައުމުރުގައި ނޭނގި ނަމަވެސް ބެލެނިވެރިންނަށް މި އަޅައިލެވެނީ ނުރަނގަޅު ބިންގަލެކެވެ.
