އިރުޝާދު, ލިޔުން, ސާނަވީ

ސާނަވީ މަރުހަލާ ނިންމާ އިމްތިހާނުގައި އިރުޝާދުދޭ ލިޔުމެއް ލިޔާ އިރު ދަރިވަރުން ޢަމަލުކުރާންވީ ގޮތް

ސާނަވީ މަރުހަލާ ނިންމާ އިމްތިހާނުގައި އިރުޝާދުދޭ ލިޔުމެއް ލިޔާ އިރު ދަރިވަރުން ޢަމަލުކުރާންވީ ގޮތް

ސާނަވީ ސްކޫލު ނިންމާ އިމްތިހާނުގެ ދިވެހި މާއްދާގެ ކަރުދާސް އެކެއްގެ ދެވަނަ ސުވާލުގެ ގޮތުގައިދޭ އިޚުތިޔާރީ އެއް ލިޔުމަކީ އިރުޝާދުދޭ ލިޔުމެވެ. ފަނަރަ މާކުހުގެ ބުރަދަން ހިމެނޭ މި ސުވާލަށް ޖަވާބުދިނުމަށް ވަރަށް ގިނަ ދަރިވަރުން ޝައުޤުވެރިވެއެވެ. މިއީ، ލިޔުންތެރިކަމުގެ ބައިން ރަނގަޅު ނަތީޖާ ހޯދުމަށް މުހިއްމު ސުވާލެކެވެ. އެހެންކަމުން، ސާނަވީ މަރުހަލާ ނިންމާ އިމްތިހާނުގެ އިރުޝާދުދޭ ލިޔުމުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ދަރިވަރުން ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ މުހިއްމު އިރުޝާދު ހިމަނައިލަމެވެ.

އިރުޝާދުދޭ ލިޔުން ލިޔާން ފެށުމުގެ ކުރިން އޮނިގަނޑު ރޭވުމަށް ސަމާލުކަންދޭށެވެ. މިގޮތުން، އެންމެ ފުރަތަމަ ކަމަކަށް ދީފައިވާ ސުވާލު ކިޔައި ރަނގަޅަށް ދިރާސާކުރާށެވެ. މިކަންކުރާ އިރު، ލިޔާންވީ ސުރުޚީ ދެނެގަނެ، ލިޔަންވީ އޯޑިއަންސާއި އަމާޒު (ފޯކަސް) ދެނެގަންނާށެވެ. އެއަށް ފަހު، ލިޔުމުގެ މައިގަނޑުގައި ހިމަނާނެ އެންމެ މުހިއްމު 2 ނުވަތަ 3 އިރުޝާދެއް ލިސްޓުކޮށްލާށެވެ. އޭގެފަހުން، އެ އިރުޝާދުތަކުގެ ދަށުން ލިޔާނެ އިތުރު ޚިޔާލުތައް ހިމަނައިލާށެވެ. ދެން، ކޮންމެ މައިގަނޑު އިރުޝާދަކަށް ޢަމަލުކުރުމުންވާނެ ގޮތް ނުވަތަ އޭގެ ނަތީޖާ ވެސް ހިމަނާލާށެވެ. އޭރުން، ލިޔާ އިރު ވަގުތު ސަލާމަތްވެ ލިޔުމުގެ އަމާޒު ހިފެހެއްޓި ގެންދާނެއެވެ.

ލިޔުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުންނާނެކަން ހަނދާން ކުރާށެވެ. މިގޮތުން، އިރުޝާދުދޭ ލިޔުމުގެ ފެށުމުގައި މައުޟޫއާ ގުޅޭ ކުރު ފަސްމަންޒަރެއް ހިމެނުމަށް ފަހު އިރުޝާދުދޭން އުޅޭކަން އަންގައިދޭ އިބާރާތެއް ގެންނާށެވެ. އެއަށް ފަހު، އޮނިގަނޑުގައި ހިމެނި ނުކުތާތައް ތަރުތީބުކޮށް، ކޮންމެ ޕެރެގުރާފެއްގައި މައިގަނޑު އިރުޝާދެއް ހިމަނާ އެއަށް ބާރުދޭ ޚިޔާލުތަކަށް ބިނާކޮށް ޕެރެގުރާފު އެކުލަވާލާށެވެ. މިކަން ކުރާ އިރު، އިރުޝާދުގެ އިބާރާތް ނުވަތަ ހަރަކާތުގެ ލަފުޒަށް ޖުމުލަ ނިންމުމަށް އިސްކަންދޭށެވެ. މިގޮތަށް ނުގެނެވޭ ހާލަތުގައި ވިސްނުމަށްދޭ އިރުޝާދުދޭ ގޮތަށް ޖުމުލަތައް ނިންމަން ސަމާލުކަން ދޭށެވެ. އޭގެ ފަހުން، ލިޔުމުގެ ނިންމުމުގައި ޚުލާޞާގެ ފަހުން، ލިޔުމުގައި ދިން އިރުޝާދަށް ޢަމަލުކުރުމަށް ބާރުއަޅާށެވެ. އެންމެ ފަހުން، ޖުމުލަ ނަތީޖާ ހިއްސާކުރާށެވެ. އޭރުން، ރޭވި އޮނިގަނޑާ އެއްގޮތަށް ރަނގަޅަށް ލިޔުން ބައްޓަންކުރެވޭނެއެވެ.

އިރުޝާދުދޭ ލިޔުން ލިޔެ ނިންމުމަށް ފަހު، ލިޔުން އަލުން ކިޔައިލާށެވެ. މިގޮތަށް ކިޔާ އިރު، މާކިންގ ރުބުރިކުގައިވާ ބައިތަކަށް ފެތޭނެހެން ލިޔެވިފައިވޭތޯ ބެލުމަށް ސަމާލުކަން ދޭށެވެ. އަދި ރޭވި އޮނިގަނޑާ އެއްގޮތަށް ލިޔެވިފައިވާކަން ކަށަވަރު ކުރާށެވެ. އެހެންމެ، މައިގަނޑު އިރުޝާދުތަކާ ގުޅޭ ހެކިތައް ނުވަތަ ބާރުދޭ އިރުޝާދުތައް ގެނެވިފައި ވަނީ ރަނގަޅަށްކަން ޔަގީންކުރާށެވެ. ހަމައެހެންމެ، ފެށުމާއި ނިންމުމުގައި ހުންނަންވީ ބައިތައް ހަމައަށް ހުރިތޯ ބަލާށެވެ. އަދި ސުވާލުގައި ބުނާ ދިގުމިނަށް ލިޔުން ފެތިފައިވޭތޯ ބަލާށެވެ. އެއަށް ފަހު، އިމްލާކުށްތަކާއި ބަހުގެ ގަވާއިދާއި ހަމައާ ޚިލާފަށް ލިޔެވިފައިވާ ނަމަ އެ ބައިތައް އިސްލާހުކޮށްލާށެވެ. ކޮރު އިބާރާތެއް ނުވަތަ މުނާސަބު ނޫން ލަފުޒެއް އޮތްނަމަ ރަނގަޅުކޮށްލާށެވެ. އަކުރުތަކާއި ފިލިތައް ލިޔެވިފައި ވަނީ ކިޔާން އެނގޭ ގޮތަށް ސާފުކޮށްތޯ ބަލާށެވެ. އޭރުން، ކުށުން ސަލާމަތްވެފައިވާ ލިޔުމެއް ލިޔެވޭނެއެވެ.

ސާނަވީ ނިންމާ އިމްތިހާނުގައި އިރުޝާދުދޭ ލިޔުން ލިޔާ އިރު، ސަމާލުވާން ޖެހޭ ކަންކަން ހުންނާނެ ކަން ވިސްނާށެވެ. މިގޮތުން، ލިޔުމުގެ ކުރިން ސުވާލު ދިރާސާކޮށް އޮނިގަނޑު ރޭވުމަށް އިސްކަންދޭށެވެ. އަދި ރޭވި އޮނިގަނޑަށް ބިނާކޮށް ލިޔާ އިރު ސަމާލުވާން ޖެހޭ ކަންކަން ހުންނާނެކަން ހަނދާން ކުރާށެވެ. ލިޔެ ނިމުމުން، ލިޔުން ކިޔާ ކުށް އިސްލާހުކުރާށެވެ. ސާނަވީ މަރުހަލާގެ ދިވެހި އިމްތިހާނަށް ތައްޔާރުވާ ހުރިހާ ދަރިވަރުން ވެސް މި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރާށެވެ. އޭރުން، ސާނަވީ ނިންމާ އިމްތިހާނުގައި ލިޔާ އިރުޝާދުދޭ ލިޔުމުން ރަނގަޅަށް މާކުހެއް ހޯދުމަށް މަގުފަހިވާނެއެވެ.