ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުގެ މާއްދާތަކުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި މާއްދާއިން އޭ ސްޓައެއް ނުހޯދުމެވެ. އެހެންކަމުން، ސާނަވީ މަރުހަލާ ނިންމާ އިމްތިހާނާ ހަމައަށްދާއިރު، އެންމެ އިސްކަމެއް ދޭން ޖެހޭ މާއްދާއަކަށްވެފައި އޮންނަ އެއް މާއްދާއަކީ ވެސް ދިވެހި މާއްދާއެވެ. އެހެންކަމުން، ސާނަވީ ނިންމާ އިމްތިހާނުގެ ދިވެހި މާއްދާއިން އޭ ސްޓަރ ހޯދުމަށް ދަރިވަރުން ޢަމަލުކުރާންވީ ގޮތުގެ ބައެއް އިރުޝާދު ހިއްސާކޮށްލާނަމެވެ.
ދިވެހި މާއްދާއިން އޭ ސްޓަރ ހޯދަން ބޭނުން ނަމަ، އެންމެ ފުރަތަމަ ވެސް ދިވެހިބަހަށް އޮންނަ ލޯބި އިތުރުކުރަން ވިސްނާށެވެ. މިގޮތުން، ދިވެހި މާއްދާއަކީ ވެސް ބަހެއް ވަޒަންކުރާ މާއްދާއެއް ކަމަށް ދެނެގެން، ބަހުގެ ހުނަރުތައް އަށަގެންނެވުމަށް މަސައްކަތް ކުރާން ފަށާށެވެ. މިކަމަށް ޓަކައި މައުލޫމާތު ހިމެނޭ ފޮތްތައް ކިޔާށެވެ. ޚާއްޞަކޮށް ދިވެހިބަހުން ހުންނަ ފޮތްތައް ކިޔުމަށް ސަމާލުކަން ދޭށެވެ. މީގެއިތުރުން، އަމިއްލައަށް ލިޔުންތައް އުފައްދަން މަސައްކަތް ކުރާށެވެ. މޮޅެތި ލިޔުންތެރިންގެ ލިޔުންތަކުގައި ހުންނަ ލިޔުންތެރިކަމުގެ އުސްލޫބުތަކާއި ކަލިމަތައް ދެނެގަނެ އެ ގޮތްތައް އަމިއްލަ ލިޔުމުގައި ހިމަނާށެވެ. ހަމައެހެންމެ، ކިޔާ ކޮންމެ އެއްޗެއް ދޭހަވޭތޯ އަމިއްލައަށް ވަޒަންކުރާށެވެ. މިކަންކުރުމަށް، ކިޔުމަށްފަހު ކިޔުނު ފޮތުގެ ނުވަތަ ލިޔުމުގެ ޚުލާޞާ އަމިއްލަ ޢިބާރާތުން ލިޔެލާށެވެ. މިގޮތަށް ހެދުމުން، ނޭނގި ނަމަވެސް ސިކުނޑީގައިވާ ބަހުގެ ރަދީފަށް މަޢުލޫމާތާއި ބަސްކޮށާރު މުއްސަނދިވެ ދޭހައަށް އަހުލުވެރިވުމަށް މަގުފަހިވާނެއެވެ.
އިމްތިހާނު ކުރެވޭ ބައިތައް މުޠާލިއާކުރުމަކީ ބަހުގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރެވޭނެ ކަމެއްކަން ޤަބޫލުކޮށް، އެގޮތަށް މަސައްކަތްކުރާށެވެ. މިގޮތުން، ލިޔުންތެރިކަމާއި ދޭހައިގެ ބައިތައް ފަރިތަކުރާށެވެ. ޚުލާޞާކުރުމުގެ އުކުޅުތައް ދަސްކުރާށެވެ. އޭރުން، ކިޔުމުގެ ދޭހައާއި ޚުލާޞާއަށް އަހުލުވެރިވެވޭނެއެވެ. މީގެއިތުރުން، ލިޔުންތެރިކަމުގެ ބައިތަކުގެ ސުވާލަށް ޖަވާބުދޭއިރު، ލިޔުމުގެ މަޤްޞަދާއި ލިޔުން އަމާޒުވާ ކިޔުންތެރިނަކީ ކޮބައިކަން ދެނެގަންނާށެވެ. އަދި ލިޔުންތެރިކަމުގެ ތަފާތު ބާވަތްތަކުގެ ދަށުން ލިޔެވިދާނެ ވައްތަރުތަކާ ގުޅޭ މައުލޫމާތު ހޯދާ، ލިޔުމުގެ އޮނިގަނޑު ދަސްކޮށް އެގޮތަށް ލިޔާން ފަރިތަކުރާށެވެ. އިމްތިހާނުގައި ވާހަކަ ލިޔާން ބޭނުންނަމަ ކުރުވާހަކަ ލިޔުމުގެ ފަންނުތައް ދަސްކޮށް، ފަރިތަކުރާށެވެ. ސިޓީގެ ސުވާލު މުޠާލިއާ ކުރުމަށް ސިޓީގެ ވައްތަރުތަކާއި ސިޓީގެ އޮނިގަނޑާއި ތަފާތު ބޭނުމަށް ލިޔާ ސިޓީގެ ޢިބާރާތުގައި ގެންގުޅެން ޖެހޭ ތަފާތުތައް ދަސްކުރާށެވެ. މިއިން ކޮންމެ ބަޔަކުން އިމްތިހާނުގައި އަތުވެދާނެ ކަމަށް ލަފާކުރާ ސުވާލު އަމިއްލައަށް އުފައްދައިގެން މުޠާލިއާކުރާށެވެ. އަދި މުދައްރިސުންގެ ޚިޔާލު ހޯދާ، ތިމާގެ މަސައްކަތްތަކުން އިސްލާހު ކުރަންވީ ބައިތަކަކީ ކޮބައިތޯ ބަލާށެވެ. އޭރުން، އިމްތިހާނު ކުރެވޭ ބައިތަކަށް ފަރިތަވާނެއެވެ.
ސާނަވީ ނިންމާ އިމްތިހާނުގެ ދިވެހި މާއްދާއިން އޭ ނުވަތަ އޭ ސްޓަރ ހޯދަން ބޭނުން ނަމަ، ބަހަށް އޮންނަ ލޯބި އިތުރުކުރުމަށް އިސްކަންދޭށެވެ. ލިޔުންތައް ކިޔާ، އެ ލިޔުންތަކުގައި ހުންނަ އުސްލޫބުތަކަށް ލިޔުމަށް ސަމާލުވާށެވެ. އަދި އިމްތިހާނު ކުރެވޭ ބައިތައްކަމަށްވާ، ދޭހައާއި ޚުލާޞާ އަދި ލިޔުންތެރިކަމުގެ ބައިތަކަށް އަހުލުވެރިވުމަށް އެބައިތައް ތަކުރާރުކޮށް މުޠާލިއާކުރާށެވެ. މިކަން ކުރާއިރު، ހެދޭ ގޯސްތައް އިސްލާހު ކުރާށެވެ. މި އިރުޝާދުތަކާ އެއްގޮތަށް ސާނަވީ ނިންމާ އިމްތިހާނުތަކުގައި އިށީންނަ ދަރިވަރުން ޢަމަލުތައް ބައްޓަން ކުރުމަށް އިސްކަންދޭށެވެ. އޭރުން، ސާނަވީ ނިންމާއިރު ދިވެހިން އޭ ސްޓަރ ލިބުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.