އޮޑިދޯނި ފަހަރު ބަނުމާއި އެ ކަމަށް ޒުވާނުން އަހުލުވެރިކުރުމުގެ ދާއިރާއިން ރާއްޖެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ، ޑ. ތޮޅިދޫ ކިއްސަރު، ވާފިރު ޒިޔާދެވެ. ވާފިރަކީ، ޒ. މަނާފުށީ ރޮންދާގޭ، ޒިޔާދު އާސިމާއި ޑ. ތޮޅިދޫ ފޮނުވަތް، އާރިފާ އާދަމަށް ލިބުނު 7 ކުދީންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. 1980ވަނަ އަހަރުގެ މޭ މަހުގެ 21ވަނަ ދުވަހު ދުނިޔޭގެ ހަލަބޮލި ޖައްވަށް ނޭވައިލި، ވާފިރަކީ މަސައްކަތުގެ މާހައުލުގައި އަބުއި މީހެއް ނަމަވެސް، އެކުވެރިންނާ އެކު އުޅޭ އިރު ސަކަ މިޒާޖެއްގެ ޚުލުޤު ހެޔޮ މުވާޠިނެކެވެ.
ވާފިރުގެ ތައުލީމީ ޙަޔާތުގެ ތަރަހައަކީ އޭނާގެ ލޮބުވެތި މަންމަގެ އުނގެވެ. އުމުރުން 5 އަހަރުވީ އިރު، ޤުރުއާން ކިޔެވުމުގެ އިތުރުން ދިވެހިބަހާއި އިނގިރޭސިބަހުން ލިޔާން ކިޔާން ދަސްކުރިއެވެ. 1986ވަނަ އަހަރު ތޮޅިދޫ ސްކޫލުން، ފެށި ތައުލީމީ ދަތުރު 1998ވަނަ އަހަރު، ނިންމައިލީ ސްކޫލުން އެންމެ ވިދާ ދަރިވަރުގެ ޝަރަފާ އެކު، ސާނަވީ އަދި މަތީ ސާނަވީ މަރުހަލާއިން ވެސް ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުގެ ރަންތާޖާ ވެސް އެކު ގައެވެ.
މަތީ ސާނަވީ މަރުހަލާ ނިންމާ ނަތީޖާ ލިބުމާ ދެމެދު ހޭދަވި މުއްދަތުގައި، ބައްޕައާ އެކު އަތްދަށު ވަޑިއެއްގެ ގޮތުގައި އޮޑި ހަރުގެއަށް ވަނީ އެ ދާއިރާއަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ. ވާފިރުގެ ތޫނުފިލިކަމާއި އުފެއްދުންތެރި އައު ޚިޔާލުތަކުގެ ބޭނުން ހިފައި، ވަޑާމުގެ މަސައްކަތަށް ލުއިވާނެ ގޮތްތައް ހޯދާ އެ ގޮތްތައް ތަޖުރިބާކުރާން ފެށިއެވެ. އެކަން ވެގެން ދިޔައީ ތަޖުރިބާކާރު ވަޑީންގެ ރުހުން ލިބި، ހަރުގެއިން ބޭރުގައި ވެސް އޭނާގެ ނަން ތަކުރާރުވާން ފެށި ކަމަކަށެވެ. ހަރުގެވަން ފަހުން، މަހަކާއި ފޮއި ހަމަނުވަނީސް އޭނާ ވަނީ ވަޑިއެއްގެ ޒިންމާ ނަގާން ފަށައިފައެވެ.
މަތީ ސާނަވީ އިމްތިހާނުން ލިބުނު ރަންވަނައާ އެކު ރައީސުލް ޖުމުހޫރިއްޔާގެ ޚާއްޞަ ސްކޮލަރޕާ އެކު، 1999ވަނަ އަހަރު އޭނާ މިސްރާބު ޖެހީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ނިއު އޯރލެންސަށެވެ. ނެވެލް އާކިޓްޗަރ އެންޑް މެރިން އިންޖިނިއަރިންގެ ދާއިރާއިން ފުރަތަަމަ ޑިގުރީއަށް ކިޔެވުމަށެވެ. ސަނަދަށް ކިޔެވި އިރު ވެސް އެންމެ އިސްކަމެއް ދިނީ ދިވެހީންގެ ފަރުމާއަށް ޒަމާނާ އެކު ގެނެވޭނެ ބަދަލުތައް ދިރާސާކުރުމަށެވެ. މިގޮތުން، ކޯހުގެ ފަހު މަސައްކަތުގެ ގޮތުގައި އޭނާ ފަރުމާކުރި ”ދިވެސް ދޯނި 3.5“ ވެގެން ދިޔައީ ޔުނިވަރސިޓީގެ އިތުރުން ދިވެހީންނަށް ވެސް ކަމު ދިޔަ ފަރުމާއަކަށެވެ.
ތިން އަހަރު ދުވަހުގެ އެ ކޯސް ފުރިހަމަކޮށް ނިންމައިލީ، ކޯހުން އެންމެ ވިދާލި ދަރިވަރުގެ ޝަރަފާ އެކު 2001ވަނަ އަހަރުއެވެ. ކޯހުން އެއްވަނަ ހާސިލުކުުރުމުން ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ދެއްވާ މަތީ އަރުތައިގެ އިނާމު ވެސް އޭނާއަށް ވަނީ 2002ވަނަ އަހަރު ލިބިފައެވެ.
ކޯސް ނިންމުމަށް ފަހު ރާއްޖެ އައިސް، މަސައްކަތުގެ ޢަމަލީ މައިދާނަށް އޭނާ ނުކުތީ 2002ވަނަ އަހަރު، އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ”ވާފި ނެވެލް ޓެކް“ ރަޖިސްޓްރީކުރުމަށް ފަހުގައެވެ. އޭނާ އެންމެ އިސްކަމެއް ދިން އެއް ކަމަކީ އޮޑި ދޯނިފަހަރު ބަނުމަށް ދިވެހީން ބޭނުންކުރި ފަރުމާތައް ނުގެއްލޭނެ ހެން، އެ ދާއިރާ ޒަމާނަށް އަދާހަމަކުރާނެ ގޮތް ދިވެހި ޒުވާނުންނަށް ދަސްކޮށްދީ އުނގަނައިދޭށެވެ. މިއަދު މި ދާއިރާއިން ރާއްޖޭގައި ނަގައި ކިޔާ ގިނަ ކުންފުނިތަކުގެ އިސްވާރުންނާއި މާވަޑިންނަކީ އޭނާގެ ދަރިވަރުންނެވެ. ދެގޮތެއް ނުވެ، ވާފިރު ކުރަމުން ދިޔަ މަސައްކަތުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުން ވަނީ އާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 2021ވަނަ އަހަރު ދެއްވާފައެވެ.
އޮޑި ދޯނިފަހަރު ބަނުމުގެ ދާއިރާއިން ނެވެލް އާކިޓެކްޓެއްގެ ގޮތުގައި، ދާއިރާގެ ބޮންތިއަށް ވާސިލުވެ، އެ ކަމުގައި ސާބިތުވެ ހުރި، ވާފިރު ވަނީ 2008ވަނަ އަހަރު މާލެ ދުންމާރި އާއިޝަތު ނިޒާމާއާ އެކު ޒަވާޖީ ހަޔާތެއް ފަށައިފައެވެ. އެ ކާވެންޏަށް 3 އަންހެން ކުދިންނާއި 2 ފިރިހެން ކުދިން ވަނީ ލިބިފައެވެ. ދާއިރާއިންނާއި ދިރިއުޅުމުގައި ވާފިރުގެ އުއްމީދުކުރި ހިސާބަށް އޭނާއަށް ވަނީ ވާސިލުވެވިފައެވެ. މިއަދު އޭނާ އެންމެ ދެކެން ބޭނުންވަނީ، ހެޔޮލަފާ އަބުރުވެރި ދަރީންގެ ގޮތުގައި އޭނާގެ ދަރިން ދިވެހި ޤައުމަށް ޚިދުމަތްކުރާ މަންޒަރު ފެނުމެވެ.