އެހީ, އެހެނިހެން, ލިޔުން

އެލަން ޓިއުރިންގެ އަޖައިބުކުރުވަނިވި ޢިލްމީ ދަތުރު

އެލަން ޓިއުރިންގެ އަޖައިބުކުރުވަނިވި ޢިލްމީ ދަތުރު

ވިހިވަނަ ޤަރުނަކީ އިންސާނީ ތާރީޚު ދުށް އެންމެ ބޮޑެތި ބަދަލުތަކާއި، އިލްމީ އިންގިލާބުތަކުގެ ޒަމާނެވެ. އެ ޒަމާނުގައި  އުފަންވި އެންމެ އާދަޔާޚިލާފު އެއް ސިކުނޑިއަކީ، 1912ވަނަ އަހަރު އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަންވި އެލަން ޓިއުރިންއެވެ. ޓިއުރިންއަކީ ހަމައެކަނި ހިސާބު ޢިލްމުވެރިއެއް ނޫނެވެ. އޭނާއަކީ އިންސާނީ ބުއްދިއާއި މެޝިނުގެ ގުޅުން، ފުރަތަމަ ފަހަރަށް އިލްމީ އަދި ފަލްސަފާވެރި ސިފައެއްގައި ތަރުތީބުކޮށްދިން މުފައްކިރެކެވެ. ޅައުމުރުގައި ވެސް އޭނާގެ ކިބައިން ފެނުނު ތޫނުފިލިކަމާއި ކަންކަމުގެ އަސްލު ހޯދުމަށް ހުރި ޝައުގުވެރިކަމަކީ އޭނާގެ މުސްތަޤުބަލުގެ ކާމިޔާބީގެ ބިންގަލެވެ.

ޓިއުރިންގެ ނަން ތާރީޚުގައި ރަންއަކުރުން ފެންނަން އޮތް އެންމެ ބޮޑު އެއް ސަބަބަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ނުރައްކާތެރި ދުވަސްވަރު އޭނާ ކުރެއްވި މަތިވެރި ޚިދުމަތެވެ. ޖަރުމަނުވިލާތުގެ ނާޒީ ސިފައިން ބޭނުންކުރަމުންދިޔަ ”އެނިގްމާ“ ކޯޑުތަކަކީ، އެއްވެސް އިންސާނަކަށް މާނަ ދެނެގަނެވޭނެ އެއްޗެއް ނޫންކަމަށް އޭރު އޮތީ ގަބޫލުކުރެވިފައެވެ. ނަމަވެސް، ޓިއުރިންގެ ޖޯޝާއި ހިކުމަތްތެރިކަމުން އުފެއްދެވި ”ބޮމްބް“ މެޝިނަކީ ހަނގުރާމައިގެ މިސްރާބު މުޅިން ބަދަލުކޮށްލި އީޖާދެކެވެ. މި އީޖާދުގެ ސަބަބުން ހަނގުރާމަ ދެ އަހަރު ދުވަހަށް ކެނޑި، އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްވިއެވެ. މިއީ އިންސާނީ ސިކުނޑިއަކުން ކުރާ ބުރަ މަސައްކަތެއް، ހަލުވި މިނެއްގައި މެޝިނަކުން ކުރެވިދާނެކަން ދުނިޔެއަށް ސާބިތުކޮށްދިން ފުރަތަމަ ފަހަރެވެ.

ހަނގުރާމައިގެ ދުންތަކާއި އަޅިތަކުގެ ތެރެއިން އިންސާނިއްޔަތު މިންޖުވުމަށް ފަހު، ޓިއުރިންގެ ވިސްނުން ހުރީ މުސްތަޤުބަލުގެ އުދަރެހަށެވެ. އޭނާ ދެކެމުންދިޔަ ހުވަފެނަކީ އިންސާނާ ފަދައިން ވިސްނާނެ މެޝިނެއް އުފެއްދުމެވެ. މިއަދު އަޅުގަނޑުމެން މިދެކޭ ’ސިނާރު‘ ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ބިންގަލަކީ އޭނާ ތަޢާރަފުކުރި ”ޓިއުރިން ޓެސްޓް“ އެވެ. މެޝިނަކަށް ”ވިސްނޭތޯ“ ބެލުމަށް އޭނާ ހުށަހެޅި މި މިންގަނޑަކީ މިއަދުވެސް މި ދާއިރާގައި ބޭނުންކުރެވޭ އެންމެ މުހިންމު ފަލްސަފާއެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި، ކޮމްޕިއުޓަރަކީ ހަމައެކަނި ހިސާބު ހަދާ އާލަތެއް ނޫނެވެ. އެއީ އިންސާނާގެ ބުއްދިއާ އެއްވަރަށް ކަންކަން ނިންމުމުގެ ގާބިލުކަން ހޯދޭނެ އެއްޗެކެވެ.

ޓިއުރިންގެ ޙަޔާތުން ލިބިގަންނަންވީ އެންމެ ފުރަތަމަ ފިލާވަޅަކީ، އާދަޔާޚިލާފު ނަތީޖާއެއް ނެރުމަށް ޓަކައި އާދައިގެ ވިސްނުމުގެ އިންތަކުން ބޭރަށް ނުކުމެ ފިކުރުކުރުމުގެ މުހިންމުކަމެވެ. އޭނާއަކީ އޭރުގެ މުޖުތަމަޢު ގަބޫލުކުރި ހަނި އުސޫލުތަކާ ޚިލާފަށް، އަމިއްލަ ތަޞައްވުރެއްގައި ސާބިތުވެ ހުރި ބޭފުޅެކެވެ. ކޮންމެ މީހަކީ ވެސް، އެހެން މީހުންނަށް ނުފެންނަ ހަގީގަތްތައް ހޯދުމަށް ޓަކައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ މީހެކެވެ. ޓިއުރިންގެ ކެތްތެރިކަމާއި، އެއްވެސް އުއްމީދެއް ނެތް ހާލަތެއްގައި ވެސް ކޯޑުތައް މުގުރާލުމަށް ކުރި މިންނެތް މަސައްކަތަކީ، ކޮންމެ ދަރިވަރެއްގެ ކިޔެވުމުގެ މައިދާނުގައި ވެސް ޒިންމާއަކަށް ހަދަންޖެހޭ ރީތި ނަމޫނާއެކެވެ.

ޢިލްމަކީ އިންސާނިއްޔަތަށް ޓަކައި އޮތް އަމާނާތެއް ކަން އޭނާގެ ހަޔާތުން ދޭހަވެއެވެ. ޓިއުރިންގެ އިލްމީ ހޯދުންތަކަކީ ހަމައެކަނި އަމިއްލަ މަޝްހޫރުކަމަށް ޓަކައި ކުރި ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ހަނގުރާމައިގެ ބިރުވެރިކަމުން ދުނިޔެ ސަލާމަތްކޮށް، އިންސާނީ ތަހުޒީބު އާ އުސްމިންތަކަކަށް ގެންގޮސްދިން ބާރެކެވެ. ދަރިވަރުން ހާސިލުކުރަންވީ ކަމަކީ، ތިމާ އުނގެނޭ ކޮންމެ ޢިލްމަކީ މުޖުތަމަޢުގެ ފައިދާއަށް ޓަކައި ބޭނުންކުރެވޭނެ އެއްޗަކަށް ހެދުމެވެ. ތިމާގެ ޢިލްމުގެ ސަބަބުން އަނެކާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނަ ނަމަ، އެއީ އެ އިލްމުގެ ހަގީގީ މަގުސަދު ހާސިލުވުމެވެ.

ތަފާތުވުމަކީ ނުވަތަ އެހެން މީހުންނާ އެއްގޮތް ނުވުމަކީ ނާކާމިޔާބީއެއް ނޫންކަން ޓިއުރިންގެ ޙަޔާތުން އެނގެއެވެ. ޓިއުރިންއަކީ އޭނާގެ އުޅުމާއި މިޒާޖުގައި ވެސް ތަފާތު މީހެކެވެ. ނަމަވެސް، އެ ތަފާތަކީ އޭނާގެ އުފެއްދުންތެރިކަމުގެ ސިއްރެވެ. ދަރިވަރުން ދަސްކުރަންވީ ކަމަކީ، އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި އެހެން މީހުންގެ މަލާމާތަށް ބެލުމެއް ނެތި ސާބިތުކަމާ އެކު އަމިއްލަ ހުނަރު ކުރިއެރުވުމެވެ. ކޮންމެ އިންސާނަކީ ވެސް ވަކި ޚާއްޞަ ހުނަރެއް ދެއްވާފައިވާ މީހަކަށްވާ އިރު، އެ ހުނަރު ބޭނުންކޮށްގެން ދުނިޔެއަށް ހެޔޮ ބަދަލެއް ގެނައުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.

އިންސާފުވެރިކަމާއި އިންސާނީ ކަރާމާތުގެ މުހިންމުކަމެވެ. ޓިއުރިން ފަދަ އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިންސާނަކަށް، އޭނާގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކެއްގެ ސަބަބުން އޭރުގެ މުޖުތަމަޢުން ކުރި އިހާނެތިކަމަކީ ތާރީޚުގެ ކަޅު ސަފުޙާއެކެވެ. މިއިން އެނގެނީ، އިންސާނެއްގެ އަގުވަޒަންކުރަންވާނީ އޭނާ މުޖުތަމަޢަށް ކުރާ ފައިދާއާއި އޭނާގެ އުޅުމުގެ މައްޗަށް ބަލައިގެން ކަމެވެ. ދަރިވަރުން ދަސްކުރަންވީ، ކޮންމެ އިންސާނަކަށް ވެސް އިހްތިރާމްކުރުމާއި ތަފާތުކުރުންތަކުން އެއްކިބާވެ، އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމެވެ.

ޓިއުރިންގެ ޙަޔާތުގެ ނިމުން އައީ 1954ވަނަ އަހަރު ވަރަށް ވެސް ހިތްދަތި ގޮތަކަށެވެ. އުމުރުން އެންމެ 41 އަހަރުގައި އޭނާ އަމިއްލައަށް ދުނިޔެއާ ވަކިވިއެވެ. ނަމަވެސް، މިއަދު ދުނިޔެ މިވަނީ އޭނާގެ އަގު ވަޒަންކޮށްފައެވެ. އިނގިރޭސި ސަރުކާރުން އޭނާގެ ކިބައިން ރަސްމީކޮށް މަޢާފަށް އެދި، އޭނާގެ ނަން ވަނީ އިއްޒަތްތެރިކޮށްފައެވެ. މިއަދު އަޅުގަނޑުމެން ބޭނުންކުރާ ކޮންމެ ސްމާޓްފޯނަކާއި ކޮންމެ ކޮމްޕިއުޓަރެއްގެ ހިތަކީ ޓިއުރިންގެ ފިކުރެވެ.

އެލަން ޓިއުރިންގެ ޒިކުރާއަކީ އިންސާނީ ނަސްލު ދެމިއޮތްހާ ހިނދަކު ފަނޑުވުމެއް ނެތި ފެންނަން ހުންނާނެ އަލިގަދަ ތަރިއެކެވެ. އޭނާގެ ޙަޔާތުން ދަސްވާ އެންމެ ބޮޑު ހަގީގަތަކީ، އިންސާނާގެ ޖިސްމު ފަނާވެދިޔަ ނަމަވެސް، އެ މީހަކު ދޫކުރާ ހެޔޮ ފިކުރާއި އިލްމީ އީޖާދުތަކަކީ އަބަދަށް ދެމިއޮންނާނެ މުދަލެއް ކަމެވެ. އެލަންއަކީ މާޒީގެ ބޭފުޅެއް ނޫނެވެ. އޭނާއަކީ ޓެކްނޮލޮޖީގެ މުސްތަޤުބަލު ކޮންމެ ދުވަހަކު ވެސް އާކޮށްދޭ ދިރިހުރި ރޫޙެކެވެ.