ޖެންޒީ ނުވަތަ ޖެނެރޭޝަން ޒެޑުގެ ބަސްމަގަކީ ބަހަވީ ޢިލްމުގެ އުދަރެހުން ފެންނަން ފަށައިފައިވާ އާދަޔާ ޚިލާފު ”ސުމޭކީ އިންގިލާބެކެވެ“. 1997އާއި 2012އާ ދެމެދު އުފަންވި ޖެންޒީ ޖީލަކީ ޓެކްނޮލޮޖީގެ ފުން ކަނޑުތަކުގެ ތެރެއަށް ލޯ ހުޅުވުނު ސުމޭކީ އަހުލުވެރީން ނުވަތަ ”ޑިޖިޓަލް ނޭޓިވްސް“ ކަމަށްވާ އިރު، އެ މީހުންގެ ބަސްމަގަކީ ހަމައެކަނި މުވާސަލާތާއި މުއާމަލާތުކުރުމުގެ ވަސީލަތެއް ނޫނެވެ. އެއީ އެ މީހުންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ، ސަގާފީ އަދި އިޖުތިމާއީ އުސޫލުތަކެކެވެ. ނުވަތަ އެބައިމީހުންގެ ”ސިއްރު ކޯޑެކެވެ“.
ޖެންޒީ ބަސްމަގުގެ އޮނިގަނޑު ބިނާވެފައިވަނީ ބަހަވީ ޢިލްމުގެ ގަވާއިދުތަކަށް ވުރެ ބޮޑަށް، މުއާމަލާތުގެ ހަލުވިކަމާއި ސިއްރުވެރިކަމާއި އިހުސާސްތައް އެންމެ ފުރިހަމައަށް ބަޔާންކޮށްދޭ ކުރު ގޮތްތަކެއްގެ މައްޗަށެވެ. މި ޖީލުން ލަފުޒުތައް އުފައްދާ މައިގަނޑު ހަތަރު އޮނިގަނޑެއް ފާހަގަކުރެވެއެވެ. ފުރަތަމަ އޮނިގަނޑަކީ ”ކުރުކުރުން“ ނުވަތަ ”ކްލިޕިންގ“އެވެ. މިއީ ދިގު ލަފުޒެއްގެ ބައެއް އުނިކޮށްލައިގެން އާ ލަފުޒެއް އުފެއްދުމެވެ. މީގެ އެންމެ މަޝްހޫރު އިނގިރޭސި މިސާލަކީ، މީހުން ހިތްދަމައިގަންނަ ފަދަ ޖަޒުބާތީ ބާރު ހާމަކޮށްދިނުމަށް ބޭނުންކުރާ ”ކެރިޒްމާ“ (Charisma) އިން އުފަންވި ”ރިޒް“ (Rizz)އެވެ. މި ލަފުޒު އުފެދިފައިވަނީ އެ ލަފުޒުގެ މެދުގައި ހިމެނޭ ބައިންނެވެ. ”ގެރެންޓީ“ ކުރުކޮށްލައިގެން ދިވެހި ޒުވާނުން ކިޔާ ”ގެރޭ“ މިއީ މި ގޮތްތައް ދިވެހި ޒުވާނުން ތެރޭ އޮތްކަމުގެ ހެއްކެކެވެ.
ޖެންޒީގެ ބަސްމަގުން ފެންނަ ދެވަނަ އޮނިގަނޑަކީ މާނަ ބަދަލުކުރުމެވެ. މިއީ ބަހުގެ ރަދީފުގައި ހިމެނޭ އަސްލު މާނަ މުޅިން ބަދަލުކޮށްލައި، އާ މާނައެއްގައި ލަފުޒުތައް ބޭނުންކުރުމެވެ. މިސާލަކަށް ”ޓީ“ (Tea)، މީގެ އަސްލު މާނައަކީ ސައި ނަމަވެސް، ޖެންޒީން މާނަކުރަނީ ސިއްރު ވާހަކައަށެވެ. މިސާލަކަށް ”އަވަހަށް ’ޓީ‘ އޮއްސާލަބަލަ“، މާނައަކީ ސިއްރު ވާހަކަތައް ކިޔައިދީބަލާށެވެ. ހަމައެހެންމެ، ”ސްލޭ“ އަސްލު މާނައަކީ ”ގަތުލުކުރުން“ ކަމަށް ވިޔަސް، މިހާރު މީގެ މާނައަކީ ”ވަރަށް މޮޅު“/“ވަރަށް ފުރިހަމަ“އެވެ. މީގެ ދިވެހި މިސާލަކަށް ބަލާ އިރު، ”އޮބި“ މިއީ، މަހެއްގެ ސިފައަށް ލަކުޑިން ހަދާފައިވާ ދައްޗެއް ނަމަވެސް، ދިވެހި ޖެންޒީން މި ލަފުޒު ބޭނުންކުރަނީ ”އެންމެ ފުރިހަމަ“ މާނައިގައެވެ. ”ސަޅި“ ވެސް މިއީ މިފަދަ ދިވެހި މިސާލެކެވެ. ”ސަޅި“ މި ލަފުޒުގެ ނައްސި މާނަކަމަށްވާ ”ބޮޑާ“ގެ ބަދަލުގައި ޒުވާނުން މި ލަފުޒު ބޭނުންކުރަނީ ”ފުރިހަމަ“، ”މޮޅު“ ފަދަ ފައްސި މާނައިގައެވެ.
ޒުވާނުންގެ ބަސްމަގުން ފެންނަ ތިންވަނަ އޮނިގަނޑަކީ ”އަކުރުތައް އެއްކޮށްލައިގެން ލަފުޒު ހެދުން“ (Acronyms)އެވެ. މިއީ، ޖުމުލައެއްގެ ކޮންމެ ލަފުޒެއްގެ ފުރަތަމަ އަކުރު ނަގައިގެން އުފައްދާ ލަފުޒުތަކެވެ. މިސާލަކަށް އިނގިރޭސި ބަހުގައި ހިމެނޭ ”POV“(Point of View) ނުވަތަ ”GOAT“(Greatest of All Time) އެވެ. މިސާލަކަށް ”މިއީ އަސްލު ވެސް ގޯޓެއް“، މާނައަކީ މިއީ ހުރިހާ ޒަމާނަކަށް ބަލާ އިރު ވެސް އެންމެ މޮޅު މީހާއެވެ. މި ގިންތިއަށް ފެތޭ ދިވެހިލަފުޒުތައް ހުންނާނެ ކަމަށް ގަބޫލުކުރެވެއެވެ.
ޖެންޒީ ބަސްމަހުގެ ހަތަރުވަނަ އޮނިގަނޑަކީ ”އާ މާނަ ތައާރަފުކުރުން“ (Neologism)އެވެ. މިއީ މުޅިން އާ ހާލަތްތަކަށް ބިނާކޮށް އުފައްދާ ބަސްތަކެވެ. ހިޔާލީ ދުނިޔެއެއްގައި އުޅުމުގެ މާނައިގައި ބޭނުންކުރާ ”ޑެލޫލޫ“ (Delulu) މިއީ ޑެލޫޝަނަލް (Delusional) މި ބަހަށް މަޖާ ގޮތެއް ގެނެސްގެން އުފައްދާފައިވާ ބަހެކެވެ. މީގެއިތުރުން، ”ސޮލުލޫ“ (Solulu)އަކީ ވެސް ޖެންޒީންގެ މެދުގައި މަޤުބޫލު ލަފުޒެކެވެ. މިއީ ސޮލިއުޝަން (Solution)އެވެ. މި ބަސް އާންމުކޮށް ބޭނުންކުރަނީ ޑެލުލޫއާ ގުޅުވައިގެންނެވެ. ޖެންޒީން ބޭނުންކުރާ ވަރަށް މަޝްހޫރު ބުނުމެއް އޮވެއެވެ. އެއީ ޚިޔާލީ ދުނިޔެއެއްގައި އުޅުމަކީ ހައްލުކަން ބަޔާންކުރުމަށް ބުނާ ”ޑެލޫލޫ އިސް ދަ ސޮލޫލޫއެވެ“ (Delulu is the Solulu).
ޖެންޒީ ބަސްމަގުގެ މައިގަނޑު ރާގަށް ނަޒަރު ހިންގާ އިރު ފާހަގަކުރެވެނީ، މިއީ އިންސާނީ ގުޅުންތަކުގެ މެދުގައި އޮންނަ ހަރުކަށި ގޮތްތައް ނައްތައިލައި، ”އޮތެންޓިސިޓީ“ ނުވަތަ ހަގީގީ އިހުސާސްތަކަށް ބިނާވެފައިވާ ލަތީފީ (ލޮބުވެތި/އޯގާތެރި) އަދި މަޖާޒީ ރާގުގެ ބަސްމަގެއް ކަމެވެ. ބަހަވީ ދިރާސާތަކުން ދައްކާ ގޮތުގައި، ޖެންޒީން ރަސްމީ ބަހުރުވައިގެ ”ފުލް ސްޓޮޕް“ ބޭނުންކުރުން މަދުކުރަނީ، އެއީ މާ ހަރުކަށި ނުވަތަ ރުޅިވެރި ރާގެއް ކަމަށް އެމީހުންނަށް އިހުސާސްކުރެވޭތީއެވެ. މި ބަސްމަގުގައި ހުންނަ ސަމާސާ ރާގަކީ ވެސް ހަގީގަތްތަކާ ކުރިމަތިލުމަށް ޒުވާނުން ބޭނުންކުރާ މަޑުމައިތިރި ވައްޓަފާޅިއެކެވެ. މި ޖީލުގެ މުއާމަލާތުގައި ބޮޑަށް ބޭނުންކުރެވެނީ ނުވަތަ އަމިއްލަ ނަފުސަށް ޖޯކު ޖަހައިގެން ކަންކަން ކިޔައިދޭ މަޑުމައިތިރި ރާގެކެވެ. މި ރާގުގެ ސަބަބުން މުއާމަލާތުގެ ތެރޭގައި އޮންނަ ނުތަނަވަސްކަން ކުޑަވެ، ވާހަކަދައްކާ ދެ މީހުންގެ މެދުގައި އޮންނަ އިޖުތިމާއީ ފަރަގު ކުޑަކޮށްދެއެވެ.
ޖެންޒީގެ ބަސްމަގު ފުރިހަމަވަނީ ހަމައެކަނި އަކުރުތަކަކުން ނޫނެވެ. އޭގެ ތެރޭގައި ”ވިޝުއަލް ލޭންގުއޭޖް“ ނުވަތަ ފެންނަ ފެނުމަށް ބިނާވާ މުއާމަލާތުގެ ވަސީލަތްތައް ކަމަށްވާ އިމޯޖީއާއި މީމްސް މުހިންމު ދައުރެއް އަދާކުރެއެވެ. ޖެންޒީން އިމޯޖީ ބޭނުންކުރަނީ އޭގެ އަސްލު މާނައިގައެއްނޫނެވެ. މިސާލަކަށް ކަމަކާ ހިނި އައުމުން ބޭނުންކުރާ ”ސަގާފީ“ ހިނިތުންވުމުގެ (🙂) އިމޯޖީގެ ބަދަލުގައި، އެ މީހުން ބޭނުންކުރަނީ ”މަރުވެފައިވާ ބޯކަށިގަނޑެއްގެ“ (💀)ގެ އިމޯޖީއެވެ. މީގެ މާނައަކީ އެ ކަމެއްގެ ސަބަބުން ”ހިނިއައިސްގެން މަރުވެއްޖެ“އެވެ. ހަމައެހެންމެ، މީހަކަށް ތައުރީފުކުރުމަށް ނުވަތަ އެ މީހަކު ކުރި ކަމެއް ވަރަށް ފުރިހަމަ ކަމަށް ބުނުމަށް ”އަލިފާން“ (🔥) ބޭނުންކުރާ އިރު، ކަމަކާ ހައިރާންވުމުން ނުވަތަ ބުނާނެ އެއްޗެއް ނޭނގުމުން ”ލޮލާއި ނޭފަތް“ (👁️👄👁️) އެއްކޮށްލައިގެން އުފައްދާފައިވާ އިމޯޖީތައް ބޭނުންކުރެއެވެ. އަދި ވަކީން ހާއްސަކޮށް، މީހަކު ކުރާ ކަމަކުން ނުވަތަ ބުނާ ބަހަކުން އުނދަގޫވެގެން ނުވަތަ ލަދުގަނެގެން ”ރޮމުން ހޭ“ (😭) އިމޯޖީ ބޭނުންކުރެއެވެ. މިފަދަ އިޝާރާތްތަކަކީ ބަހުގެ އިހުސާސްތައް މުއްސަނދިކޮށްދީ، މުއާމަލާތަށް އިތުރު ފުންމިނެއް ގެނެސްދޭ، ބަހުގެ ބައެއްގެ ގޮތުގައި މިހާރު ބެލެވޭ ވަސީލަތްތަކެކެވެ. މިއީ ބަސް ލިޔުމުން ފާޅުކުރުމުގައި ހުންނަ ހުސްތަންތަން ފުރާލައި، ޖުމުލައެއްގެ ރާގު ސާފުކޮށްދޭ މުހިންމު އުކުޅެކެވެ.
ބަހަވީ އިލްމުވެރިޔާ ގްރެޗެން މެކަލޮކް އޭނާގެ ދިރާސާތަކުގައި ބަޔާންކުރާ ގޮތުގައި، އިންޓަނެޓް ބަސްމަގަކީ ބަސް ”ހަލާކުވުމެއް“ ނޫނެވެ. އެއީ ބަހުގެ މުއްސަނދިކަން އިތުރުކޮށްދޭ ބަހަވީ އީޖާދެކެވެ. ބަހަކީ ކޯރެއްގެ ފެންގަނޑު ފަދައިން ހަރަކާތްތެރިވާ އެއްޗެކެވެ. އެއް ތަނެއްގައި ހަރުލާފައި ހުންނަ ފެންގަނޑު ވިސަޑުވާ ފަދައިން، ބަދަލުނުވާ ބަހަކީ މަރުވަމުންދާ ބަހެކެވެ. ޖެންޒީން ބަސް ބޭނުންކުރާ ގޮތުން ދޭހަވަނީ، އެ މީހުން ބަހާ ދުރަށް ނުގޮސް، ބަހުގެ ތެރޭގައި ތިބެގެން ބަސް އާލާކުރާ ކަމެވެ. އެހެންކަމުން، ޒުވާނުން ބަސް ބޭނުންކުރުމުގައި މި ގެންގުޅޭ އާދަޔާ ޚިލާފު ގޮތްތަކަކީ ބަހުގެ ދިރުން ދެމެހެއްޓުމަށް އެޅޭ ބާރެކެވެ.
ޖެންޒީގެ ބަސްމަގަކީ ބަހަވީ ބަގީޗާތަކުގައި ފޮޅެމުންދާ އާ މަލެކެވެ. މިއީ ބަހުގެ ހައިބަތަށް އޮތް ބިރެއްގެ ބަދަލުގައި، ބަސް ޒަމާނީކޮށް، އާ މަފުހޫމުތައް ބަހުގެ ތެރެއަށް ވެއްދުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ބަހުގެ ”ސާފުކަން“ ރައްކާތެރިކުރުމާ އެކު، ބަހުގެ ”ދިރުން“ ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. ޖެންޒީ ބަސްމަގުގެ ތެރެއިން ދިވެހިބަހަށް ވަންނަ އާ ލަފުޒުތަކަކީ ބަސް މަރުވިޔަނުދީ، އާ ޖީލުތަކާ ގުޅުވައިދޭ ފާލަމެވެ. މިއީ ބަސް ހަލާކުވުމެއް ނޫނެވެ. އެއީ ބަސް ބަދަލުވަމުންދާ ދުނިޔެއަށް ފަރިތަވެ، އާދިރުމެއް ހޯދުމެވެ. ތިބީން ކުރާންވީ ކަމަކީ މި ބަސްމަގަށް ދިވެހި ވެށިތަކަށް ވެހިކޮށް ޖާގަ ދިނުމެވެ.