އިރުޝާދު, ލިޔުން, ސާނަވީ

ހުކުރު ދުވަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދަރިވަރުންނަށް ޢަމަލުކުރެވިދާނެ ގޮތް

ހުކުރު ދުވަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދަރިވަރުންނަށް ޢަމަލުކުރެވިދާނެ ގޮތް

ކީރިތި ރަސޫލާގެ ހަދީޘުން އެނގި ސާބިތުވާ ގޮތުގައި ހަފުތާގެ ދުވަސްތަކުގެ ތެރެއިން، އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެއީ، މުސްލިމުންނަށް އަންނަ ހަފުތާގެ ޢީދު ދުވަހެވެ. މީގެއިތުރުން، ހުކުރު ނަމާދަކީ ހަފުތާ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމަށް ވެސް ސުންނަތުން ސާފުވެއެވެ. އެހެންކަމުން، ކޮންމެ މުސްލިމަކު ވެސް، ވަކީން ޚާއްޞަކޮށް ކިޔަވާ ކޮންމެ ދަރިވަރަކު ވެސް، ހުކުރު ދުވަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ސަމާލުވާންޖެހެއެވެ. މިކަން ކުރުމަށް ދަރިވަރުންނަށް ޢަމަލުކުރެވިދާނެ ގޮތުގެ ބައެއް އިރުޝާދު ހިއްސާކޮށްލާނަމެވެ.

ހުކުރު ދުވަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް، ވީހާ އަވަހަށް ހުކުރަށް ދިޔުމަށް އާދަކުރާށެވެ. އަދި ހުކުރު ދުވަހުގެ ފުރަތަމަ ސާއަތުގައި މިސްކިތަށް ދާށެވެ. އޭރުން، ﷲގެ މަގުގައި ރަތް ޖަމަލެއް ޤުރުބާންކުރުމުން ލިބޭ ސަވާބު ލިބޭނެއެވެ. މީގެއިތުރުން، ހުތުބާ ކިޔަން ފެށުމުގެ ކުރިން، އަވަހަށް ހުކުރަށްދިޔުމުން ލިބޭ ސަވާބުގެ މިންވަރު އިތުރުވާނެތީ މިކަމަށް ސަމާލުވާށެވެ. އަދި އިމާމާ މިންބަރަށް އެރުމުގެ ފަހުން ހުކުރަށްދާ މީހުންގެ ނަން ނޯޓުކުރުން، މަލާއިކަތުން ހުއްޓައިލައްވާނެ ކަމަށް ޤަބޫލުކޮށް، ހުކުރަށް ދިޔަ މީހުންގެ ލިސްޓުގައި ތިބާގެ ނަން ހިމެނޭތޯ މަސައްކަތްކުރާށެވެ. އެހެންނޫނީ، ހުކުރުން ލިބެންވާ ފުރިހަމަ ސަވާބާއި ދަރުމަ ނުލިބޭނެއެވެ.

ހުކުރުގެ ޖަމާއަތުގައި އިއްވާ ހުތުބާ އަޑުއެހުމަކީ ވެސް ހުކުރު ދުވަހުގެ ދަރުމަ ފުރިހަމައަށް ހޯދުމަށް ކުރެވިދާނެ ކަމަކަށްވާތީ މިކަމަށް ދަރިވަރުން ސަމާލުވާށެވެ. މިގޮތުން، ހުކުރު ހުތުބާއަކީ ހަނދާންކޮށްދިނުމާއި، ދަސްކޮށްދިނުމަށް އަމާޒުކޮށް ހިއްސާކުރާ ދީނީ ދަރުހެއްކަން ހަނދާން ބަހައްޓާށެވެ. ހުތުބާއިން ތިމާގެ އަމިއްލަ ނަފުސާއި މުޖުތަމައުގައި ހުރި އިސްލާހުކުރާންވީ ކަންކަން ކިޔައިދޭނެތީ، ކަނުލައި ހުތުބާ އަޑު އަހާށެވެ. މީގެއިތުރުން، ހުތުބާ ކިޔާއިރު، މިސްކިތުން ބޭރުގައި ތިބެ ވާހަކަދެއްކުމާއި ފޯނުން ގޭމުކުޅުމާއި އިންޓަރެނެޓުން އެކި ސައިޓުތަކަށް ވަނުން ފަދަ ކަންކަން ކުރުމުން ދުރުހެލިވާށެވެ. ހުތުބާ އަޑުނާހާ ދުނިޔަވީ ކަންކަމުގައި މަސްއޫލުވެ ވެއްޖެނަމަ އަޒާބު ލިބޭނެކަން ދަންނާށެވެ. މި ކަންކަމަށް ސަމާލުވެ ކަނުލައި ހުތުބާ އަޑުއެހުމުން، ހުތުބާގެ ޒަރިއްޔާއިން ހިއްސާކުރާ ދަރުސްތަކާއި ނަސޭހަތްތައް ފަސޭހައިން ދޭހަވެ ތިމާގެ ވިސްނުމާއި ފިކުރަށް ހެޔޮ ބަދަލު އަންނާނެއެވެ.

ހުކުރު ދުވަހު ވީހާ ގިނައިން އަޅުކަންތަކުގައި މަސްއޫލުވެ އުޅުމަކީ ވެސް އެ ދުވަހުގެ ދަރުމައާއި ސަވާބު ހޯދުމަށް ދަރިވަރުންނަށް ފަސޭހައިން ކުރެވޭނެ ކަމެއްކަން ޤަބޫލުކުރާށެވެ. މިގޮތުން، ހުކުރު ދުވަހު އަސުރު ނަމާދާއި މަޣްރިބު ނަމާދާ ދެމެދު ނުވަތަ އިމާމާ މިންބަރުގައި އިށީނުމުން ފެށިގެން ހުކުރުކޮށް ނިމުމާ ދެމެދު ދުޢާކުރުން އިތުރުކުރާށެވެ. އޭރުން، ދުޢާ އިޖާބަކުރެއްވުމުގެ ފުރުސަތު ބޮޑުވާނެއެވެ. މީގެއިތުރުން، ހުކުރު ދުވަހު ވީހާ ގިނައިން ކަހްފު ސޫރަތް ކިޔަވާށެވެ. ހުކުރު ވިލޭރެއިން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރިން ކަހްފު ސޫރަތުން ކޮންމެ ވެސް މިންވަރެއް ކިޔެވޭތޯ ބަލާށެވެ. އޭރުން، ދެ ހުކުރު ދެމެދުގައި ތިމާއަށް އަލިކަމެއް ލިބި، އެއް ހުކުރުން އަނެއް ހުކުރާ ދެމެދު ކުރެވޭ ފާފަތައް ފުހެވިގެން ދިޔުމަށް މަގުފަހިވާނެއެވެ.

ހުކުރު ދުވަހުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ވީހާ ވެސް އަވަހަށް ހުކުރަށްދާށެވެ. ދުނިޔަވީ ކަންކަމުން ދުރުވެ ހުތުބާ ކަނުލައި އަޑުއަހާށެވެ. އެހެންމެ، ހުކުރު ދުވަހު ވީހާ ގިނަ ވަގުތު އަޅުކަމުގައި ވަގުތު ހޭދަކޮށް ﷲއަށް ދަންނަވާށެވެ. މި އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ދަރިވަރުން ވެސް ޢަމަލުކުރާށެވެ. އޭރުން، ކޮންމެ ދަރިވަރަކަށް ވެސް، ހުކުރު ދުވަހުން ލިބޭ ސަވާބާއި ދަރުމަ އިތުރުވެގެންދާނެއެވެ.