ރިޕޯޓް, ލިޔުން

”ޝޮހީދު ދިބޮޝް“ އާއި ”ޝަހީދުންގެ ދުވަސް“ އެއް ދުވަހަކަށްވީ ހިނދު

”ޝޮހީދު ދިބޮޝް“ އާއި ”ޝަހީދުންގެ ދުވަސް“ އެއް ދުވަހަކަށްވީ ހިނދު

1952 ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު ބަހާއި ބަހުގެ ޙައްޤުގައި ބަންގާޅުގެ ޒުވާނުންތަކެއް ލެއިން ޤުރުބާންވުމުން، އެ ޝަހީދުންގެ ފުށުން ހިތްވަރު ލިބިގަނެ، މުޅި އިރުމަތީ ޕާކިސްތާނު އެއްބައިވެ، ކޮޅަށް ތެދެވެ ހިންދެމިލީ މަދަނީ ބަސްއެހުންތައް ކިހިޖަހައިލައިގެންނެވެ. އެއާއެކު ކުރިމަތިވަމުން ދިޔަ ފިއްތުންތަކަށް ނިމުމެއް އައިސް ޞުލްހައިގެ ދޮރުތައް ހުޅުވިގެން ދިޔައީ، އުރުދޫ ބަހާ އެއްފަދައިން ބަންގާޅު ބަހަކީ ވެސް ޕާކިސްތާނުގެ ޤައުމީ ބަހެއްގެ ގޮތުގައި މަރުކަޒީ ސަރުކާރުން ބަލައިގަތުމާއެކުގައެވެ. އެ ހަރަކާތުން ކަފިކަފިވި ޚިޔާލުތަކާއި ކުރިމަތިވި ފިއްތުންތަކުގައި ގޮފިތަކުން އޮފި ފަޅައި ނުކުތް ކުރިތަކުން އެޅި މޭވާއަކީ މިއަދު މިދެކޭ ބަންގުލަދޭޝްއެވެ. 1971ވަނަ އަހަރު އިރުމަތީ ޕާކިސްތާނުގެ ބަންގުލަދޭޝްގެ ނަމުގައި މިނިވަން މުސްތަޤިއްލު ޤައުމެއް ވުޖޫދުވެ ދުނިޔޭގެ ޗާޓަށް ފުރިހަމަކަމެއް ލިބިގެން ދިޔުމެވެ. މިއީ އަމިއްލަ ބަހާއި އެ ބަހުގެ ދިފާއުގައި އިންސާނީ ނަސްލަކުންވީ އެންމެ މަތިވެރި ޤުރުބާނެވެ. ބަންގުލަދޭޝްއިން މި ދުވަސް ފާހަގަކުރަމުން އެ ދަނީ ޤައުމީ ބަންދު ދުވަހެއްގެ ގޮތުގައި، ”ޝޮހީދު ދިބޮޝް“ (ބަހުގެ ޝަހީދުންގެ ދުވަސް)ގެ ގޮތުގައެވެ.

21 ފެބުރުވަރީ މުޅި ދުނިޔެއިން ފާހަގަކުރަމުން މިދަނީ މިދެންނެވި ހަނދާންތައް އައު ކުރަމުންނެވެ. އެ ޝަހީދުންގެ ޒިކުރާތައް އައުކުރަމުންނެވެ. އެ ހަނދާންތައް ގުޅިމެހިގެން ދަނީ މާދަރީބަހާއެވެ. މާދަރީބަހުގެ މުހިއްމުކަން ވެހީންނާއި ބަހުގެ އަހުލުވެރީންނަށް ވިސްނައިދިނުމަށް ޓަކައެވެ. 2000 ވަނަ އަހަރު އ.ދ ގެ ތަޢުލީމާއި ސައިންސާއި ސަގާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ) އިން 21 ފެބްރުއަރީ އެއީ ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް ކަމުގައި ކަނޑައެޅީ މަޤުޞަދަކަށް ޓަކައެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ތަރިކައިގެ ތެރޭގައި ހިމެނޭ ބަސްބަހާބެހި ދިރުވާ އާލާކުރުމުގެ މުހިއްމުކަމަށް ޓަކައެވެ. މަރުގެ ތުންފަތްމަތީގައި ހުރި ބަސްބަހާ ބެއްސަށް ހޭހަން ކޮށްދިނުމަކީ ދުނިޔޭގެ ޒިންމާއެއްކަން އަންގައިދިނުމަށެވެ. އެހެންމެ، އެއީ ބަހަވީންގެ ބަހަވީ ޒިންމާއެއްކަން މޭރުންކޮށްދީ، ތިބީން ކުރާން ޖެހޭ ކަމެއްކަން ވިސްނައިދިނުމަށް ޓަކައެވެ.

21 ފެބުރުވަރީ އަޅުގަނޑުމެން އިހުތިފާލުކުރަމުންދާއިރު ދިވެހިބަހުގެ ހާލަތާމެދު ވިސްނައިލަން ޖެހެނީ މިދެންނެވި މުރާދުގައި މި ދުވަސް ފާހަގަކުރުމަށެވެ. ވަޒަންހަމަ ގޮތެއްގައި ދުވަހުގެ މަޤުޞަދު ހާސިލުކުރުމަށެވެ. އާދޭހެވެ. އަދު ފެންނަނީ ހިތަށް އަސަރުކުރުވާ ފަދަ މަންޒަރެކެވެ. ދިވެހި ބިމަށް އުފަން ދިވެހި މައިންނާއި ބަފައިންގެ ފުށުން ތަރުބިއްޔަތުގެ ބިންގާ ދަމައިލެވޭ ޅަދަރީންގެ މާދަރީބަހަކީ ބޭރުގެ ބަހަކަށްވަމުންދާ މަންޒަރެވެ. ދިވެހި ވެށީގެ ޚިދުމަތަށް ނެރެން ފައްކާކުރާ ދަރިފުޅުގެ މާދަރީބަހަކީ އިނގިރޭސިބަހަށް ހެދޭ މަންޒަރެވެ. މިއީ ޤައުމު ދެކެ ލޯބިވާ އެއްވެސް މަޔަކާއި ބަފަޔަކު ކުރާނެ ކަމެއްތޯ ސުވާލުކޮށްލެވެއެވެ.

އެއްބަހެވެ. އިނގިރޭސިބަހަކީ ލާމެހިފައި މިވާ ދުނިޔެއަށް މުހިއްމު ބަހެކެވެ. އަދި އެބަހައި ނުލައި އުޅޭން އުނދަގޫވެ، ދަތިތަކާ ކުރިމަތިވާނެ ބަހެއް ވެސް މެއެވެ. ދަރިފުޅަށް ދެބަސް ނުވަތަ އެއަށްވުރެ ގިނަބަސް ދަސްކޮށްދިނުމަކީ ވެސް މައްސަލައެއް ނޫނެވެ. ނަމަވެސް، ހިތާމައަކީ ކޮށަންވީ މަގު ބޭއްވުމަށްފަހު އެހެން މަގެއްކޮށައި މަގު ދެއްކޭތީއެވެ. ދިވެހިބަހަށް އިހުމާލުވުމަށްފަހު އެ މަގު ޚިޔާރު ކުރެވޭތީއެވެ. އާޚިރު ނަތީޖާއަކީތޯއެވެ! އާދޭހެވެ. ޤައުމިއްޔަތުގެ އެއް ބަހާކަމުގައިވާ ދިވެހިބަހަށް އޮތް ލޯބި ދަރީންގެ ހިތުން ފިލައިގެން ދިޔުމެވެ. ”ޤައުމިއްޔަތޭ ހުއްބުލްވަޠަނޭ“ ކިޔައި، ޤައުމަށް ޓަކައި ނުކުންނާން ތިބި ދަރީންގެ ހިތުގައި ބޭރުގެ އޮށެއް މުޑުވައް ކުރެވޭ ކަމެވެ.

މިއަހަރުގެ މާދަރީބަހުގެ ދުވަސް ދިމާވަނީ ރާއްޖޭގައި ފާހަގަކުރާ ޝަހީދުންގެ ދުވަހާއެވެ. ހިޖުރައިން 965ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހު، ”ދިވެހި އުއްމަތުގެ ޙައްޤުގައި ހަށިފޮޅައިލާ ދިވެހި ދިދަ ހިމާޔަތްކުރާން އަތުގުޅައިލާ“ ނުކުންނެވި ހިތްވަރުގަދަ ފަހުލަވާނުންގެ ޛިކުރާ އާކުރުމަށް ފާހަގަކުރެވޭ ދުވަހާއެވެ. އެ ދުވަހު ދިވެހި ޤައުމިއްޔަތުގެ ޙައްޤުގައި އިސްލާމްދީނުގެ ދިފާއުގައި ޕޯޗުގީޒުން ނުވަތަ ފުށެތިކާލުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވަނިކޮށް ޝަހީދުވެލެއްވި އަލި ރަސްގެފާނުގެ ޛިކުރާ އާކުރާ ދުވަހާއެވެ.

މާދަރީބަހުގެ ދުވަހާއި ޝަހީދުންގެ ދުވަސް އެއްވެ މީޒާންވުމުން ކުރެވޭ އިހުސާސް ތަފާތުވާން އެބަޖެހެއެވެ. މާދަރީބަހުގެ ހައްޤުގައި ބަޔަކު ޝަހީދުވެ ދިޔަ ހާދިސާއާއި، ޤައުމާއި ދީނުގެ ޙައްޤުގައި އަލިރަސްގެފާނުންގެ މާތް ލޭފޮދުން ދިވެހިބިން ތެންމައިލުމުން ކުރެވޭ އިހުސާސްތައް އެއްހަމަ ނުވިނަމަވެސް، މިއަދު އެފަދަ ޖަޒުބާތެއް ހިލިގަންނާނެ ބަޔަކު އުފަންކުރާން ނުވޭތޯއެވެ؟

އިވެނީ ޤައުމިއްޔަ ރުކުންތަކަށް ފުރިހަމައަށް ބޯލަނބާނެ ކަމަށް ކުރެވޭ ދަޢުވާގެ އަޑެވެ. ނަމަވެސް، ފެންނަނީ ޤައުމިއްޔަތުގެ ބަހާތަކާއި ރުކުންތަކަށް ފައިން އަރަމުން ބޭރުގެ ގޮތްތަކަށް ރޭރުވެގެން އުޅެވޭ މަންޒަރެވެ. ދިވެހިބަހާއި ބަހުގެ ޙައްޤުގައި ވަކާލާތު ކުރެވޭނެ މަންސަތަކާއި މައިޒާންތައް ހުސްވަމުންދާތަނެވެ. ބަހަށް ޓަކައި ތެދުވާ މީހެއްނަމަ ގަނާގެ ޝިކާރައަކަށްވެ މަގުމަތިވެ ހަފުސްކޮށްލެވޭ މަންޒަރެވެ. ބަހަށް ލޯބިކުރުމަށް ގޮވާލެވޭ ދޫތައް ހިމޭންވަމުންދާ މަންޒަރެވެ. މިއީ ޤައުމީ ނިސްބަތުން ދެރަވެ މާޔޫސްވާން ޖެހޭ ކަންކަމެވެ.

އެ ދުވަހު ބަންގާޅުން ދެއްކި ނަމޫނާއިން ހިތްވަރު ލިބިގަނެ، ބަހުގެ ހައްޤުގައި ތެދުވާން މިއަދު އެބަޖެހެއެވެ. ދިވެހިބަހަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށް ދިވެހިބަހަށް ހޭހަންކޮށްދޭން އަތްތަކެއް އުފަންކުރުމަށް ޤައުމިއްޔަ ހިތްވަރެއް އުފަންކުރުވަން އެބަޖެހެއެވެ. ބަހާއި ބަހުގެ ޙައްޤުގައި ތެދުވެ ޚިދުމަތްކުރާނެ ދިވެހި ދަރީންތަކެއް ތަރުބިއްޔަތުކުރާން އެބަޖެހެއެވެ. މުނިމުނީންގެ ފުށުން އެ ހިތްވަރު ހޯދައިގެން މުނިދަރީންނަށް މޫރިތިވި ދިވެހިބަހުގެ ތޫނުކަމާއި ބަލާޣާތްތެރިކަން ދަސްކޮށްދޭން އެބަޖެހެއެވެ. އެއީ މިފަދަ ބަހުގެ ޝަހީދުންގެ ދުވަހެއް ފާހަގަކުރެވޭ ހިނދު ވިސްނުމުގެ ތަރަހައިގައި ގެންގުޅެންވީ ފިކުރެވެ.